ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އިމާރާތުގެ ބިންގާ އަޅައިފި

ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އިމާރާތުގެ ބިންގާ އަޅައިފި

Author
ހުސައިން
25 އޮގަސްޓް 2025 10:22
0

ހދ. ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކެބިނެޓު ވަޒީރުން ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫއަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ.

ހޮސްޕިޓަލުގެ ބިންގާ އެޅުއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް އަދި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ. މި ހޮސްޕިޓަލަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެކެވެ.

ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަމުން ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މިގޮތުން ޑައިލިސިސް ހިދުމަތާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ގެނެސް، މިއަހަރު ނިމުމުގެ ކުރިން ހިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށް ރައީސް ހާމަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ހިދުމަތްތައް ލިބެން ފެށުމުން ރައްޔިތުންނަށް ދުވަހުން ދުވަހަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. ހާއްސަކޮށް މޫސުން ގޯސްވާ ވަގުތުތަކުގައި ސިއްހީ ހިދުމަތް ހޯދުމަށް އެހެން ރަށްރަށަށް ދާންޖެހޭ ދަތިކަން ބޮޑަށް ކުޑަވެގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ހޮސްޕިޓަލުގެ މަސައްކަތް ފެށުމާއެކު، ހަނިމާދޫގައި އިތުރު ތަރައްގީގެ މަޝްރޫއުތައްވެސް ކުރިއަށްދަނީ ހަލުވިކަމާއެކުގައެވެ. އިއްޔެ ރަށުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައި، ފުލުހުންގެ މަރުކަޒާއި ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މި މަޝްރޫއުތައް ނިމުމުން ހަނިމާދޫ ރައްޔިތުންނަށް ލިބޭ އަސާސީ ހިދުމަތްތައް ފުރިހަމަވެ، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.