ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ޕާކިސްތާނު ބޮޑުވަޒީރު އެދިވަޑައިގަންނަވާކަމަށް ޝާހްބާޒް ވިދާޅުވެއްޖެ

ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ޕާކިސްތާނު ބޮޑުވަޒީރު އެދިވަޑައިގަންނަވާކަމަށް ޝާހްބާޒް ވިދާޅުވެއްޖެ

Author
ހުސައިން
16 އޮގަސްޓް 2025 01:55
0

ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝާހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ފާހަގަކުރެއްވީ ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖަށް ޖަވާބު ދެއްވަމުންނެވެ.

އޯގަސްޓް 14 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި ބޮޑުވަޒީރު މުހައްމަދު ޝާހްބާޒް ޝަރީފުގެ އިތުރުން އެ ގައުމުގެ ލޮބުވެތި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ. ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ޕާކިސްތާނު މިނިވަންވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެ ގައުމުން ވަނީ އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ރައީސް މުއިއްޒުގެ މެސެޖަށް ރައްދު ދެއްވަމުން ވިދާޅުވީ، ފޮނުއްވި ހިތްވަރުގަދަ ތަހުނިޔާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ މެސެޖަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އެކުވެރި އަދި އަހުވަންތަ ގުޅުން ދެމިއޮތްކަމުގެ ވަރަށް ސާފު ރަމްޒެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޕާކިސްތާނު ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ރަސްމީ ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ކަން ފާހަގަކުރެވެއެވެ. މި ދެ ގައުމުގެ ދެމެދުގައި ވަނީ ގާތްގަނޑަކަށް 58 އަހަރުގެ ދިގު ތާރީޚެއް ހިމެނޭ ވަރުގަދަ ގުޅުމެއް ޤާއިމްވެފައެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު، 1947 ވަނަ އަހަރު އިނގިރޭސިންގެ ވެރިކަމުން މިނިވަންވެ، ޕާކިސްތާން އަމިއްލަ ދައުލަތެއްގެ ގޮތުގައި އުފެދުނު ދުވަހުގެ ހަނދާނުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.