ރަށްރަށުގެ މަގުތައް ތަރައްޤީކުރުމުގައި ތާރުއެޅުމަށް ސަރުކާރުން މަޖުބޫރެއް ނުކުރާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން މަގުތައް ތަރައްޤީކުރުމުގެ ސިޔާސަތު ސަރުކާރުން ގެންގުޅުއްވާނެ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކައުންސިލްތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ލޯކަލް ޓުއަރިޒަމް ހިންގާ ބައެއް ރަށްތަކުން ވެލިމަގުތައް ދަމަހައްޓަން ބޭނުންވާކަން ފާޅުކޮށްފައިވާ ކަމަށާއި، އެފަދަ ރަށްތަކަށް މަގުތައް ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްތަކާއި އާލާތްތައް ފޯރުކޮށްދިނުމަށް ރައީސް ހުށަހަޅުއްވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތަކީ ހުރިހާ ރަށެއްގެ މަގުތައް ތާރުއަޅައި ތަރައްޤީކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން ގެންގުޅުއްވަނީ ރައްޔިތުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، ކޮންމެ ރަށަކަށް އެންމެ އެކަށީގެންވާ ގޮތަކަށް މަގުތައް ތަރައްޤީކުރުމުގެ ސިޔާސަތު ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.
މިހާތަނަށް ތިން ކައުންސިލަކުން މަގުތައް ތާރުއެޅުމުގެ ބަދަލުގައި، ވެލިމަގުތައް ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްތަކާއި އާލާތްތައް ހޯދައިދިނުމަށް އެދިފައިވާ ކަމަށް މިނިސްޓަރ މަޢުލޫމާތު ދެއްވިއެވެ. މިފަދަ ރަށްތަކުގައި ފެންބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމާއި، މަގުތައް ރަނގަޅަށް ބެލެހެއްޓުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ