ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރެއްވި އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދުގެ ހަނދާން އައުކުރުމަށް ހއ. ހޯރަފުށީގައި ބުރާސްފަތި ދުވަހުގެ ރޭ ތަޢުބީން ޖަލްސާއެއް ބާއްވައިފިއެވެ.
ހޯރަފުށީ ކައުންސިލުން އިންތިޒާމްކުރި މި ޖަލްސާގައި ވަޙީދުގެ ޢާއިލާގެ މެންބަރުންނާއި، ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސާ، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް، ދިވެހި ބަހުގެ އުސްތާޛް އާދަމް އަބްދުއްރަޙްމާން (އުތީމު އާދަމްބެ)، މުޙައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އަދި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.
ޖަލްސާ ތަޢާރަފްކޮށްދެއްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ މަރްޙޫމް ވަޙީދުގެ މުޅި ޙަޔާތް ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގައި ފާއިތުކުރެއްވި ކަމަށާއި، އޭނާގެ ދިރިއުޅުން ގުޅިފައިވަނީ ދިވެހި ވަންތަކަމާއި ޤައުމިއްޔަތާ ކަމަށެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ވާހަކަދައްކަވަމުން ވިދާޅުވީ ވަހީދަކީ ބަސް މަދު، ކުރުކޮށް ވާހަކަދައްކަވާ އޯގާތެރި ބޭފުޅެއް ކަމަށާއި، ވަހީދު އެނގިވަޑައިގަތުމުގެ ކުރިން އެނގިވަޑައިގަތީ އޭނާގެ މަސައްކަތްޕުޅުތައް ކަމަށެވެ.
މީގެ ކުރިން މާލޭގައިވެސް މިމަހުގެ 7 ވަނަ ދުވަހު ވަޙީދުގެ ތަޢުބީން ޖަލްސާއެއް ބޭއްވުނެވެ. އެ ޖަލްސާގައި ތަޢުޒިޔާގެ ދަފުތަރު އާއިލާއާ ހަވާލުކުރިއިރު، "އަޅުގަނޑުމެންގެ މަޑުލު ވަހީދު" ނަމުގައި ފޮތެއް ނެރުއްވުމާއި، ވަޙީދުގެ ޚިދުމަތުގެ މައްޗަށް ހަދާފައިވާ ވީޑިއޯ ރިޕޯޓަކާއި ޅެމެއް ހުށައެޅުނެވެ.
ހަތަރު މަތިފުށް ހޯރަފުށީ ނިސްބަތްވެވަޑައިގަންނަވާ މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވީ އޭޕްރީލް 14 ގައެވެ. 60 އަހަރު ބަހުގެ އެކިއެކި ދާއިރާތަކުން ޚިދުމަތްކުރެއްވި ވަޙީދަކީ ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ