ހުޅުމާލޭގައި އަމިއްލަ ކުންފުންޏަކުން ހިންގާ ކޭ-ޕާކް ރެސިޑެންސް ހައުސިންގ މަޝްރޫޢުގައި ދިމާވެފައިވާ މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅިއްޖެއެވެ. މި ޤަރާރު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ހުށަހެޅި ޤަރާރުގައި ފާހަގަކޮށްފައިވާ ގޮތުން، ކޭ-ޕާކް ރެސިޑެންސް މަޝްރޫޢުން ފްލެޓް ގަންނަން އެއްބަސްވުމުގައި ސޮއިކޮށް، ގިނަ ބަޔަކު ޑައުން-ޕޭމަންޓް ދައްކައި، އަދި ބައެއް މީހުން ފްލެޓްގެ ފުރިހަމަ އަގު ދައްކާފައިވީ ނަމަވެސް، މަޝްރޫޢުގެ މަސައްކަތް ނުނިމި އެތައް އަހަރުތަކެއް ވެއްޖެއެވެ.
މަޝްރޫޢުގެ ފްލެޓްތަކުގެ ތެރެއިން އެއް ފްލެޓް އެއަށްވުރެ ގިނަ ފަރާތްތަކަށް ވިއްކާފައިވާކަމާއި، ފްލެޓް ވިއްކުމުގެ ނަމުގައި ވަރަށް ގިނަ ފަރާތްތަކުގެ އަތުން ފައިސާ ނަގާފައިވާކަން އެނގޭ ކަމަށް ޤަރާރުގައި ބުނެފައިވެއެވެ. ނަމަވެސް، އެ ފަރާތްތަކުގެ ތެރެއިން ފްލެޓް ދޭނެ ފަރާތެއް ކަނޑައެޅިފައި ނުވާތީ، އެމީހުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނެކަމުގެ ޔަގީންކަން ކުޑަވަމުންދާކަމަށް ވަނީ ފާހަގަކޮށްފައެވެ.
ފައިސާ ދައްކާފައި ފްލެޓް ނުލިބި ލަސްވުމުން މާލީ ގޮތުން ގެއްލުން ލިބެމުންދާ ކަމާއި، އެ ފައިސާ މަޝްރޫޢުގައި ހިފެހެއްޓިފައި ހުރުމުން އެހެން މަޝްރޫޢަކުން ފްލެޓެއް ގަތުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށްވެސް ޤަރާރުގައި ބުނެފައިވެއެވެ.
އެއަށް އިތުރަށް، ފްލެޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމަކީ، ސަރުކާރުގެ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގެ ޝަރުތުގެ ދަށުން އެހެން ފްލެޓެއް ނުލިބޭނެ ސަބަބެއް ކަމަށް ކަނޑައަޅާފައި އޮންނާތީ، ކޭ-ޕާކް މަޝްރޫޢުން ފްލެޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ފޯމު ހުށަހެޅުމަށްވެސް ހުރަސްއެޅިފައިވާ ކަމަށް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަތައް ހައްލުކުރުމަށް ދައުލަތުގެ އެކި މުއައްސަސާތަކަށް ސިޓީ ހުށަހަޅައި މަސައްކަތް ކުރެވިފައިވީ ނަމަވެސް، އަދިވެސް ހައްލު ނުވާތީ، މިކަމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި މި ޤަރާރު ހުށަހެޅުއްވީ ކަމަށް މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ