މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ޖޫން މަހު ލިބިފައިވާ 2.63 ބިލިއަން ރުފިޔާއަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޖޫން މަހެއްގައި އެ އިދާރާއަށް ލިބުނު އެންމެ ބޮޑު އާމްދަނީކަން އެ އިދާރާގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
މި އަދަދަކީ މީރާއިން ޖޫން މަހަށް ލަފާކުރި އާމްދަނީއަށް ވުރެ 10.4 އިންސައްތަ އިތުރު އަދަދެކެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހުގެ އާމްދަނީ ވަނީ 27 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު މީރާއަށް ލިބިފައިވަނީ 2 ބިލިއަން ރުފިޔާއެވެ.
އާމްދަނީ މިހާ ބޮޑަށް އިތުރުވެފައިވަނީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އިތުރުވުމުގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިތުރުވުމުންނެވެ. ޚާއްސަގޮތެއްގައި ޖީއެސްޓީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މި އަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 13.1 އިންސައްތަ އިތުރުވުންކަމަށް މީރާއިން ވިދާޅުވެއެވެ.
ޖޫން މަހުގެ އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ކަމުގައިވާ ޖީއެސްޓީގެ ގޮތުގައި 960.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެން އެންމެ ބޮޑު އަދަދަކީ އާމްދަނީއިން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު 634 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ރިސޯޓް ކުލީގެ ޓެކްސް ކަމުގައިވާ 403.1 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 163.3 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 133.2 މިލިއަން ރުފިޔާ އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 133.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޖޫން މަހު މީރާއަށް ލިބުނު ޖުމްލަ އާމްދަނީގެ ތެރޭގައި 116.7 މިލިއަން ޑޮލަރު ހިމެނޭކަމަށް ވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ