ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް އުވާލުމަށް މިހާރުގެ ސަރުކާރުން ނިންމި ނިންމުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރު ކޮށްލައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި މައްސަލަ ބަލައިގަތުމަށް ތާއީދުކޮށް ވޯޓުދެއްވީ އެންމެ 12 މެމްބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 34 މެމްބަރުން ވޯޓުދެއްވިއެވެ.
އެމްޑީޕީ ސަރުކާރުގެ "ގެދޮރުވެރިން" ޕްރޮގްރާމުގެ ތެރެއިން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ ގޮތުން ގުޅީފަޅުން ދޫކުރި ގޯތިތަކާ ގުޅޭ އެއްބަސްވުންތައް މިހާރުގެ ސަރުކާރުން ބާތިލުކޮށްފައިވާކަން ކުޑޫ ފާހަގަކުރެއްވިއެވެ.
ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، ސަރުކާރުގެ ގެޒެޓުގައި އިޢުލާނުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވީ ނަމަވެސް، އެ އެއްބަސްވުންތައް ޤާނޫނާ ފުށުއަރާކަމަށް ބުނެ ބާތިލުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ބުނެފައިވާކަން ކުޑޫ ވިދާޅުވިއެވެ.
އަލަށް އެކުލަވާލި އުސޫލެއްގެ ދަށުން ތައްޔާރުކުރި އެއްބަސްވުމެއްގައި ސޮއިކުރުމަށް ގޯތި ލިބުނު ފަރާތްތަކަށް ސަރުކާރުން މަޖުބޫރުކުރަމުން ގެންދާކަން ކުޑޫ ފާހަގަކުރެއްވިއެވެ. ސަރުކާރުން އަމިއްލަ ފަރުދުންނާއެކު ވެފައިވާ އެއްބަސްވުމެއް އަމިއްލައަށް އުވައިލައި، ޝަރުތުތައް ކަނޑައަޅައި، އެ ލިޔުމުގައި ސޮއިކުރުމަށް މަޖުބޫރުކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަކީ ގިނަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އިޖުތިމާއީ މައްސަލައެއް ކަމަށާއި، ބިންވެރިޔާ އެއްބަސްވުންތައް ބާތިލުކުރުމަކީ މުޖުތަމައުގެ އާއްމު މަސްލަހަތާ ގުޅޭ ކަމެއްކަމަށް ކުޑޫ ވިދާޅުވިއެވެ. ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބުނާގޮތުން ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ