ގެދޮރުވެރިޔާ ފްލެޓު ހަވާލުނުކުރުން ލަސްވާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ގެދޮރުވެރިޔާ ފްލެޓު ހަވާލުނުކުރުން ލަސްވާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

Author
ހުސައިން
30 ޖޫން 2025 11:45
0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ފްލެޓު ހަވާލުކުރުން ލަސްވާކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައިވެއެވެ.

މެންބަރު ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ފްލެޓު ލިބޭނެ ފަރާތްތައް ކުރީގެ ސަރުކާރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ކަނޑައަޅާފައިވީނަމަވެސް، އަދިވެސް އެއްވެސް ފްލެޓެއް ހަވާލުކުރުމުގެ މަސައްކަތް ފަށާފައިނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިކަމުގައި ކުރީގެ ސަރުކާރުން އެއްވެސް ގޯހެއް ހެދިފައިނެތްކަން މިހާރުގެ ސަރުކާރުންވެސް ގަބޫލުކޮށް ރައްޔިތުންނަށް ހާމަވެފައިވެއެވެ. ފްލެޓު ހަވާލުކުރުން އިތުރަށް ލަސްކޮށްފިނަމަ، އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، އިޖުތިމާއީ މައްސަލަތައް އިތުރުވުމުގެ ނުރައްކާ އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މި މައްސަލަ ބަލައިނުގަތުމުގެ ސަބަބު ބަޔާންކުރައްވަމުން ވިދާޅުވީ، ކުއްލި މައްސަލައަކީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައެއް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށާއި، މެންބަރު ހުށަހެޅި މައްސަލައިގައި މި ޝަރުތު ހަމަނުވާކަމަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ މި ފްލެޓުތަކުގެ ދާއިމީ ލިސްޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުމާ ގާތްގަނޑަކަށް 2023 ނޮވެމްބަރު 15 ގައި އާންމުކުރުމުން، އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވަނީ އެ ލިސްޓު އެކުލަވާލާފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށެވެ.

މިހާރުގެ ސަރުކާރުން އެ ފޯމުތައް އަލުން ބަލާ ރީއިވެލުއޭޓް ކުރުމަށްފަހު، މިދިޔަ ފެބްރުވަރީ މަހު ހައުސިން މިނިސްޓްރީން އިއުލާންކުރި ގޮތުގައި 4000 ފްލެޓުގެ ހައްގުވެރިންނަކީ 1820 މީހުންކަމަށާއި، ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، މިދިޔަ މެއި 25 ގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވަނީ، ފްލެޓު ދޫކުރުމުގައި ބަލާނީ ކުރީގެ ސަރުކާރުން އާންމުކުރި ލިސްޓަށް ކަމަށެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވެފައިވަނީ، 4000 ފްލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1000 ފްލެޓުގައި ކަމަށާއި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓެއްގެ މަސައްކަތް ނިންމާނެކަމަށެވެ. އަންނަ މަހު މީހުންނާ ފްލެޓު ހަވާލުކުރަން ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.