ތަރިކަ ރައްކާތެރިކުރުމަށް ގާއިމްކުރާ އިންޓަރެކްޓިވް މިއުޒިއަމްގެ މަސައްކަތް މި އަހަރު ފަށަނީ

ތަރިކަ ރައްކާތެރިކުރުމަށް ގާއިމްކުރާ އިންޓަރެކްޓިވް މިއުޒިއަމްގެ މަސައްކަތް މި އަހަރު ފަށަނީ

Author
ހުސައިން
10 ޖޫން 2025 02:48
0

ދިވެހިރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން ގާއިމްކުރުމަށް ހަމަޖެހިފައިވާ އިންޓަރެކްޓިވް މިއުޒިއަމްގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ހާމަކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މިއުޒިއަމް ގާއިމްކުރުމަށް ބޭނުންވާ ކަރުދާހުގެ މަސައްކަތްތައް މިހާރު ނިމިފައިވާއިރު، އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫއަކީ، ދިވެހިންގެ ސަގާފަތާއި ތަރިކަ ދެނެގަތުމަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި އިންޓަރެކްޓިވް މިއުޒިއަމް ގާއިމްވުމުން ދިވެހިންނަށް އަމިއްލަ ސަގާފަތް ވަރަށް ސާފުކޮށް ދޭހަވާނެކަމަށާއި، ދިވެހިރާއްޖޭގެ ތަރިކައަކީ ކޮބައިކަން ރަނގަޅަށް އެނގޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު، ތާރީޚީ ތަންތަނަށް ޒިޔާރަތްކުރާ ދިވެހިންނާއި ބޭރުގެ ފަތުރުވެރިންނަށް މީގެ ކުރިން ނުލިބޭ އައު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށްވެސް އޭނާ އުންމީދުކުރައްވައެވެ.

މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމާއެކު، ތަރިކައިގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އައު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމާއެކު، އިގްތިސާދަށްވެސް ފައިދާތަކެއް ލިބޭނެ މަޝްރޫއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.