ގައުމިއްޔަތު މިނިސްޓްރީގައި މިވަގުތު 50 ސިޔާސީ މުވައްޒަފުން މަސައްކަތްކުރާ ކަމަށް އެ މިނިސްޓްރީން ރަސްމީކޮށް ހާމަކޮށްފިއެވެ. މި މަޢުލޫމާތަކީ މަޢުލޫމާތު ހޯދުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅި ހޯދުމަކަށް ޖަވާބުދިނުމުގެ ގޮތުން ހިއްސާކުރެވުނު މަޢުލޫމާތެކެވެ.
މިނިސްޓްރީގައި ހިމެނެނީ އެއް މިނިސްޓަރާއި، 4 ސްޓޭޓް މިނިސްޓަރުންނާއި، 10 ޑެޕިއުޓީ މިނިސްޓަރުންނާއި، 21 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 12 ޕޮލިޓިކަލް ޑިރެކްޓަރުންނާއި، އެއް އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރެވެ. އަދި މިނިސްޓަރުގެ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި އިތުރު ސިޔާސީ މުވައްޒަފެއް ހަމަޖައްސަވާފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިނިސްޓަރަށް މަހަކު 58,500 ރުފިޔާ، ސްޓޭޓް މިނިސްޓަރުންނަށް 43,500 ރުފިޔާ، ޑެޕިއުޓީ މިނިސްޓަރުންނަށް 31,500 ރުފިޔާ، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނަށް 25,500 ރުފިޔާ، ޕޮލިޓިކަލް ޑިރެކްޓަރުންނަށް 20,500 ރުފިޔާ އަދި އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރަށް 18,000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. މުސާރައިގެ ގޮތުގައި މަހަކު ޖުމްލަ 1.3 މިލިޔަން ރުފިޔާއަށްވުރެ އިތުރަށް ޚަރަދުވާކަމަށް ހިސާބުތަކުން ދައްކައެވެ.
ގައުމިއްޔަތު މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި އެ މިނިސްޓްރީ އުފެއްދީ ދިވެހި ބަހާއި ތަރިކައާއި ސަގާފަތް ހިމާޔަތްކޮށް، ގައުމިއްޔަތު އާލާކުރުމުގެ މަޤްޞަދުގައެވެ. މިނިސްޓްރީގެ ދަށުން ދިވެހިބަހުގެ އެކެޑަމީއާއި، ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގައުމީ މަރުކަޒާއި، ގައުމީ ދާރުލްއާސާރާއި އަދި ދިވެހި ތަރިކަ ދިރާސާކުރުމުގެ ގައުމީ މަރުކަޒު ހިންގަމުން ގެންދެއެވެ.
ރިޕޯޓުގައި ވާގޮތުން، ސިޔާސީ މުވައްޒަފުންގެ އިތުރުން މިހާރު މި މިނިސްޓްރީގައި 9 ދިރާސާވެރިން މަސައްކަތްކުރަމުން ގެންދަވައެވެ. މިނިސްޓްރީން އިޢުލާނުކޮށްގެން ދިރާސާވެރިން ހޯދަން ބޭނުންވި އިޢުލާނަކީ ކުރިން 'ޑީ' ފާހެއް އޮތް ނަމަވެސް 30,000 ރުފިޔާގެ މުސާރަ ދެވޭ ވަޒީފާއެއްކަމަށް ބަޔާންކޮށްފައިވުމުން ޢާންމުންގެ ފާޑުކިޔުންތަކަށްފަހު މިމަހުގެ 9ވަނަ ދުވަހު ވަނީ އެ އިޢުލާނު ބާޠިލްކޮށްފައެވެ.
މީގެއިތުރުން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ފަސް ދާއިރާއަކުން ގައުމިއްޔަތުގެ އިސްވަރުން ހޮވައި ހަމަޖައްސާފައިވެއެވެ. މީގެ ތެރޭގައި މަރިޔަމް ތައުފީގާ (ދިވެހި ބަހުގެ އިސްވާރު)، ކަށިމާ އަހުމަދު ޝާކިރު (ދިވެހި ތާރީޚުގެ އިސްވާރު)، ހަސަން ޒަރީރު (ދިވެހި ތަރިކައިގެ އިސްވާރު)، މުހައްމަދު އަބްދުލްގާދިރު (ދިވެހި ސުމޭކުގެ އިސްވާރު)، އަދި މަރިޔަމް އިޝާ އަޒީޒް (ދިވެހި ފަންނުގެ އިސްވާރު) ހިމެނެއެވެ. ނަމަވެސް މި އިސްވާރުންނަށް ދެވޭ މުސާރައިގެ ތަފްޞީލު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ޖުމްލަ 53.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 10.1 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. މި ޚަރަދުގެ ތެރެއިން 32.7 މިލިޔަން ރުފިޔާއަކީ މުވައްޒަފުންނަށް ކުރެވުނު ޚަރަދެވެ. މިއީ ވެސް ކުރީ އަހަރާ އަޅާބަލާއިރު 10.8 މިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ކުރިން ހެރިޓޭޖް މިނިސްޓްރީގެ ނަމުގައި އޮތް މި މިނިސްޓްރީގެ ނަން ބަދަލުކޮށް، މިނިސްޓްރީ އޮފް ނޭޝަނަލް އައިޑެންޓިޓީ، ހެރިޓޭޖް އެންޑް ކަލްޗަރގެ ނަމުން އުފައްދަވައި، މިނިސްޓަރުގެ މަޤާމަށް އާދަމް ނަޞީރު އައްޔަންކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ