ރާއްޖެއިން ފޮނުވި މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓް ޣައްޒާއަށް އެތެރެކޮށްފި

ރާއްޖެއިން ފޮނުވި މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓް ޣައްޒާއަށް އެތެރެކޮށްފި

Author
ހުސައިން
10 މާރޗް 2025 09:37
0

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ރާއްޖޭން ފޮނުވަން ނިންމާފައިވާ މަސްދަޅުތަކުގެ ފުރަތަމަ ޝިޕްމެންޓް ޣައްޒާއަށް އެތެރެކޮށްފައިވާކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ލިޔުމުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ހަދިޔާކުރި ދެ މިލިއަން މަސްދަޅުގެ ތެރެއިން 374,400 މަސްދަޅު މިސްރުގެ ރެޑް ކްރެސެންޓު މެދުވެރިކޮށް 13 ފެބްރުއަރީ 2025 ގައި ޣައްޒާއަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު ވަނީ އިސްރާއިލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ސަރުކާރުން ކުށްވެރިކޮށް އެފަދަ ކަންކަން ހުއްޓާލުމަށް ރާއްޖެއިން ގޮވާލާފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި، "ފަލަސްތީނާއެކު ދިވެހީން" ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ)ގެ އެކައުންޓަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޖަމާކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންނަމަވެސް، މެމްބަރު މުހައްމަދު އިބްރާހިމް ސުވާލުކުރެއްވި އިސްރާއިލް ޕާސްޕޯޓާއެކު ރާއްޖެއަށް އެތެރެވުން މަނާކުރުމަށް 2 ޖޫން 2024 ގައި ނިންމި ނިންމުން އަދިވެސް ތަންފީޒު ނުވަނީ ކީއްވެގެންތޯ އާ ގުޅޭގޮތުން މިނިސްޓަރު ދެއްވި ޖަވާބު މިވަގުތު ލިބެން ނެތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.