ޒަކިއްޔާ މޫސާ މަރާލި ކަމަށް ނުބެލެވޭކަމަށް އެފްބީއައިއިން ފުލުހުންނަށް އަންގައިފި!

ޒަކިއްޔާ މޫސާ މަރާލި ކަމަށް ނުބެލެވޭކަމަށް އެފްބީއައިއިން ފުލުހުންނަށް އަންގައިފި!

Author
ހުސައިން
06 މާރޗް 2025 11:33
0

ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި، އެމެރިކާގެ ތަޙުޤީޤީ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ދިވެހި ފުލުހުންނަށް ރިޕޯޓެއް ހުށަހަޅައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ. އެ ރިޕޯޓުގައި، ޒަކިއްޔާ މޫސާ މަރާލި ކަމަށް ބެލެވޭ ހެކި ފެންނަން ނެތްކަމަށް ބަޔާންކޮށްފައިވާކަމަށް ވަނީ ހާމަކުރެވިފައެވެ.

ޒަކިއްޔާގެ ހަށިގަނޑު ފެނުނު ގުދަނުގެ ތެރޭގައި ވަޅިއެއް އޮތުމާއި، އެ ވަޅީގައި ޒަކިއްޔާގެ ލޭ ހުރުމުން ރަށުގެ ގިނަ ރައްޔިތުން ޤަބޫލުކުރަނީ ޒަކިއްޔާ މަރާލެވުނު ކަމަށެވެ. ފުލުހުންގެ އިބްތިދާއީ ބަޔާންތަކުގައި ވެސް، ޒަކިއްޔާ ފެނުނު އިރު އޭނާގެ ކަރުގައި ވަޅި އަޅާފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ތަޙުޤީޤުގެ ފަހު ހޯދުންތަކުން ދައްކާގޮތުގައި، ޒަކިއްޔާއަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ނޫންކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ އިސް އޮފިޝަލެއް މިކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން، ވިދާޅުވެފައިވަނީ، "އެފްބީއައިއިން ނިންމީ މަރާލި ކަމަށް ނޫން ކަމަށް" އެވެ. މި މައްސަލައިގެ ތަޙުޤީޤަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެފްބީއައިއާ ތަޙުޤީޤުގައި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ހާމަކުރައްވާފައިވެއެވެ.

މި ނިންމުން ޒަކިއްޔާގެ އާއިލާގެ މެންބަރުންނާ ހިއްސާކޮށްފައިވާ ކަމަށް ރަށުގެ ބައެއް މީހުން މަޢުލޫމާތު ދީފައިވިޔަސް، މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫގައި ދަނީ ސިލްސިލާކޮށް އިހުތިޖާޖުކުރަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުވެސް ކުރައްވާފައެވެ. މިނިސްޓަރު ނުވަތަ ސަރުކާރުގެ ފަރާތުން އެފްބީއައިގެ ނިންމުމާ ގުޅޭގޮތުން އަދި ޚިޔާލެއް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.