މީގެ ހަ މަސް ދުވަސް ކުރިން ޒަހަމްތަކަކާ އެކު ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން އެ ރަށުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ކުއްލި މައްސަލައެއް ބަލައިގަންނަން ރިޔާސަތުން އިންކާރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް އަދި ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެންބަރު އަމީން ފައިސަލް ވަނީ ދެ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. މި ދެ މައްސަލައިގައިވެސް ބަޔާންކޮށްފައިވަނީ ޒަކިއްޔާގެ މަރަށް ފަސް މަސް ވީއިރުވެސް އެކަށީގެންވާ ތަހުގީގެއް ނުކުރާކަމަށާއި، މިކަމާ ގުޅިގެން ހޮޅުދޫގެ ރައްޔިތުން ކަންބޮޑުވާ މައްސަލަތައް ބެލުމަށް އެދިފައިވެއެވެ. މިކަމާ ގުޅިގެން މި ހަފުތާގައި ހޮޅުދޫގައި ސިލްސިލާ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ.
މި ދެ މައްސަލައަކީ ކުއްލި މައްސަލައެއްގެ ޝަރުތު ހަމަނުވާ މައްސަލަތަކެއް ކަމަށް ބުނެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބަލައިނުގަންނަން ނިންމަވާފައެވެ. އަބްދުއްރަހީމް ވިދާޅުވިގޮތުގައި ކުއްލި މައްސަލައެއް ހުށަހެޅޭނީ ކުއްލިއަކަށް ހިނގާފައިވާ އަދި ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކަށް ވާންޖެހޭނެއެވެ. ދެ މައްސަލާގައިވެސް މި ޝަރުތު ހަމަނުވާތީ ބަލައިނުގަނެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މިކަމާމެދު ހިތްހަމަނުޖެހިގެން އައްބާސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ހޮޅުދޫގެ ރައްޔިތުން މިދިޔަ ހަތް ދުވަހުގެ ތެރޭގައި މުޒާހަރާ ކުރަމުންދާކަމަށާއި ޒަކިއްޔާގެ މަރުގެ ހަގީގަތް ނުހޯދި މުޅި އަތޮޅުގެ ރައްޔިތުން ނަފްސާނީ ބިރުވެރިކަމަކަށް ވެއްޓިފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ މައްސަލަ ހިނގާފައިވަނީ ހަތް ދުވަސް ކުރިން ކަމަށާއި އޭގެ ފަހުން ހިނގާ ކަންކަމަށް ނުބެލެވޭނެ ކަމަށެވެ. މިކަމާ ގުޅިގެން އިދިކޮޅު ގިނަ މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.
ޒަކިއްޔާއަށް އިންސާފު ހޯދައިދިނުމަށް އެދި ކުރަމުންދާ މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި މަރުގެ ފަހަތުގައި އޭނާގެ ފިރިމީހާ ހިމެނޭކަމަށް ބެލެވެއެވެ. އޭނާ ހައްޔަރުކުރުމަށް މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
ރޭގަނޑު ހޮޅުދުއަށް ޒިޔާރަތްކުރެއްވި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ، ޒަކިއްޔާ މޫސާގެ އޮޓޯޕްސީ ނުހަދަން ފުލުހުން ނިންމީ ގޯސްކޮށް ކަމަށެވެ. އިހުސާން ވިދާޅުވި ގޮތުގައި މީގެ ކުރިންވެސް އެތައް އޮޓޯޕްސީއެއް ހަދާފައިވާ ބޭރުގެ ބޭފުޅަކު ހަށިގަނޑު ބަލާފައިވާ ނަމަވެސް، އޮޓޯޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުފޮނުވައި ދޫކޮށްލީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.