ހދ. ހަނިމާދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ހަނިމާދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ނ. ވެލިދޫ، މޯނިންގްސަން، ފާތިމަތު ޝާހާ ހަސަން (20އ) އާއި، ކ. ގުރައިދޫ، ނަލަވާ، ހުސައިން ޝާވިން (22އ) އާއި، ސ. ފޭދޫ، ރަތްވިލާގެ، މުހައްމަދު ރިލުވާނު އަބްދުއްސައްތާރު (22އ) އާއި، ދ. ކުޑަހުވަދޫ، މާހިލް، އަރްހަމް އަލީ ވަހީދު (28އ) އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެންނެވެ. އެ އޮޕަރޭޝަނުގައި ހަނިމާދޫ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 13.85 ގުރާމް ހުރި ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރުކުރި 4 މީހުންގެ ބަންދާމެދު ގޮތް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ މީހުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ