ހޮޅުދޫގެ އަމިއްލަ ގޭގައި ބޮޑެތި ޒަހަމްތަކަކާ އެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ދޮށީ ފިރިހެން ދަރިފުޅު މޫސާ ރިމްޒީ މިއަދު ހައްޔަރުކޮށްފިއެވެ.
30 އަހަރުގެ މި ޒުވާނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހައްޔަރުކުރުމަކީ އޭނާގެ މަންމަގެ މަރާ ގުޅިގެން ބަޔަކު ދައްކަމުން ދިޔަ ވާހަކައެއްގެ ތެރެއިން ހިނގި ދެބަސްވުމެއްގައި މާރާމާރި ހިންގުމާ ގުޅިގެން ކުރެވުނު ހައްޔަރެއްކަން ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުން އެނގެއެވެ.
ފާއިތުވި ބުރާސްފަތި ދުވަހުގެ ރޭ، ރިމްޒީ ވަނީ އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއްގެ ގައިގައި ޖަހައި މާރާމާރި ހިންގާފައެވެ. މި ހާދިސާއާ ގުޅިގެން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި މައްސަލައާ ގުޅުންހުރި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭތީ، ކޯޓު އަމުރު ނެރެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނުއިރު، އޭނާގެ ކަރު އޮތީ ބުރިކޮށްލާފައި ކަމަށާއި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ހަމަ ކިރިޔާ ކަމަށް ބައެއް މީހުން ބުނެއެވެ. އަދި މީހަކަށް އަމިއްލައަށް އެފަދަ އަނިޔާއެއް ދެވިދާނެތޯ އެ މީހުން ސުވާލު އުފައްދާފައިވެއެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި އިންސާފު ނުލިބި ލަސްވަމުންދާތީ، ހޮޅުދޫގެ ރައްޔިތުން ދޭތެރެދޭތެރެއިން އިހުތިޖާޖުކޮށް، އަޑުއުފުލަމުން ގެންދެއެވެ.