"އިމިގްރޭޝަން ވޮޗް"އަށް ލިބުނު މައުލޫމާތާއި ގުޅިގެން ބަލާ ފާސްކުރި ތަނަކުން ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.
އިމިގްރޭޝަންއިން ބުނެފައިވަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިއްޔެ މާލޭގެ 02 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން އެއް ތަނަކީ ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއްކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާއި ގުޅިގެން ބަލައި ފާސްކުރެވުނު ތަނެއްކަމަށްވެސް އިމިގްރޭޝަންއިން ބުނެފައި ވެއެވެ.
އެގޮތުން އެތަނުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ 01 އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އިމިގްރޭޝަންއިން ބުނެފައި ވެއެވެ. އަދި އޭގެއިތުރުން ރޭ ވަނީ ހުޅުމާލޭގައި ބިދޭސީން ވިޔަފާރިކުރަމުންދިއަ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި ކަމަށްވެސް އިމިގްރޭޝަންއިން ބުނެފައި ވެއެވެ.
ފަހަކަށް އައިސް އިމިގްރޭޝަނުން ގެންދަނީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ގިނަ ބިދޭސީންތަކެއް ހައްޔަރުކުރަމުންނެވެ.
އެގޮތުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަނުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ދަށުން ކޮންމެ ރެއަކުކަހަލަ ގޮތަކަށް ދަނީ ބިދޭސީން ހައްޔަރު ކުރަމުންނެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް ޚާއްސަކޮށްގެން ރޭ ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނުގެ ތެރެއިން މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ރޭ ބަލައިފާސްކޮށް، އެ އޮޕަރޭޝަންގެ ތެރެއިން ބިދޭސީ ހަތަރު ފިރިހެނަކާއި ދެ އަންހެނުން އިމިގްރޭޝަނުގެ ބެލެމުުގެ ދަށަށް ގެންގޮސްފައިވާ ކަަމަށެވެ.
އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
ރައްޔިތުން ކުރަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ، ވިޔަފާރި ކުރަމުންދާތީ އެ ފަދަ ތަންތަން ދެނެގަންނަން އިމިގްރޭޝަނުން މަސައްކަތް ފަށާފައިވާއިރު، އެފަދަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
އިމިގްރޭޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ 1800 ބިދޭސީން ވަނީ އަނބުރާ ފޮނުވާލާފައެވެ.