ރާއްޖެއިން ބޭރުގައި ލޯން އެހީގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ނުފޮނުވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ. އޭނާ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ބޭރަށް ކިޔަވަން ދާން ބޭނުންވާ ޖުމްލަ 10،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދީފައިވާ ކަމަށާއި، އެ ދަރިވަރުންނަށް މި ސަރުކާރުން ފައިސާ ނުދީ ލަސް ކުރަމުންދާ ކަމުގައެވެ.
އަދި ބައެއް ދަރިވަރުން ދިރިއުޅޭ ތަންތަނަށް ކުލި ދައްކަން ވެސް ދަތިވެފައިވާއިރު، އަނެއްބައި ދަރިވަރުންގެ ކޯސް ފީތައް ނުދެއްކި، ކޮލެޖުތަކުން އިންޒާރު ދީފައިވާކަމަށް އޭނާ ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައި ވެއެވެ.
އާއިލާއާ ދުރުގައި ރާއްޖެ އިން ބޭރުގައި ދިރިއުޅެމުން ދާއިރު އެ ކުދިން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ނުކުރެވި އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެދި ސަލާން ޖަހަން ޖެހޭ ހާލަތަށް އާއިލާ ވަނީ ގޮސްފައި.
ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައި ވެއެވެ.
އޭނާ ވަނީ މަތީ ތައުލީމާ ބެހޭ މިނިސްޓަރުގެ ޒިންމާ އަދާކުރައްވާ އެ ފައިސާ މިހާރުން މިހާރަށް ޖަމާ ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް އެންމެ 12 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވި އެވެ