ޓެކްސް ނުދައްކާ ގިނަ އަދަދެއްގެ އެކައުންޓްތަކެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފްރީޒް ކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ޓެކްސް ދައްކަމުން ނުދާތީ ނޯޓިސް ފޮނުވުމުން ވެސް ފައިސާ ނުދެއްކި 285 ފަރާތެއްގެ ބޭންކް އެކައުންޓެއް ވަނީ ފްރީޒް ކޮށްފައެވެ. އެ ރިޕޯޓުގައި ވާ ގޮތުން، މި އެކައުންޓްތައް ފްރީޒް ކޮށްގެން 90.3 މިލިއަން ރުފިޔާ މީރާއިން ދައުލަތަށް ހޯދާފައި ވެއެވެ.
އޭގެ އިތުރުން ޓެކްސް ނުދައްކާތީ މީރާއިން ފާއިތުވިއަހަރު 17،054 ފަރާތެއްގެ މައްޗަށް ފިޔަވަޅު އަޅާފައިވެސް ވެއެވެ. އަދި މި ފަރާތްތަކުން ޖުމްލަ 3.9 ބިލިއަން ރުފިޔާ ރިކަވަރ ކޮށްފައިވާކަމަށްވެސް މީރާއިން ހާމަކޮށްފައި ވެއެވެ.
މީރާގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ޓެކްސް ނުދައްކާ 10013ފަރާތަކަށް އިންޒާރުގެ ނޯޓިސް ފޮނުވައިގެން 2.2 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.
މީރާގެ ރިޕޯޓުގައި ވާގޮތުން 259.5 މިލިއަން ރުފިޔާ ހޯދާފައިވަނީ ޓެކްސް ނުދައްކާ 473 ފަރާތެއްގެ ނަން އާންމު ކޮށްގެންނެވެ. އަދި 3.4 މިލިއަން ރުފިޔާ ހޯދާފައިވަނީ 32 ފަރާތަކަށް އީމެއިލް އަދި ފޯނު މެދުވެރިކޮށް ގުޅައިގެންނެވެ. 335،429 ރުފިޔާ ރިކަވާކޮށްފައިވަނ ޓެކްސް ނުދައްކާ 20 ފަރާތަކަށް ގާނޫނީ ފިޔަވަޅު އަޅައިގެންނެވެ.
މީރާއި ހާމަ ކޮށްފައިވާ ގޮތުގައި ފާއިތުވި އަހަރު 795 ފަރާތަކަށް، ފައިސާ ބަހާލައިގެން ދެއްކުމަށް އަލަށް ފުރުސަތު ދީފައި ވެއެވެ. އެއަދަދު 1.9 ބިލިއަން ރުފިޔާއަށް އަރައެވެ. އެފައިސާގެ ތެރެއިން 3.92 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެފައި ވެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 6،234 ފަރާތަކުން އަމިއްލައަށް އިސްނަގައިގެން ޓެކުހުގެ ގޮތުގައި ނުދައްކާހުރި 1.4 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ.