މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގައި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ދައުލަތުން މިއަދު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދުގެ މަސްލަހަތު އޮންނަ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ދައުލަތުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔަމީނާއި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށް ދައުވާ އުފުލާފައެވެ.
އެ ދައުވާގައި ބުނެފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކުރީގެ ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ 1.18 މިލިއަން ޑޮލަރު ހޯދާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށެވެ. އަދި އެ ފައިސާ ލޯންޑަރކޮށްފައިވަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ގޮތުގައި ދައްކައިގެންކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހެކިންގެ ގޮތުގައި ވަނީ، ކުރީގެ ނާއިބު ރައީސް އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތާއި، އިތުރު ބައެއް މީހުންގެ އިތުރުން، ގިނަ އަދަދެއްގެ ލިޔުންތަކެއް ހުށައަޅާފައެވެ. މިމައްސަލާގައި ސަން ކުންފުނިން އެދުނީ ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށެވެ. އެހެންކަމުން މިމައްސަލަ ބައްލަވާ އިސް ޤާޟީ އަޙްމަދު ޝަކީލް ވަނީ ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
ސަން ކުންފުނީގެ މައްޗަށް އުފުލާފައިވާ ދައުވާކުރާއިރު، ރ.ފުއްގިރީގެ މައްސަލައާއި ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށްވެސް ވަނީ މަނީލޯންޑަރިންގެ ދައުވާއަކާއި، ރިޝްވަތު ޤަބޫލުކުރުމުގެ ދެ ދަޢުވާއެއް އުފުލާފައެވެ. އެމައްސަލަތަކުގެ ޝަރީޢަތް ކުރިއަށްދަނީ ވަކިންނެވެ. ކުރީގެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތު 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ