ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރަން މަޖިލީހުގެ 50 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ، އީވާއަށް ނޯޓިސް ފޮނުވައިފިއެވެ.
މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު އީވާއަށް ނޯޓިސް ފޮނުވިކަން މަޖިލިސް އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. 50 މެންބަރަކު ސޮއިކުރައްވައި ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައި ގަނެ، އީވާ އަށް 14 ދުވަހުގެ ނޯޓިސް މިވަނީ ފޮނުވާފައެވެ. އީވާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މި މަހުގެ 13 ގައެވެ.
އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނާގޮތުން އީވާ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އައްޔަން ކުރެވުނީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށެވެ. އެހެންނަމަވެސް އީވާ އަމިއްލައަށް އެދިގެން ޕާޓީން ވަކިވެފައިވާތީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ އިތުބާރު އީވާއަށް ގެއްލިފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިޔަށް ނުގެންގޮސް ޤަވައިދާ ޚިލާފަށް އީވާ އެ މައްސަލައަށް ހުރަސް އަޅަމުންދާ ކަމަށް އެ ޤަރާރުގައި ބނެފައިވެއެވެ.
މީގެ އިތުރުން އީވާ އަކީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅަކަށް ވެފައި ރައީސް ނަޝީދުގެ މައްސަލައިން ތަނާޒުލްވާން އިންކާރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި ޚިލާފަށް ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން މީގެ ކުރިން ވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު ވަކިކުރަންވެސް ޤަރާރެއް ހުށަހަޅާފައެވެ. މި މައްސަލަ ކުރިޔަށް ނުގެންގޮސް ލަސްތަކެއް ވެގެންދިޔައީ އީވާގެ ސަބަބުން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މިމައްސަލަ ހޫނުވެފައިވަނިކޮށް ރައިސް ނަޝީދު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މިހާރު މަޖިލީހުގެ ރައީސަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލެމެވެ.