ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2023 01:21
0

ދީބާޖާ އިންވެސްޓްމަންޓާ އެކު ދިވެހި ސަރުކާރުން އެކުލަވާލި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދީބާޖާ އަށް ދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ސިވިލް ކޯޓަށް ތަހުވީލު ކުރި މައްސަލަ ބޭރުކޮށްލައިފިއެވެ.

ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުލްމަތީން މިދިޔަ ބުރާސްފަތި ދުވަހު އިއްވާފައިވާ ހުކުމުން އެނގޭ ގޮތުގައި މިމައްސަލަ ކޯޓުން ބޭރުކޮށްލީ ދީބާޖާ އިން ކުރި ދައުވާ އެ ކުންފުނިން އަނބުރާ ގެންދިއުމުންނެވެ.

ހުކުމްގައިވާ ގޮތުން މިމައްސަލަ ބާތިލްކުރަން މިދިޔަ ސެޕްޓެމްބަރު 21 ވަނަ ދުވަހު ދީބާޖާ އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެގޮތަށް އެދުނީ ކޯޓުން ބޭރުގައި ދައުލަތާ އެކު އެއްބަސްވުމަކަށް އާދެވިފައިވާތީ ކަމަށް ހުުކުމްގައިވެއެވެ. އަލުން މި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައިވެސް ނުވާތީ ގާޒީ މަތީން ނިންމަވާފައިވަނީ މިމައްސަލައަކީ ސިވިލް ކޯޓުގައި އިތުރަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދޭން ދީބާޖާއާ އެކު ހެދި އެއްބަސްވުން ބާތިލްކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގައެވެ.

އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދޭން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމީ ޝަރުއީ އެކި މަރުހަލާތަކުގައި ހިނގާތާ އަށް އަހަރު ފަހުންނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ހުކުމްކުރީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ވިޔަސް، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށެވެ. އެހެންވެ، ދީބާޖާއަށް ލިބެންޖެހޭ ބަދަލުގެ މިންވަރާއި މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން އެންގިއެވެ.

އަލުން އިސްތިއުނާފުކޮށްފި ނަމަ، މައްސަލަ މައުޟޫއީ ގޮތެއްގައި އެ ކޯޓުން ބަލައި ހުކުމެއް ނެރޭނެ ކަމަށް ވެސް އެ ހުކުމްގައި ބަޔާންކޮށްފައިވެއެވެ. ސުޕްރީމް ކޯޓުން ތިން ވަނަ ފަހަރު އެ މައްސަލަ ބެލީ ދެ ވަނަ ފަހަރު އަލުން ހުށަހެޅުމަށް ދީބާޖާއަށް ދިން ފުރުސަތުގައި މައްސަލަ ހުށަހެޅުމުންނެވެ.

ތިން ވަނަ ފަހަރު ސުޕްރީމް ކޯޓުން ކަނޑައެޅި ކަމަކީ ދީބާޖާއަށް ބަދަލު ދޭން ޖެހޭ ކަމަށެވެ. އެއީ އެއްބަސްވުން އުވާލީ އެއްބަސްވުމާ ހިލާފަށް ކަމަށް ސާބިތުވާތީއެވެ. އެކަމަކު، ބަދަލު ދިނުމުގެ ނިސްބަތް ސިވިލް ކޯޓުން އެންމެ ރަނގަޅަށް ވަޒަންކޮށްފައިނުވާތީ، މައްސަލަ ތަހުވީލު ކުރުމަށް ނިންމެވީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.