އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އަޅަން ފަށަން ނިންމައިފިއެވެ.
އަންނަ ހުކުރު ދުވަހު ރިޔާސީ ދައުރު ފައްޓަވާ މުއިއްޒު ވަނީ "ހަފްތާ 14″ ގެ ނަމުގައި 100 ދުވަހުގެ ޕްލޭނެއް ރޭ އިފްތިތާހް ކުރައްވައިފައެވެ. ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހު ކުރި ޕްލޭން ނުވަތަ މަގު ޗާޓްގެ މަސައްކަތްތައް ބަހާލާފައިވަނީ އަށް ދާއިރާއަކަށެވެ.
އެގޮތުން ތައުލީމާއި ތަމްރީނުގެ ދާއިރާގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިންތިހާބީ ރައީސް މުއިއްޒު، ފުރިހަމަކޮށް ދެއްވުމަށް ވެވަޑައިގެންނެވި ވައުދުތައް ވަނީ ހާމަކުރައްވައިފައެވެ. ފުރަތަމަ 14 ހަފްތާގެެ ތެރޭގައި ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމުގެ ގައުމީ މަންހަޖުގައި ހިމަނާނެ ކަމަށް މަގު ޗާޓުގައިވެއެވެ. އަދި އެކަކު އަނެކަކަށް އިހްތިރާމުކުރުގެ އާދަ އަލުން އަށަގެންނެވުމަށްޓަކައި ތައުލީމުގެ ގައުމީ މަންހަޖަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށުން ވެސް ހިމެނެއެވެ.
ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި މި ސަރުކާރުން އިމާރާތް ކުރަން ހަވާލުކޮށްފައިވާ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް މާލޭގެ ޖާގަ ތަނަވަސް އެހެން ސަރަހައްދަކަށް ބަދަލު ކުރައްވާނެ ކަމުގެ ވައުދަކީ އިންތިޚާބީ ރައީސް ވެވަޑައިގެންފައިވާ ވައުދެކެވެ. ވެރިކަމަށް ހޮވިއްޖެނަމަބިމެއްގައި ޒަމާނީ އަރަބިއްޔާ ސްކޫލެއް އިމާރާތްކޮށްދީ, ޒަމާނަށް ފެތޭ ގޮތަށް ތައުލީމު ދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި ޢަރަބި އިސްލާމީ ތައުލީމު ދޭ ސްކޫލަށްވާއިރު އެސްކޫލަށް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށް އެސްކޫލުގެ ބެލެނެވެރިންނާއި، ދަރިވަރުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.