ފޮރުވާނެ ކަމެއް ނޯންނާނެ، ވީވައުދުތައް ފުއްދާނީ އިހުލާސްތެރިކަމާއިއެކު: ޑރ. މުއިއްޒު

ފޮރުވާނެ ކަމެއް ނޯންނާނެ، ވީވައުދުތައް ފުއްދާނީ އިހުލާސްތެރިކަމާއިއެކު: ޑރ. މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2023 08:31
0

ރައްޔިތުންނަށް ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށާއި، ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވާނީ އިހުލާސްތެރި ކަމާއިއެކު ދެފުށްފެންނަ ހާމަކަން ބޮޑު ގޮތެއްގައި ކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ބޭއްވި މިހަފްލާގައި ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، މި ދާއިރާ ތަރައްޤީކުރަން ބޭނުންވާ ގިނަ ޚިޔާލުތަކެއް އިންތިޚާބީ ރައީސާއި ހިއްސާކުރައްވާފައެވެ.

ރޭގެ ބައްދަލުވުމުގައި ނޫސްވެރިން ފާޅު ކުރެއްވި ޚިޔާލް ތަކާއި ގުޅިގެން މުއިއްޒު ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވުމަށް ވެފައިވާ ވައުދުތަކަކީ ސިއްރުކޮށްގެން ފޮރުވާނެ ކަންތައްތަކެއް ނޫންކަމަށެވެ. އެކަންކަން ކުރައްވާނީ ވަރަށް އިޚުލާސްތެރި ކަމާއިއެކު، ދެފުށް ފެންނަ ގޮތަކަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު ކެމްޕޭންގަ އެންމެ ފުރަތަމަ ދެއްކި ވާހަކައިން، ނިންމާލާފަ މިއަދާއި ހަމައަށް މިދައްކާ ވާހަކަތައް ދިމާވާނެ. ތަފާތު ވާހަކައެއް މިހާތަނަށް ނުދައްކަން. އަޅުގަނޑު މައިކެއް ކައިރީ ހުރެގެން ދެއްކި ކޮންމެ ވާހަކައެއް ކޮންމެ ޖުމްލައެއް އެވާހަކައެއް ދެއްކީ އެކަމެއް ކުރަން ބޭނުންވާތީ. ހިތުގެ އަޑިން އެކަން ގަބޫލުކޮށް ކުރުމުގެ ނިޔަތުގަ. އިހުލާސްތެރި ކަމާއިއެކީގައި. ފޮރުވާނެ ކަމެއް ނޯންނާނެ.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކެމްޕޭންގައި ވެވަޑައިގެންފައިވާ ކޮންމެ ވައުދެއް ރައްޔިތުންނަށް ފެންނަން ހުންނާނޭ ކަމަށެވެ. އެގޮތުން ވެފައިވާ ވައުދުތަކާއި ދައްކަވާފައިވާ ވާހަތަކުގެ ފޮތެއް މާދަމާރޭ ނެރޭނެ ކަމަށާއި، އެފޮތުން ވަރަށް ސާފުކޮށް ވެވަޑައިގެންފައިވާ ކޮންމެ ވައުދެއް ތަނާއި، ވަގުތާއި އެކު ފެންނަން ހުންނާނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކަންކަން ފޮރުވާކަށް ނެތިން. އޭގަވާ ކަންތައްތައް ޢަމަލީ ގޮތުން ކޮށްދިނުމަށް އަޅުގަނޑު މިނިކުންނަނީ. އަޅުގަނޑުމެންގެ ޓީމު މިއޮތީ ތައްޔާރުވެގެން. ނޫސްވެރިން ތި ތިއްބެވީ އެފޮތުގައި އޮތް ގޮތަށް އަޅުގަނޑުމެން ކަންކުރޭތޯ ބައްލަވަން. ތިބޭފުޅުންނާއި އަޅުގަނޑުމެންނާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރަން މި ނިކުންނަނީ.

– މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވަނީ މި ހަފްލާގައިވެސް، އެމަނިކުފާނުގެ ސަރުކާރަކީ ދެފުށްފެންނަ ހާމަކަން ބޮޑު ސަރުކާރަކަށް ވާނެކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ މަޢުލޫމާތުތައް މީޑިއާއަށް ލިބޭނެ ފަސޭހަ އިންތިޒާމެއް ފަހިކޮށްދެއްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.