ހަމަލާތައް ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ޙަމާސް ތައްޔާރު

ހަމަލާތައް ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ޙަމާސް ތައްޔާރު

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2023 08:26
0

ފަލަސްތީނުގެ ޣައްޒާއާއި ޔަހޫދީ ދައުލަތާއި ދެމުދެގައި މިހާރު ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ ފުރުސަތު އެބައޮތް ކަމަށާއި ކަމާ ގުޅުން ހުރި މަޝްވަރާތައް ކުރުމަށް ޙަމާސް ތައްޔާރަށް އޮތްކަމަށް އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހައްދު ފަހަނައަޅައިފައިވާ ޔަހޫދީން ދެމުން މިދާ އަނިޔާވެރި ހަމަލާތަކަކީ މިހާތަނަށް އެ އަނިޔާވެރި ދައުލަތުން ފަލަސްތީނަށް ދޭ އެންމެ ވަރުގަދަ ވައިގެ ހަމަލާތަކެވެ. ފަލަސްތީނުގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް އެއްވެސް އިންޒާރެއްނެތި ޔަހޫދީން ދަނީ އަލިފާނުގެ ވާރޭ އޮއްސަމުންނެވެ. ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުންވަނީ މިގޮތަށް ހަމަލާދޭ ކޮންމެ ފަހަރަކު ޔަހޫދީންގެ ޤައިދީއަކު މަރާލާނެ ކަމުގެ އިންޒާރު ޔަހޫދީންނަށް ދީފައެވެ.

އަލް ޖަޒީރާއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޙަމާސް ޖަމާޢަތުގެ އޮފިޝަލެއްކަމަށްވާ މޫސާ އަބޫ މަރްޒޫކް ވިދާޅުވީ އެ ޖަމާޢަތުން ހަމަލާތަކާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާކުރަން ތައްޔާރަށް އޮތްކަމަށެވެ. އަދި ހުރިހާ ސިޔާސީ މަޝްވަރާތަކަށްވެސް އެއްބާރުލުން ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މަރްޒޫކް ވިދާޅުވީ ހަމަލާތައް ދިނުމުގެ ފަހަތުގައިވާ މަޤްޞަދު ހާސިލްވެފައިވާކަމަށެވެ. އަދި އިސްރާއީލްގެ ޑުއަލް ސިޓިޒަންޝިޕް ލިބިފައިވާ ދިހަވަރަކަށް ރައްޔިތުން ޙަމާސް ޖަމާޢަތުން އަތުލައިގަނެފައިވާ އިރު އޭގެ ތެރޭގައި ރަޝިޔާއާ ޗައިނާއަށް ނިސްބަތްވާ ބަޔަކުވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން މިހާރު ހަމާސްއަށް ހަމަލާދޭން ކަމަށް ބުނެ، ފަލަސްތީނުގެ ރައްޔިތުންނަށް ބެލުމެއް ނެތި، އިމާރާތްތައް ބިމާއި ހަމަ ކުރަމުން އަންނާތީ ހަމާސްއިން ވަނީ އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ މުޖާހިދުން މަރާލާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. ނަމަވެސް އިސްރާއީލުން ނިންމާފައި ތިބީ، އެމީހުންގެ މީހުން މަރުވި ކަމުގައި ވިއަސް ހަމަލާތައް ދިނުމަށެވެ.

އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ފެށި "އޮޕަރޭޝަން އަލް-އަޤްސާ"ގެ ދަށުން ޣައްޒާ ހުރަސްކޮށް އިސްރާއީލުގެ އެތެރެއަށް ވަދެ އިސްރާއީލުގެ އެތައް އަވަށަކާއި އިސްރާއީލު ސިފައިންގެ އަސްކަރީ މަރުކަޒުތަކެއް ޙަމާސް ޖަމާޢަތުން ވަނީ ހިފާފައެވެ. މި ހަނގުރާމަ އިސްރާއީލުގެ އެތެރޭގައި ހިނގަމުންދާއިރު، މިހާތަނަށް އިސްރާއީލުގެ 1،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 1،700 އަށްވުރެ ގިނަމީހުން ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.