ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށް ބުނެ ކޭޕާކުން އެޕާޓްމަންޓްތައް ވިއްކުމުގައި އެތައް ބަޔަކަށް ލަނޑުދިން މައްސަލާގައި ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކޮށްފިއެވެ.
ކުރިމިނަލް ކޯޓުގެ އަމުރަކުން މަންޑޭ ހައްޔަރު ކޮށްފައިވަނީ މިވަނީ، އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް، ކުރިމިނަލް އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް އިއްޔެ އަމުރު ކޮށްފައި ވަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ޕާސްޕޯޓު ދޫކޮށްލުމާއެކު އޭނާ ފިލައިގެން ދާންއުޅޭކަމުގެ ތުހުމަތުގައި ފުލުހުންގެ އެދުމަކަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކަށެވެ.
މަންޑޭގެ ޕާސްޕޯޓު ދޫކޮށްލުމާއެކު އޭނާވަނީ މާލެއިން ފުރައިގެން ދިއުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަަމަވެސް އޭނާއަށް ފުރައިގެން ނުދެވެނީސް ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.
ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަސްޓަމަރުންނަށް އޮޅުވާލި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގުގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރު މަންޑޭގެ، ހިފަހައްޓާފައިވާ ޕާސްޕޯޓު ފުލުހުން ދޫކޮށްލީ ކުރިމިނަލް އިއްޔެ ކުރި އަމުރާއި ގުޅިގެންނެވެ.
އިއްޔެ ފުލުހުން ބުނެފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަސްޓަމަރުންނަށް އޮޅުވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މަމްދޫހު ފުރުން މަނާކުރުމަށް ކޮށްފައިވާ އަމުރު ކުރިމިނަލް ކޯޓުން ބާތިލް ކޮށްފައިވާކަމުގައެވެ. އަދި ކޯޓުގެ މިނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕީޖީގައި އެދޭނެކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިންއާ މައްސަލަޖެހި އޭނާގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް ކޮށް މައްސަލަ ފުލުހުން ހުށަހަޅާފައި ވަނިކޮށެވެ. އަދި މަޝްރޫއު ހަވާލުކުރި އާބަންކޯ އިން ވެސް ވަނީ ތުހުމަތުތައް ތަހުގީގުކޮށްދޭން އެދި ޕޮލިހަށް ހުށަހަޅައިފައެވެ.
ތަހުގީގު ކުރިއަށްދާތީ ފުލުހުންގެ އެދުމަށް ކޯޓުން އަމުރު ނެރެ މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ފާއިތުވި މޭމަހުއެވެ. ކުންފުނީގައި މަންޑޭ ހިއްސާވަނީ ފަސް ޕަސެންޓެވެ. އަނެއް 95 ޕަސެންޓު ހިއްސާވަނީ ޗައިނާ މީހެއް ކަމަށްވާ ޝިއުން ޖިންއެވެ. އޭނާ އަކީ ކޭ-ޕާކް މަޝްރޫއުގެ ކޮންޓްރެކްޓަރު ވެސް މެއެވެ.
ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގައެވެ.
ހަންބޯ ކުންފުނިން މީގެކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަން އެނގިފައިވާ ކަމަށެވެ. އަދި އެކަން ކުރި ކަމަށް ތުހުމަތުކޮށްފައި ވަނީ މަންޑޭ އަށެވެ.
ކޭ-ޕާކް ނިންމައި، ކަސްޓަމަރުންނަށް ތަން ހަވާލުކުރުމަށް މިހާތަނަށް އެކި ފަހަރު އެކި ތާރީހުތައް ދީފައިވެއެވެ.