މިހާތަނަށް ޑިޖިޓަލް އައިޑީ 10،000 އަށްވުރެ ގިނަ މީހުން އަންނަނީ ބޭނުން ކުރަމުން

މިހާތަނަށް ޑިޖިޓަލް އައިޑީ 10،000 އަށްވުރެ ގިނަ މީހުން އަންނަނީ ބޭނުން ކުރަމުން

އީފާސް މެދުވެރިކޮށް އައިޑީ ކާޑު ތަޖުރިބާކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލިފަހުން 10،000 އަށްވުރެ ގިނަ މީހުން ޑިޖިޓަލް އައިޑީ އަޅާފައިވާ ކަމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) އިން ބުނެފި އެވެ.

އީފާސް މެދުވެރިކޮށް ޑިޖިޓަލް އައިޑީކާޑު ތަޖުރިބާކުރުމުގެ ފުރުސަތު އާއްމުންނަށް ފުރަތަމަ ހުޅުވާލީ މިދިޔަ ފެބްރުއަރީގަ އެވެ. އޭރު ޑިޖިޓަލް އައިޑީ ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނީ ހަމައެކަނި އެންޑްރޮއިޑް ބޭނުންކުރާ 500 މީހުންނަށެވެ. އޭގެ ފަހުން އެންސީއައިޓީން ވަނީ މިދިޔަ މަހުގެ 31 އިން ފެށިގެން ވަކި އަދަދެއް ނެތް ގޮތަށް އައިއޯއެސް އަދި އެންޑްރޮއިޑް ބޭނުން ކުރާ މީހުންނަށްވެސް ޑިޖިޓަލް އައިޑީ ތަޖުރިބާކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެންސީ އައިޓީން މިއަދު ބުނީ ގައުމީ ޑިޖިޓަލް އައިޑީ މިހާރު 10 ހާހަށްވުރެ ގިނަ މީހުން އިންސްޓޯލް ކޮށްފައިވާ ކަމަށާއި ޑިޖިޓަލް އައިޑީގެ ހިދުމަތް އިތުރަށް ތަރައްގީކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މަހުން ފެށިގެން ހއ. އަދި ހދ އަތޮޅު ހޮސްޕިޓަލްތަކުން ޑިޖިޓަލް އައިޑީ މެދުވެރިކޮށް އާސަންދަ ހިދުމަތް ދިނުމަށްވެސް މިހާރު ފަށާފައިވާއިރު އެތެރޭގެ އުދުހުން ތަކުގައިވެސް މިހާރު ޑިޖިޓަލް އައިޑީ ބޭނުންކުރަން ވަނީ ފަށާފަ އެވެ.

ޑިޖިޓަލް އައިޑީ ބޭނުންކުރުމަށް އީފާސް އެޕްލިކޭޝަން ފޯނަށް އަޅަން ޖެހޭނެ އެވެ. އައިޑީކާޑުގެ އިތުރުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އާއި ކައިވެނީގެ ސެޓްފިކެޓް އާއި އާސަންދައިގެ މައުލޫމާތު އަދި އާއިލީ މެންބަރުންގެ މައުލޫމާތުވެސް ޑިޖިޓަލް އައިޑީގައި ހިމެނެ އެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކީ ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭނުގައި ހިމެނޭ ނިޒާމެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމުކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ހެދުމާއި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުކުރުމާއި ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުން ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *