ކޭޕާކް އޮޅުވާލުމާއި ގުޅިގެން މަންޑޭގެ ދެއެކުވެރިންގެ ޕާސްޕޯޓު ހިފަހައްޓައިފި

ކޭޕާކް އޮޅުވާލުމާއި ގުޅިގެން މަންޑޭގެ ދެއެކުވެރިންގެ ޕާސްޕޯޓު ހިފަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
10 މެއި 2023 07:54
0

ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށް ބުނެ ކޭޕާކުން އެޕާޓްމަންޓްތައް ވިއްކުމުގައި އެތައް ބަޔަކަށް ލަނޑުދިން މައްސަލާގައި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އެ ކުންފުނިން ހުޅުމާލޭގައި އިމާރާތްކުރަން ނިންމީ ދެ ކޮޓަރި އާއި ތިން ކޮޓަރި ހިމެނޭ ގޮތުން ޖުމްލަ 110 އެޕާޓްމަންޓެވެ. މި ތަންތަނުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާގައެވެ. މަންޑޭގެ އިތުރުން ޕާސްޕޯޓް ހިފެހެއްޓީ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖް ލިޔުންތަކެއް ބޭނުން ކޮށްގެން އެޕާޓްމަންޓްތައް ވިއްމުންގެންދާކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅިގެން ހަސަން މަމްދޫހު (މަންޑޭ) އާއި ގާތް ގުޅުމެއް އޮންނަ ޖައިޝާން ސައީދު އާއި ދެކުނު ކޮރެއާގެ ސޫން ސޫ ކިމްގެ ޕާސްޕޯޓެވެ.

ޖައިޝާން އަކީ ފުލެޓް ވިއްކި އެގްރިމަންޓްތަކުގައި ހަންބޯ ކުންފުނީގެ ހެއްކެއްގެ ގޮތުންނާއި ފައިސާ ބަލައިގަތްކަމުގެ ރަސީދުތަކުގައި ވެސް ސޮއިކޮށްފައިވާ މީހެކެވެ. އަދި ސައްހަ ނޫން ކަމަށް ތުހުމަތު ކުރެވޭ ޓެކްސް ބަޔާންތައް މީރާއަށް ހުށަހެޅިއިރު އެލިޔުންތަކުގައި ސޮއިކޮށްފައި ވަނީ ވެސް އޭނާ ކަމަށް ވެއެވެ.

ސޫން ސޫ ކިމް އަކީ ކުރިން ހަންބޯ ކުންފުނީގައި ހިއްސާ އޮތް ހަންބޯ ޓެކް ކިޔާ ދެކުނު ކޮރެއާގެ ކުންފުނީގެ ބްރޯކަރެއް ކަމަށް ވެއެވެ. އޭނާ އަކީ ކޭ ޕާކް މަޝްރޫއަށް އިންވެސްޓަރު ހޯދަން މަންޑޭއަށް އެހީތެރިވި މީހާއެވެ. ޖައިޝާން އާއި ސޫން ސޫ ކިމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވާއިރު މަންޑޭގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާކަން މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ކަށަވަރު ކޮށްދިނެވެ.

ޕްރޮޖެކްޓް ހިންގުމުގައި މައިނޯރިޓީ ހިއްސާ އޮންނަ ކުންފުނި ކޯދި އިންވެސްޓްމެންޓްގެ ހިއްސާދާރެއް ކަމަށްވާ ޖައިޝާންއަކީ މަމްދޫހްއާ އެކު އެޕާޓްމަންޓްތައް ވިއްކުމުގައި އަމަލީ ގޮތުން އުޅުނު އެކަކެވެ. ބަޔަކަށް ލަނޑުދީ ފްލެޓް ވިއްކުމުގައި އޮޅުވާލި ކަމަށް މަންޑޭއަށް ތުހުމަތުކުރީ ހަންބޯ ޓެކް ކުންފުނީގެ މައި ހިއްސާދާރު ޖިން ޝިހޫއެވެ. ހަންބޯ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކީ މަންޑޭ ކަމަށެވެ.

އެޕާޓްމެންޓްތައް ވިއްކީ ހަންބޯގެ މެނޭޖިން ޑައިރެކްޓާ ޖިން ޝިހޫގެ ސޮއި ފޯޖްކޮށްގެން ކަމަށް ހަންބޯގެ ބަޔާނުގައި ބުނެ އެވެ. އަދި ޖައިޝަން ސައީދު އަށް، ހަންބޯއިން ދީފައިވާ ކަމަށް ބުނާ ގަރާރަކުން ލިބޭ ހައިސިއްޔަތު ކަމަށް ބުނެ އެޕާޓްމެންޓް ވިއްކުމަށް ހެދި އެއްބަސްވުންތަކުގައި އޭނާ ސޮއިކޮށްފައިވާ ކަމަށް ހަންބޯގެ ބަޔާނުގައި ވެއެވެ.

މަންޑޭ ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް މި މައްސަލާގައި ތުހުމަތުކުރީ އޮޅުވާލައިގެން ވިއްކާފައިވާ ފްލެޓްތަކުން ލިބުނު ފައިސާ ހިފައިގެން ކުންފުނީގެ މައި ހިއްސާދާރު ޖިން ފިލަން އުޅުނު މައްސަލާގައި އެކަމާ ދެކޮޅު ހެދުމުންނެވެ. މިގޮތަށް މަންޑޭ ބަޔާން ނެރުނީ އޭނާއަށް ޖިން ތުހުމަތުކޮށް ފެންމަތިވި މައްސަލަތައް ޕޮލިހުން ވެސް މައްސަލަ ބަލަން ފެށި ފަހުންނެވެ.

ކޭ ޕާކް މައްސަލައިގައި މަންޑޭ ވަނީ ހަންބޯގެ ޗައިނާ ހިއްސާދާރު ޖިން ޝީ ހޫގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ހަންބޯ ކުންފުނީގެ %95 ހިއްސާ އޮންނަ ޖިން ޝީ ހޫގެ މައްޗަށް މަންޑޭ ބޮޑެތި ތުހުމަތުތަކެއް ކުރިނަމަވެސް އަދި މިހާތަނަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.