އޮޅުވާލައިގެން ފްލެޓްވިއްކި މައްސަލައެއްގައި ކޭޕާކު ގޮވައިގެން އާބަންކޯ ފުލުހަށް

އޮޅުވާލައިގެން ފްލެޓްވިއްކި މައްސަލައެއްގައި ކޭޕާކު ގޮވައިގެން އާބަންކޯ ފުލުހަށް

Author
މުޙައްމަދު ޝަޒައިމް
05 މެއި 2023 01:50
0

ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގައެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ.

އާބަންކޯ އިން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީނ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ "ކޭޕާކް ރެޒިޑެންސް"ގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނިން އާބަންކޯ އަށް މައްސަލަ ހުށަހަޅަފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެ ކޯޕަރޭޝަނުން ފުލުހުންނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. މައިނޯރިޓީ ހިއްސާދާރަކީ މަންޑޭއެވެ. އެއީ ފަސް ޕަސެންޓް ހިއްސާއެވެ.

އަދި މިމައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް އެ ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އާބަންކޯ އިން ވަނީ ދީފައެވެ. މި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުގައި ފާއިތުވި ދުވަސްތަކުގައި ވަނީ ކޭޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލަތަކެއް ފެންމަތިކޮށްފައެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށްވެސް ބުނެފައިވެއެވެ.

ހަންބޯ ކުންފުނިން ވަނީ މަންޑޭގެ މައްސަލަ ޖިނައީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފައެވެ. އަދި ދިމާވެގެން އުޅޭ މައްސަލަތައް އާބަންކޯގެ ސަމާލުކަމަށްވެސް ގެނެފައިވެއެވެ. ހަންބޯ ކުންފުނިން ވަނީ އެ ކުންފުނިން ހޯދަން ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުމަށް މަންޑޭ އެއްބާރުލުން ނުދޭ ކަންވެސް ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.