ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބަލިތަކުގެ އަހްލުވެރިނަށް ރޯދަ ހިފުން ވާޖިބުވާ ގޮތްތައް!

ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބަލިތަކުގެ އަހްލުވެރިނަށް ރޯދަ ހިފުން ވާޖިބުވާ ގޮތްތައް!

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
09 އޭޕްރިލް 2023 07:41
0

ރޯދަ ހިފުމާއި ނުހިފުމުގެ މައްސަލާގައި މީސްތަކުން ދިހަ ބަޔަކަށް ބެހިގެންވެއެވެ. ތިރީގައި މި ގެނެސްދެނީ އޭގެ ތެރެއިން 7 ވަނަ ބައެވެ.

ހަތްވަނަ ބައި:  ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބަލިތަކުގެ އަހްލުވެރިން. މިބައިމީހުންގެ ތިން ޙާލަތެއް ވެއެވެ.

  1. ރޯދަ ހިފުން އުނދަގޫ ކަމަކަށް ނުވުން، އަދި ރޯދަ ހިފިނަމަވެސް ގެއްލުމެއްވެސް ނުވުން. މިފަދަ މީހުން ރޯދަ ހިފަން ޖެހޭނެއެވެ. ސަބަބަކީ ރޯދަ ދޫކޮށްލުމުގެ ޢުޛުރެއް އެމީހުންގެ ކިބައިގާ ނެތުމުންނެވެ.
  2. ރޯދަ ހިފިނަމަވެސް ގެއްލުމެއް ނުވާ، އެހެންނަމަވެސް ރޯދަ ހިފުން ބުރަކަމަކަށް ވެފައިވާ މީހުން. މިފަދަ މީހުން ރޯދަ ދޫކޮށްލާފައި އެހެން ދުވަހަކުން އެދުވަސްތައް ހަމަކުރާނީއެވެ. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ )  މާނައަކީ: "އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ."

ދަތި އުނދަގުލާއި އެކުގައި ރޯދަ ހިފުން މަކްރޫހަ ވެގެން ވެއެވެ. ސަބަބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާ އަށް ދެއްވާފައިވާ ރުޚްޞަތު ނުވަތަ ލުއިފަސޭހަ ކަމުގައި ނުހިފާ ނަފްސަށް އަނިޔާދޭތީވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ اللهَ يُحِبُّ اَنْ تُؤْتَى رُخَصَهُ كَمَا يَكْرَهُ اَنْ تُؤْتَى مَعْصِيَتَهُ   ) މާނައަކީ: "ﷲ އަށް އުރެދުމަށް އެކަލާންގެ ނުރުހުންތެރި ވޮޑިގަންނަވާ ފަދައިން އެކަލާންގެ ދެއްވި ލުއިފަސޭހަތަކުގައި ހިފުމަށް އެކަލާންގެ ލޯބި ކުރައްވައެވެ."

  1. ރޯދަ ހިފުމުން އޭނާ އަށް ގެއްލުންވާނެ ކަމަށް ފެނުން. މި ޙާލަތުގައި ރޯދަ ދޫކޮށްލުން ވާޖިބު ވެގެން ވެއެވެ. އަދި ރޯދަ ހިފުން ހުއްދަވެގެން ނުވެއެވެ. ސޫރަތުއް ނިސާގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلَا تَقْتُلُوا أَنفُسَكُمْ ) މާނައަކީ: "އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ!"   ސޫރަތުލް ބަގަރާގެ 195 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ  ) މާނައަކީ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفس ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!"

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (إِنَّ لِنَفْسِكَ عَلَيْكَ حَقًّا   ) މާނައަކީ: "ހަމަކަށަވަރުން ތިބާގެ ނަފްސުގެ މައްޗަށްވާ ޙައްގެއް ތިބާގެ ނަފްސުގެ ކިބައިގާ ވެއެވެ." އެ ޙައްގަކީ ﷲ ގެ ލުއިފަސޭހަކަން އޮއްވާ ނަފްސަށް ގެއްލުމެއް ނުދިނުމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘ ކުރައްވައެވެ. (لَا ضَرَرَ وَلَا ضِرَارَ   ) މާނައަކީ: "ގެއްލުން ދިނުމެއްވެސް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ރޯދަ އަށް ހުރުމުން ބަލި ފަސޭހަވުން ދުރުވާނެ ކަމަށް އިތުބާރު ހުރި ޑޮކްޓަރުން ބުނާ ކަމަށް ވަނީނަމަ، އޭނާ އަށް ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. އެނުރައްކާތެރިކަން ފިލާދާނެ ކަމުގެ އުއްމީދު އޮތްނަމަ، އެނުރައްކަލެއް ފިލާ ދަންދެން އޭނާ މަޑުކޮށްލައިގެން ހުންނާނީއެވެ. އަދި ނުރައްކާ ފިލާ ދިޔުމުން ގެއްލުނު ރޯދަތައް ގަޟާ ކުރާނީއެވެ. ނުރައްކާތެރިކަން ފިލާދާނެ ކަމުގެ އުއްމީދު ނެތްނަމަ، ރޯދަ ދޫކޮށްލާފައި ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.