އަޚުންނޭވެ. ރަމަޟާން މަހާއި ބައްދަލު ކުރުމުގެ ފުރުޞަތު ލިބުމަކީ ބޮޑުވެގެންވާ ނިޢުމަތެކެވެ. އެމައްސަރާއި ބައްދަލުވެއްޖެ މީހާ، ނުބައިކަންތައް ކުރުމުން ދުރުހެލިވެ، ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމަށް އެނބުރި ރުޖޫޢަވާން ޖެހެއެވެ. އަދި ޣާފިލުކަން ދޫކޮށްލުމަށްފަހު، ﷲ ހަނދުމަ ކުރުމަށް ރުޖޫޢަވާން ޖެހެއެވެ. އަދި ﷲ އަށް ކުއްތަންވެ، ފާފަ ފުއްސެވުން އެދި ދަންނަވަން ޖެހެއެވެ. މާތް ﷲ އެކަމުގެ ތައުފީގް އަޅަމެން އެންމެންނަށް ދެއްވާށިއެވެ.
ރޯދައިގެ މާތް ކަމުގެ ތެރޭގައި: ގިޔާމަތް ދުވަހުގައި އޭގެ އަހްލުވެރިންނަށް ޝަފާޢަތްތެރި ވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
(الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ ، يَقُولُ : الصِّيَامُ أَيْ رَبِّ ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ ، فَشَفِّعْنِي فِيهِ ، وَيَقُولُ الْقُرْآنُ : مَنَعْتُهُ النَّوْمَ بِاللَّيْلِ ، فَشَفِّعْنِي فِيهِ ، قَالَ فَيُشَفَّعَانِ)
މާނައަކީ: "ގިޔާމަތް ދުވަހުގައި މާތް ﷲ ގެ އަޅުތަކުންނަށް ރޯދަ އާއި ގުރްއާން ޝަފާޢަތްތެރި ވާނެއެވެ. ރޯދަ ބުނާނެތެވެ. ހައްދަވައި ގެންގުޅުއްވާ އިލާހެވެ. ދުވާލުގަޑީގައި އޭނާ ކެއުމުންނާއި ޝަހްވަތުން މަޙްރޫމް ކުރީ ތިމަންނާއެވެ. އެހެންކަމުން އޭނާ އަށް ތިމަންނާގެ ޝަފާޢަތް ދެއްވާށެވެ. އަދި ގުރްއާން ބުނާނެތެވެ. ރޭގަނޑު އޭނާގެ ނިދި ނަގާލީ ތިމަންނާއެވެ. އެހެންކަމުން ތިމަންނާގެ ޝަފާޢަތް އޭނާ އަށް ދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. އެދޭތީގެ ޝަފާޢަތް އޭގެ އަހްލުވެރިންނަށް ލިބޭނެތެވެ."
އަޚުންނޭވެ. ރޯދައިގެ މަތިވެރިކަން ޙާޞިލް ކުރެވޭނީ އޭގެ އަދަބު ތަކާއި އެއްގޮތަށް ރޯދަ ހިފިގެންނެވެ. އެހެންކަމުން، އަންގަވާފައިވާ ގޮތަށް ރޯދަ ހިފޭތޯ ގަދައަޅާ މަސައްކަތް ކުރާށެވެ.
ހައްދަވައިގެންގުޅުއްވާ އިލާހެވެ. އަޅަމެންނަށް ޝަފާޢަތްތެރިޔަކު ކަމުގައި ރޯދަ ލައްވާފާންދޭވެ. އަދި އަޅަމެންގެ ފާފަ ފުއްސަވައި ރަޙްމަތް ލައްވާފާންދޭވެ. އަޅަމެންގެ މައިންބަފައިންނާއި އެންމެހައި މުސްލިމުންގެ ފާފަ ފުއްސަވައި ދެއްވާފާންދޭވެ.