އަޚުންނޭވެ. އަޅުގަޑުމެންނާއި ކުރިމަތިލާފައި މިވަނީ މަތިވެރި ކަމުން ފުރިގެންވާ މައްސަރެކެވެ. މަތިވެރިވެގެންވާ މޫސުމެކެވެ. ދަރުމަ އާއި ޘަވާބު އިތުރުވެގެންދާ މައްސަރެކެވެ. ހެޔޮކަންތަކަށް އެދޭމީހާ އަށް އެކަމުގެ ދޮރުތައް ހުޅުވިގެން ދެއެވެ. ހެޔޮކަންތަކާއި ބަރަކާތުގެ މައްސަރެވެ. ދަރުމަ އާއި ޘަވާބުން ފުރިގެންވާ މައްސަރެކެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ ) މާނައަކީ: "رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ."
މާތް ﷲ ގެ ރަޙްމަތާއި ފާފަ ފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމުން ފުރިގެންވާ މައްސަރެކެވެ. ފުރަތަމަ ދުވަސް ތަކަކީ ރަޙްމަތުގެ ދުވަސްތަކެވެ. މެދުތެރޭގެ ދުވަސްތަކަކީ ފާފަ ފުއްސެވުމުގެ ދުވަސްތަކެވެ. ފަހުކޮޅުގައި ވަނީ ނަރަކައިން މުއްތި ކުރެއްވުމެވެ. މި މައްސަރުގެ މާތް ކަމާއި ގުޅޭ ގޮތުން އެތަކެއް ޙަދީޘެއް ވާރިދުވެފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِذَا جَاءَ رَمَضَانُ ، فُتِّحَتْ أَبْوَابُ الْجَنَّةِ وَغُلِّقَتْ أَبْوَابُ النَّارِ ، وَصُفِّدَتِ الشَّيَاطِينُ ) މާނައަކީ: "ރަމަޟާން މަސް އަތުވެއްޖެނަމަ، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުންތައް ކަސްތޮޅު އެޅުވެއެވެ."
މި މައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެނީ މި ދުވަސްތަކުގައި މީސްތަކުން ހެޔޮ ޢަމަލު ކުރާލެއް ގިނަވުމުންނެވެ. އަދި އެކަމަށް ހިތްވަރު ދެއްވުމުގެ ގޮތުންނެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވެނީ އީމާންކަމުގެ އަހްލުވެރިންގެ ކިބައިން ނުރަގަޅު ޢަމަލުތައް ފެންނަލެއް މަދުވުމުންނެވެ. ޝައިޠާނުންތައް ކަސްތޮޅު އެޅި އެހެން މަސްތަކުގައި މީސްތަކުންނާއި ގާތްވާ ގޮތަށް ނުވެވޭ ހުއްޓެވެ.
އަބޫހުރައިރާގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أُعْطِيَتْ أُمَّتِي خَمْسَ خِصَالٍ فِي رَمَضَانَ لَمْ يُعْطَهَا أَحَدٌ قَبْلَهُمْ : خُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ , وَتَسْتَغْفِرُ لَهُمُ الْمَلائِكَةُ حَتَّى يُفْطِرُوا , وَيُزَيِّنُ اللَّهُ كُلَّ يَوْمٍ جَنَّتَهُ ، وَيَقُولُ : يُوشِكُ عِبَادِي الصَّالِحُونَ أَنْ يَلْقَوْا عَنْهُمُ الْمَئُونَةَ وَالأَذَى , وَيَصِيرُوا إِلَيْكِ , وَتُصَفَّدُ فِيهِ مَرَدَةُ الشَّيَاطِينِ , وَلا يَصِلُونَ فِيهِ إِلَى مَا يَصِلُونَ فِي غَيْرِهِ , وَيُغْفَرُ لَهُمْ فِي آخِرِ لَيْلَةٍ " . قِيلَ : يَا رَسُولَ اللَّهِ ، أَهِيَ لَيْلَةُ الْقَدْرِ ؟ قَالَ : " لا , وَلَكِنَّ الْعَامِلَ إِنَّمَا يُوَفَّى أَجْرَهُ عِنْدَ انْقِضَاءِ عَمَلِهِ )
މާނައަކީ: "އެހެން އުއްމަތްތަކުގެ މީހުންނަށް ނުދެއްވާ ފަސްކަމެއް ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ރަމަޟާން މަހުގައި ވަނީ ދެއްވާފައެވެ. ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ، ﷲ ގެ ޙަޟްރަތުގައި ބުމަކަސްތޫރި އަށް ވުރެ މީރުވަހެއް ކަމުގައި ލެއްވިއެވެ. ރޯދަ ވީއްލުމަށް ދާންދެން، އެބައިމީހުންގެ ފާފަ ފުއްސެވުން އެދި މަލާއިކަތް ބޭކަލުން ދުޢާ ކޮށްދެއްވަތެވެ. އެބައިމީހުންނަށް ޓަކައި ކޮންމެ ދުވަހަކު ﷲ ތަޢާލާ ސުވަރުގެ ޒީނަތްތެރި ކޮށްދެއްވަތެވެ. އަދި ވަޙީ ކުރައްވައެވެ. ތިމަން ﷲ ގެ ޞާލިޙް އަޅުތަކުންށް ދަތި އުނދަގޫތައް ފިލައި، ތިބާ އާއި ގާތަށް އަންނަން ގާތްވެއްޖެއެވެ. އަދި އެމައްސަރުގައި ޝައިޠާނުންގެ މާރިދުންތައް ކަސްތޮޅު އެޅުއްވެއެވެ. އެހެން ދުވަސްތަކުގައި އިންސާނުންގެ ގާތަށް އަންނަ ގޮތަށް ނާދެވޭނެއެވެ. އަދި ރަމަޟާން މަހުގެ ފަހު ރޭގައި އެބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވަތެވެ.
ދެންނެވުނެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. އެއީ ލައިލަތުލް ގަދްރި ވިލޭރޭތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ނޫނެކެވެ. އެހެންނަމަވެސް، މަސައްކަތު މީހުންގެ އުޖޫރަ ލިބޭ ހުށީ އެބައިމީހުންގެ މަސައްކަތް ނިންމާ ހިސާބުންނެވެ."
ކޮމެންޓު ފޮނުވާ