އިންޑިއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އެންމެ މުހިންމު އަސާސަކީ ތަރައްގީ ކަމުގައި އިންޑިއާގެ ޚާރިޒީ ވަޒީރު ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ޖައިޝަންކަރު މިހެން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ރޭ ހަނިމާދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އިންފްރާ ސްޓްރަކްޗަރ އިތުރަށް ތަރައްގީކޮށް، ރާއްޖޭގެ އިގްތިސާދީ އަސާސްތައް ވަރުގަދަކޮށް، އަދި އިގުތިސާތު އިތުރަށް ފުޅާކުރުމަށް އެހީތެރިކަން ލިބެމުންދާ ކަމުގައެވެ.
އެމުނި އެކުލެވިގެންވާ ތަރައްގީގެ މިގުޅުމުގެ ތެރޭގައި ގްރާންޓްތަކާއި، ކޮންސެޝަނަލް ކެރެޑިޓާއި ބަޖެޓަރީ ސަޕޯޓާއި ކެޕޭސިޓީ ބިލްޑު ކުރުމާއި އަދި ތަމްރީނު ދިނުންވެސް ހިމެނިފައިވާނެ. މި މަޝްރޫއުތައް ފެށި، މަސައްކަތްތައް ހިގަމުންދާކަމީ އަޅުގަޑުމެން ވަރަށް އުފާކުރާ ކަމެއް. އަދި އޭގެ ފައިދާ އާންމުންނަށް ކުރަމުންދާ ކަމީ، ހަގީގަތުގައި މިގުޅުން ވަރަގަދަ ވަމުންދާކަމުގެ ހެކި.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މީގެ ކުރިން އައްޑުއަށްވެސް ވަޑައިގެންނެވި ކަމަށާއި، އެ ސިޓީގައިވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީގެން ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ދާކަމުގައެވެ. އަދި ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް ޕްރޮޖެކްޓްވެސް ވަރަަށް ރަގަަޅަށް ކުރިޔަށް ދާކަން ފާހަގަ ކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ މި ޕްރޮޖެކްޓް ޕްލޭނާ އެއްގޮތަށް ނިންމުމަށް އިންޑިއާއިން ވަރަށްބޮޑު ސަމާލުކަމެއް ދެމުންދާކަމަށެވެ.
އޭގެ އިތުރުން މާލޭ ސަރަހައްދުގައި ކުރިޔަށްދާ ހައުސިންގ މަޝްރޫޢުތަކާއި އޭގެ އިތުރުންވެސް އިންޑިއާގެ އެހީގައި 34 ރަށެއްގައި ކުރިޔަށްދާ ފެނާއި ނަރުދަމާގެ މަޝްރޫއުތައްވެސް ކުރިޔަށްދަނީ ވަރަށް ރަގަޅަށްކަމަށް ވިދާޅުވަމުން ޖައިޝަންކަރު ވިދާޅުވީ މީގެ ގިނަ މަޝްރޫއުތައް މިހާރުހުރީ ނިމުމުގެ މަގުމަތީގައި ކަމުގައެވެ.
އަދި ހަމަ އެއާއެކު ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ޑިވެލޮޕްމެންޓް ޕްރޮޖެކްޓުވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށްވެސް މިޖަލްސާގައި ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ރާއްޖޭގައި ހިގަމުންދާ މި ބޮޑެތި ޕްރޮޖެކްޓުތަކުގެ އިތުރުންވެސް ކުދިކުދި ކޮމިއުނިޓީ ޕްރޮޖެކްޓްތައްވެސް އިންޑިއާއިން ރާއްޖޭގައި ކުރިޔަށް ގެންދާކަމަށާއި، މިގޮތުން މިބާވަތުގެ 45 ޕްރޮޖެކްޓެއް މިހާރުވެސް ކުރިޔަށްދާ ކަމަށް ވިދާޅުވިއެވެ.
އަދި މުޖުތަމައަށް ފައިދާހުރި މިފަދަ އިތުރު ޕްރޮޖެކްޓްތަކަށް ފައިނޭންސްކުރުމަށް އިތުރު 100 މިލިއަން ރުފިޔާގެ ގްރާންޓެއް ރާއްޖެއަށް ދިނުމަށް މިހާރު އެއްބަސްވެފައި ވާކަމަށްވެސް ޖައިޝަންކަރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސް ސާލިހުގެ އިތުރުން ފޮރިން މިނިސްޓަރ އަބުދުﷲ ޝަހިދާއިވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ދެ ވަޒީރުންގެ މެދުގައި ބޭއްވޭ ރަސްމީ ވާހަކަތަކާއި އަދި ދެގައުމުގެ 3 އެއްބަސްވުމެއްގައި އިއްޔެވަނީ ސޮއި ކޮށްފައެވެ. އެ ހަފްލާތައް ބޭއްވިފައިވަނީ ނ. މަނަދޫގައެވެ.
މީގެ އިތުރުން ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން ޖައިޝަންކަރު ހއ. އުތީމުގެ އާސާރީ ބައެއް ތަންތަނަށް ޒިޔާރަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް ސާލިހުގެ ވެރިކަމުގައި ޖައިޝަންކަރު 3 ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައިވާއިރު، އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ ފާއިތުވެދިޔަ އަހަރުގެ މާރޗްމަހުއެވެ. އެފަހަރު ޖައިޝަންކަރުވަނީ އިންޑިއާގެ އެހީގައި އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ ހުޅުއްވާ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ