ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ތެރެއިން ސަރުކާރަށް އަމާޒުވަމުންދާ ފާޑު ކިޔުންތަކުގެ ތެރެއިން ޕާޓީގެ ރައީސް އެންމެ ގިނައިން ދައްކަވާފައި ހުރި ވާހަކަތަކަކީ ރިޒާވް ހުސްވެ ގައުމު ބަގުރޫޓު ވާ ވާހަކަ ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރޭ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު އަމަލީގޮތުން ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖެއަށް ސްރީ ލަންކާއަށް ޖެހުނު ހާލަތު ކުރިމަތި ވެދާނެކަމަށް ބުނެ، އިގްތިސާދީ މައުލޫމާތު ސަރުކާރުން އޮޅުވާލާކަމުގެ ތުހުމަތުތައްވެސް ބައެއް ފަރާތްތަކުން ކުރަމުންދާ ކަމުގައެވެ. އަދި މިގޮތުން ރާއްޖެ ބަގުރޫޓުވާނެ ކަމުގެ ވާހަކަ ބައެއް ބޭފުޅުން ދައްކަވަމުން ދާތާ އަހަރުތަކެއް ވެއްޖެކަމަށް ވިދާޅުވެ އެވާހަކަތައް ފައްޔާޒު ސިފަކުރެއްވީ އެއީ "އަންނަނީ އަންނަނީ"ގައި އޮތް ވާހަކައެއެއްގެ ގޮތުގައެވެ.
މިގައުމު ބަގުރޫޓުވާ ވާހަކަ ހަމަ އަންނަނީ.. އަންނަނީ.. 4 އަހަރު ވަނީ ހަމަ މިގައުމު ބަގުރޫޓުވާތާ.. ކިޔާތާ.. ނުވޭ.. އިރާދަކުރެއްވިއްޔާ ނުވާނެ. ދަރަނި ނަގަންވެސް ޖެހޭ. ނަގާނަންވެސްމެ.
ރާއްޖެ ބަގުރޫޓުވާ ވާހަކައަކީ ހަގީގަތެއް ނޫންކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވިއެވެ.
މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖެ ބަނގުރޫޓު ވާނެކަމަށް ބައެެއް ބޭފުޅުން ވިދާޅުވަމުން ދިޔަނަމަވެސް އެފަދަ އެއްވެސް ހާލަތެއް ނެތްކަމުގައެވެ. އަދި ވިދާޅުވީ ސަރުކާރުން ލޯނު ނަގަމުންދަނީ އެ ލޯންތަކުން ރައްޔިތުންނަށް މަންފާއާއި ލާބަ ހުންނާތީ ކަމުގައެވެ.
އެހެންކަމުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ލޯން ނަގަމުން ދިއުމުގައި މައްސަލައެއް އޮތްކަމަށް ދެކެވަަޑައި ނުގަންނަވާކަމަށް މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުގެ ތަސައްވުރަކީ އަދި ސިޔާސަތަކީ، މަޝްރޫއުތައް ކުރިޔަށްގެންދާނެ ގޮތާއި، ނިމިގެންދާނެ ގޮތާއި ނަތީޖާވެސް ކަރުދާހުގައި ލިޔެ ހިސާބު ޖެހުމަށްފަހު މަސައްކަތައް ފެށުންކަމުގައެވެ.
މިގޮތުން މިހާރު ކުރިޔަށްދާ ޔޫކުރެއިން ހަނގުރާމައާއި އަދި އޭގެ ކުރިން ކުރިމަތިވި ކޯވިޑް19ގެ ގޮންޖެހުންތަކާއެކުވެސް ރައީސް ސާލިހު އިރުޝާދު ދެއްވާފަ އޮތީ މެނިފެސްޓޯގައި އެމަނިކްފާނު ރައްޔިތުންނަށް ވީ ވައުދުތައް ނިންމުމަށް ކަމަށާއި، ރައީސް ސާލިހުގެ ހުރިހާވެސް އަމާޒަކަށްވީ ރައްޔިތުންނަށް ދެރަގޮތެއް ވެގެންދިޔަ ނުދިނުން ކަމުގައެވެ.
މިއީ ހަމަތިބެފަކާ، އާނ ހިނގާ މިތަނުގައި މިވެނިކަމެއް ކޮށްލަން ކިޔާފައި ކުރާކަމެއް ނޫން. ކުރިން އެހެން ކަންކަން ކުރީމާ ކާމިޔާބު ލިބިފައި ނެތީ.
ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ފާއިތުވެދިޔަ 4 އަހަރު ތެރޭގައިވެސް ރައީސް ސާލިހުގެ އިރުޝާދުގެ ދަށުން، ބައްލާވާފައިވާނީ އެއްވެސް މަސައްކަތެއް ދޫނުކޮށް، ރައްޔިތުންނާއި ހަމައަށް ތަރައްގީގެ ފޮނި މީރުކަން ގެނެސް ދިނުމަށްކަމަށް މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވެފައި ވެއެވެ.
ރޭގެ ޖަލްސާގައި ރައީސް ސާލިހުވަނީ 136.6 މިލިއަން ޑޮލަރުގެ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު އިފްތިތާހު ކޮށްދެއްވާފައެވެ.
ރޭ ހަނިމާދޫގައި ބޭއްވުނު ޚާއްސަ ރައްސްމިއްޔާތެއްގައި މިމަޝްރޫޢު އިފްތިތާހު ކޮށްދެއްވަމުން ރައީސް ސާލިހު ވިދާޅުވީ ހަނިމާދޫގައި އަޅާ ބައިނަލް އަގުވާމީ ފެންވަރުގެ އެއަރޕޯޓަކީ 1.2 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގެ ގާބިލްކަން ހުރި، އެންމެ ޒަމާނީ ފެންވަރުގެ ޚިދުމަތް ފޮރުކޮށްދެވޭނެ ރީތި ޓާމިނަލްއެއް ހުންނާނެ އެއަރޕޯޓެއް ކަމުގައެވެ.
މިގޮތުން މި އެއަރޕޯޓުގައި އަޅާ 2.46 ކިލޯ މީޓަރުގެ ރަންވޭއަކީ ދުނިޔޭގެ ބޮޑެތި ބޯޓުފަހަރަށް ޖެއްސޭނެ ވަރުގެ ރަންވޭއެއްކަމަށް ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވީ ބައިނަލް އަގުވާމީ އެއަރޕޯޓަކުން ލިބޭނެ ހުރިހާ ވަސީލަތްތަކެއް ހަނިމާދޫގައި ގާއިމް ވެގެންދާނެ ކަމުގައިވެ. އަދި ހަނިމާދޫ ބައިނަލްއަގުވާމީ އެއަރޕޯޓު ވެގެންދާނީ ބޮޑުތިލަދުންމަތީގެ ރައްޔިތުން ފަޚުރުވެރިވާނެ އެއަރޕޯޓަކަށް ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.