ރައީސް ސާލިހުގެ ސަރުކާރުގެ ތަސައްވުރަކީ އަދި ސިޔާސަތަކީ، މަޝްރޫއުތައް ކުރިޔަށްގެންދާނެ ގޮތާއި، ނިމިގެންދާނެ ގޮތާއި ނަތީޖާވެސް ކަރުދާހުގައި ލިޔެ ހިސާބު ޖެހުމަށްފަހު މަސައްކަތައް ފެށުންކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރޭ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު އަމަލީގޮތުން ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ފައްޔާޒު އިސްމާއިލް ވިދާޅުވީ ރައީސް ސާލިހު ގެންދަވަނީ ދުވާލެއް ރޭގަޑެއް ބެލުމެއްނެތި މި ސިޔާސަތު ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ކަމުގައެވެ.
މިގޮތުން މިހާރު ކުރިޔަށްދާ ޔޫކުރެއިން ހަނގުރާމައާއި އަދި އޭގެ ކުރިން ކުރިމަތިވި ކޯވިޑް19ގެ ގޮންޖެހުންތަކާއެކުވެސް ރައީސް ސާލިހު އިރުޝާދު ދެއްވާފަ އޮތީ މެނިފެސްޓޯގައި އެމަނިކްފާނު ރައްޔިތުންނަށް ވީ ވައުދުތައް ނިންމުމަށް ކަމަށާއި، ރައީސް ސާލިހުގެ ހުރިހާވެސް އަމާޒަކަށްވީ ރައްޔިތުންނަށް ދެރަގޮތެއް ވެގެންދިޔަ ނުދިނުން ކަމުގައެވެ.
މިގޮތުން ފާއިތުވެދިޔަ 4 އަހަރު ތެރޭގައިވެސް ރައީސް ސާލިހުގެ އިރުޝާދުގެ ދަށުން، ބައްލާވާފައިވާނީ އެއްވެސް މަސައްކަތެއް ދޫނުކޮށް، ރައްޔިތުންނާއި ހަމައަށް ތަރައްގީގެ ފޮނި މީރުކަން ގެނެސް ދިނުމަށްކަމަށް މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވެފައި ވެއެވެ.
މިއީ ހަމަތިބެފަކާ، އާނ ހިނގާ މިތަނުގައި މިވެނިކަމެއް ކޮށްލަން ކިޔާފައި ކުރާކަމެއް ނޫން. ކުރިން އެހެން ކަންކަން ކުރީމާ ކާމިޔާބު ލިބިފައި ނެތީ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ތެރެއިން ސަރުކާރަށް އަމާޒުވަމުންދާ ފާޑު ކިޔުންތަކުގެ ތެރެއިން ޕާޓީގެ ރައީސް އެންމެ ގިނައިން ދައްކަވާފައި ހުރި ވާހަކަތަކަކީ ރިޒާވް ހުސްވެ ގައުމު ބަގުރޫޓު ވާ ވާހަކަ ކަމުގައެވެ.
އަދި ރާއްޖެއަށް ސްރީ ލަންކާއަށް ޖެހުނު ހާލަތު ކުރިމަތި ވެދާނެކަމަށް ބުނެ، އިގްތިސާދީ މައުލޫމާތު ސަރުކާރުން އޮޅުވާލާކަމުގެ ތުހުމަތުތައްވެސް ކޮށްފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިގޮތުން ރާއްޖެ ބަގުރޫޓުވާނެ ކަމުގެ ވާހަކަ ބައެއް ބޭފުޅުން ދައްކަވަމުން ދާތާ އަހަރުތަކެއް ވެއްޖެކަމަށް ވިދާޅުވެ އެވާހަކަތައް ފައްޔާޒު ސިފަކުރެއްވީ އެއީ "އަންނަނީ އަންނަނީ"ގައި އޮތް ވާހަކައެއެއްގެ ގޮތުގައެވެ.
މިގައުމު ބަގުރޫޓުވާ ވާހަކަ ހަމަ އަންނަނީ.. އަންނަނީ.. 4 އަހަރު ވަނީ ހަމަ މިގައުމު ބަގުރޫޓުވާތާ.. ކިޔާތާ.. ނުވޭ.. އިރާދަކުރެއްވިއްޔާ ނުވާނެ. ދަރަނި ނަގަންވެސް ޖެހޭ. ނަގާނަންވެސްމެ.
ރާއްޖެ ބަގުރޫޓުވާ ވާހަކައަކީ ހަގީގަތެއް ނޫންކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް ސާލިހުގެ ސިޔާސަތަކީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި ތަރައްގީ ގެންނަމުން ދިއުން ކަމުގައެވެ.