ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ބިލް މަޖިލީހަށް ބަލައިގެންފި

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ބިލް މަޖިލީހަށް ބަލައިގެންފި

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ފާސްކޮށްފިއެވެ.

ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 32 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގއި މި ބިލުގެ ބަހުސް ވަނީ ނިންމާލާފައެވެ. ބިލު ބަލައިގަތުމާއެކު ބިލް ވަނީ ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. ފިނޭންސް މިނިސްޓްރީންވެސް ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޓެކްސް ބޮޑުކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ޖީއެސްޓީ ފަދަ އާންމުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުން އެންމެ ރަނގަޅުތޯ ސުވާލު އުފައްދަވާފައެވެ. އަދި ގައުމުތަކުން ޓެކްސް ނިޒާމަށް ބަދަލު ގެނެސް ފުއްދުންތެރިކަން ހުރި މީހުން އަތުން އިތުރު ޓެކްސް ނަގަމުންދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *