ހޮޅުދޫގެ ބައެއްގެގޮތުގައި ހޮޅުމީދޫ ތަރައްޤީކޮށް މީހުން އާބާދުކުރާނަން: ރައީސް

ހޮޅުދޫގެ ބައެއްގެގޮތުގައި ހޮޅުމީދޫ ތަރައްޤީކޮށް މީހުން އާބާދުކުރާނަން: ރައީސް

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2022 10:55
0

ނ. ހޮޅުދޫގެ ބައެއްގެގޮތުގައި ނ. ހޮޅުމީދޫ ތަރައްޤީކޮށް، އެރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނ. ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އަލިމަސް ޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވާ، ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ނ. ހޮޅުދޫއަކީވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެއްކަމަށެވެ. އެހެންނަމަވެސް ރަށުގެ ފަޅުގައި ޖާގަ ނެތުމުން ހޮޅުދޫގެ ބިން އިތުރަށް ހިއްކެންނެތްކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ހޮޅުދޫގެ ބައެއްގެ ގޮތުގައި ހޮޅުދޫ ކައިރީއޮތް ހޮޅުމީދޫ ހަމަޖައްސަަވާ، އެރަށުގައި މީހުން އާބާދުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހޮޅުމީދޫއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިރަށުގެ ރައްޔިތުން ބޭނުންވީ މި ރަށުގައި އަޅަން ސަރުކާރުން ހަމަޖެއްސި 30 ހައުސިން ޔުނިޓް، މިރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖެއްސި ހޮޅުމީދުއަށް ބަދަލުކޮށް، އެ ރަށް އާބާދުކުރަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން އެގޮތަށް ކޮށްދޭނަން. އެރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ވެސް ޤާއިމުކޮށްދޭނަން.

– ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ހޮޅުދޫގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށާއި، އެ މަސައްކަތް ކުރިއަށްގެންދާނީ ރަށުގެ ރައްޔިތުން އެދިފައިވާގޮތަށް ވާޓަރުވެސް ހިމަނައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މި މަޝްރޫޢު އަންނަ ޖުލައިމަހުގެ ނިޔަލަށް ބީލަމަށް ހުޅުވާލެވޭނެކަމަށެވެ. އަދި މިހާރު ކުރިއަށްދާ ފެނުގެ ނިޒާމު ޤާއިމުކޮށް ނިމުމުން މި ރަށުގެ މަގުހެދުމުގެ މަޝްރޫޢުވެސް ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރަށުގައި ދެން ކުރިއަށް ގެންދަން ރާވާފައިވާ އެންމެ ބޮޑު އަނެއް މަޝްރޫޢަކީ މިރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން. އަދި މިހާރު ތައްޔާރުވަމުން އަންނަ، ސާފު ބޯފެނުގެ ނިޒާމު ޤާއިމުކޮށް ނިމުމާ އެކީ، ރަނގަޅު ފެންވަރަށް މަގުތައް ހެދުމުގެ މަސައްކަތް ފެށިގެންދާނެ.

– ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހޮޅުދޫގެ އިތުރުންވެސް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށްދާކަމަށެވެ. އެގޮތުން ކްލާސްރޫމްތައް އިތުރުކުރުމާއި، މަލްޓިޕާޕަސް ހޯލްތައް ބިނާކުރުމާއި، ސައިންސް ލެބޯޓެރީތަކާއި އޮފީސް ޢިމާރާތްތައް ހެދުމުގެ މަސައްކަތްތައްވެސް އެކި ސްކޫލުތަކުގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުތައް ނިމުމުން، ރާއްޖޭގެ ސްކޫލްތަކުގައި ހުރި ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.