މިއަހަރުގެ އޮގަސްޓު މަހު، އިރާނުގެ ވެރިރަށް ތެހެރާންގައި އަލްގައިދާގެ ދެވަނައަށް އެންމެ އިސްލީޑަރު، އިސްރާއީލުގެ އޭޖެންޓުން މަރާލާފައިވާކަމަށް ބުރާ ރިޕޯޓުތައް އިރާނުން ދޮގުކޮށްފިއެވެ.
މިރިޕޯޓުތައް ދޮގުކުރަމުން އިރާނުން ބުނެފައިވަނީ، ހުޅަގުގެ މީޑިއާތައް ދަނީ އެމެރިކާއާއި އިޒްރާއީލުން އުފައްދަމުންދާ ހޮލީވުޑްގެ ފިލްމީ މަންޒަރުތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.
ނިއުޔޯކް ޓައިމްސްއިން ޝާއިއު ކޮށްފައިވާ އާރޓިކަލްއެއްގައި ލިޔެފައި ވާގޮތުން، މިއަހަރުގެ އޮގަސްމަހުގެ 7 ވަނަ ދުވަހު، އިސްރާއީލުގެ ޖާސޫސީ އޭޖެންޓުންވަނީ އިރާނުގެ މަގެއްގައި އަލްގައިދާގެ ދެވަނައަށް އެންމެ އިސްލީޑަރު މަރާލާފައެވެ. މި ނޫހުން ހާމަކޮށްފައިވާ ގޮތުގައި މުހައްމަދު އަލް މަސްރީ މަރާލާފައިވަނީ، ސައިކަލުގައި ދުއްވާފައިދިޔަ ދެމީހަކު ބަޑިން ހަމަލާ ދީގެންނެވެ. އެނޫހުން ހާމަކުރާގޮތުގައި މުހައްމަދު އަލް މަސްރީ މަރާލުމަށް ދެވުނު މިހަލަމާގައި އޭނާގެ އަންހެން ދަރިފުޅު، އުސާމާ ބިންލާދިންގެ ހުވަފަތް އަބިމީހާ، މަރިއަމްވެސް ވަނީ މަރުވެފައެވެ.
އެމެރިކާގެ ޖާސޫސީ އިދާރާއިން ހާމަކުރާގޮތުގައި އަލް މަސްރީއަކީ 1998 ވަނަ އަހަރު އެފްރިކާގައި އެމެރިކާގެ 2 އެމްބަސީއަކަށް ދެވުނު ޓެރަރިސްޓް ހަމަލާގެ މާސްޓަރ މައިންޑެވެ.
އެމެރިކާގެ ނިއުޔޯކް ޓައިމްސްއިން މިޚަބަރު އާންމު ކުރުމާއެކު އިރާނުގެ މީޑިއާތަކުން ވަނީ އިރާނުގައި މަރާލެވުނު މިމީހާއަކީ ލުބުނާނުގައި ތާރީޚު ކިޔަވާދޭ ޕްރޮފެސްރެއްކަމުގައިވާ ހަބީބު ދާއޫދު ނަމަކަށް ކިޔާ މީހެއްކަމުގައި ބުނެފައެވެ. އަދި މިހަމަލާގައި މަރުވެފައިވަނީ ހަބީބު ދާއޫދުގެ އަންހެން ދަރިފުޅު މަރިޔަމް ކަމުގައިވެސް އިރާނުގެ މީޑިއާތަކުން ބުނެފައިވެއެވެ.
ލުބުނާނުގެ މީޑީއާތަކުންވެސް، އަދި އެގައުމުގެ ބައެއް ސޯޝަލް މީޑިއާ ވަސީލަތްތަކުންވެސް ވަނީ މަރުވެފައިވަނީ ލުބުނާނުގެ ހަބީބު ދާއޫދު ނަމަކަށް މީހަކުކަމުގައި ބުނެފައެވެ. އަދި ލުބުނާނުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ހަބީބު ދާޢުދަކީ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށް ނިސްބަތްވާ މީހެކެވެ. ހިޒްބުﷲ ޖަމާއަތަކީ އިރާނުން އެހީތެރިކަން ފޯރުކޮށްދޭ ލުބުނާނުގެ ހަތިޔާރުއެޅި ސިޔާސީ ޖަމާއަތެކެވެ.
އެހެންނަމަވެސް، ނިއުޔޯކް ޓައިމްއިން ފަހުން ބުނެފައިވަނީ މަރާލެވިފައިވަނީ ލުބުނާނުގެ ދާއޫދު ނަމަކަށް ކިޔާ މީހެއްކަމަށް އިރާނުން ޚަބަރު ފަތުރާފައިވަނީ މިޚަބަރު ދޮގުކޮށް މިހަމަލާގެ ހަގީގަތް އޮޅުވާޅުމަށެވެ.
އަދި މިނޫހުން ބުނެފައިވަނީ، އިރާނާއި ދެކޮޅުވެރިވުމުގެ ތާރީޚެއް އޮތް އަލްގައިދާގެ އިސްބައެއް ފަރާތްތަކަށް ތެހެރާނުން ހިމާޔަތް ދެމުންދަނީ، އެ ޖަމާއަތުން އިރާނުގެ އެތެރޭގައި ހަގުރާމަވެރި އޮޕަރޭޝަންތައް ހިންގުން ހުއްޓުވުމަށެވެ. ނުވަތަ އެޖަމާއަތުން އެމެރިކާއާއި ދެކޮޅަށް ހަމަލާދިނުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
މިރިޕޯޓާއި ގުޅިގެން އިރާނުގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާން ހޮނިހިރު ދުވަހު ބުނެފައިވަނީ، އިރާނާ ގުޅޭގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމަކީ މީގެ ކުރިންވެސް އެމެރިކާއިން އިސްވެ އޮވެ ހިންގާފައިވާ ޕްރޮޕަގެންޑާތަކެކެވެ.
އަދި އިރާނުން ބުނެފައިވަނީ މެދުއިރުމަތީގައި އުފެދިފައިވާ ޓެރަރިސްޓް ޖަމާއަތްތަކަކީ އެމެރިކާގެ ސިޔާސަތުތައް އެ ރީޖަންގައި ފެއިލްވެގެން ގޮސްފައިވާކަމުގެ ސާފު ހެއްކެއް ކަމުގައެވެ.