މަސައްކަތްތެރިންގެ ހައްގުތައް ގިނަގުނަ ކަމަށާއި، މަސައްކަތްތެރިންގެ ކަށަވަރުވޭތޯ ބަލަން ޖެހޭ ކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހައި މަސައްކަތްތެރިންނަށް ފޮނުވައި ނާޒިމް ވިދާޅުވީ މަސައްކަތްތެރިންނަކީ ޤައުމު ބިނާކޮށް އާރާސްތު ކުރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަރާތްތައް ކަމަށެވެ. މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް އަދި ހައްގުތައް ކަށަވަރުވޭތޯ ބެލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ނާޒިމް ފާހަގަ ކުރެއްވިއެވެ. ހަމައެކަނި މަސައްކަތްތެރިންނަށް ކުޑަ އުޖޫރައެއް ކަނޑައެޅުމުން، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ނުވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް ދަންނަވަން. ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުވީކަމަކަށް ގަބޫލުނުކުރަން. މަސައްކަތްތެރިންގެ ހައްގުތައް ގިނަގުނަ، ކަށަވަރުވޭތޯ ބަލަން ޖެހޭ.
– ނާޒިމް ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ ދުވަހު ރައީސް ޞާލިހު ފޮނުވި ޚިތާބުގައި ވިދާޅުވީ ރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އަދިވެސް މުޖުމަތަޢުގައި ހުރިކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން ކޮންމެ މަސައްކަތްތެރިއަކަށް އެމީހަކު އެ ކުރާ މަސައްކަތުގެ ޙައްޤު މިންވަރު، ލިބިދެވޭކަން ކަށަވަރުކުރުމާއި މަސައްކަތް ކުރުވުމަށް ފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ކަންކަމަކީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާ ވެސް ޚިލާފު ކަންތައްތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން، މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ޤާނޫނީ ގޮތުން ލާޒިމްކޮށް ތަންފީޒުކުރަން ފަށާފައިވާކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ޚިދުމަތްތަކުން، މުވައްޒަފުންނަށް ސަރވިސް ޗާޖް ދިނުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައިވެސް، އެންމެ މުހިންމު ދައުރެއް އަދާކުރަނީ، ތަފާތު ދާއިރާތަކުން ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންކަމާއި މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ