ރަޝިއާއިން ޔޫކުރެއިންގައި ކުރަމުން އަންނަ ހަނގުރާމައިގެ ފުރަތަމަ މަރުހަލާ ނިމުމަކަށް އައިސް، ރަޝިއާއިން މިހަނގުރާމައިގައި މިހާރު ގެންގުޅެމުން އަންނަ ސިޔާސަތު އެގައުމުގެ އަސްކަރީ އިސް ޖެނެރަލަކު ހުކުރު ދުވަހު ހާމަކުރައްވައިފިއެވެ.
ރަޝިއާގެ އަސްކަރިއްޔާގެ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި، އެގައުމުގެ އަސްކަރިއްޔާއިން ޔޫކުރެއިންގައި ކުރަމުން އަންނަ ހަގުރާމާގައި މިހާރުގެ އެންމެ ބޮޑު އަމާޒަކީ، ޔޫކުރެއިންގެ އިރުމަތީގައި މިނިވަންކަން އިއުލާންކޮށްފައިވާ ޑޮމްބަސް ސަރަހައްދު އެކީ ހިމާޔަތް ކުރުމެވެ.
"ހިންގަމުންދާ އަސްކަރީ އޮޕްރޭޝަންގެ ފުރަތަމަ މަރުހަލާ މިހާރުވަނީ ނިމުމަކަށް އައިސްފަ،" ހުކުރުދުވަހު ބޭއްވި ނިއުސް ބްރީފިންގައި ރަޝިއާގެ ޖެނެރަލް ސްޓާފުގެ ފަރސްޓް ޑެޕިއުޓީ ޗީފް ކާނަލް ޖެނެރަލް ސާރޖީ ރުޑްސްކޮއި ވިދާޅުވެފައި ވެއެވެ.
"ޔޫކުރެއިންގެ އަސްކަރިއްޔާގެ އަސްކަރީ ގާބިލްކަން ވަނީ ވަރަށް ބޮޑުތަނުން ދަށް ކުރެވިފައި، އޭގެ ނަތިޖާއެއްގެ ގޮތުން އެންމެ މުހިންމު އަމާޒަށް ވާސިލްވުމަށް ވަރަށް ބޮޑުތަނުން މަގުފަހި ވެއްޖެ، އެއީ ޑޮންބަސް (ވަކިވެގަތުމަށް ހަނގުރާމަކުރާ ސަރަހައްދު) މިނިވަންކުރުން."
ކާނަލް ޖެނެރަލް ސާރޖީ ރުޑްސްކޮއި މިހެން ވިދާޅުވެފައި ވަނީ، ރަޝިއާ ސިފައިން ޔޫކުރެއިންގެ ވެރިރަށް ކީވްއާއި އަދި ވެރިރަށް ކައިރިން އޮންނަ ކާކިވްއާއި ދިމާލަށް ކުރިއަރަމުންއައި އައިއުން އެކީ ކަހަލަ ގޮތަކަށް މަޑުޖެހި، ޔޫކުރެއިންގެ ވައިގެ ސަރަހައްދުވެސް ރަޝިއާގެ ބާރުގެދަށަށް ގެނައުމުގައި އެގައުމު ފެއިލްވެގެން ގޮސްފައިވާކަމަށް ޔުރަޕާއި ހުޅަނގުގެ ގައުމުތަކުން ބުނަމުން ދަނިކޮށެވެ.
"ޔޫކުރެއިންގެ ބައެއް ސިޓީތައް ވަށާލައިގެން އަހަރެމެން ކުރަމުން އަންނަނީ ކީއްތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައި،" ރުޑްސްކޮއި ވިދާޅުވެފައި ވެއެވެ. "މިއީ ޔޫކުރެއިންގެ އަސްކަރިއްޔާގެ އަސްކަރީ އުޅަނދުތަކަށާއި، އިންފްރާ ސްޓްރަޗަރ އަދި ޔޫކުރެއިންގެ ސިފައިންނަށް ވީހާ ބޮޑެތި ގެއްލުން ދިނުމަށް އަމާޒު ކުރެވިގައި ހިންގާފައިވާ އަސްކަރީ ހަރަކާތްތައް، އޭގެ ނަތީޖާއެއްގެ ގޮތުން ޔޫކުރެއިންގެ ސިފައިންގެ އަތް ބެނދެވުމުގެ އިތުރުން ޑޮންބަސް ސަރަހައްދުގައިވާ އެމީހުންގެ ގުރޫޕްތައް އެއްބައި ކުރުވުމުގެ ފުރުސަތު ގެއްލިގެން ދާނެ، އަދި ރަޝިއާގެ އަސްކަރިއްޔާއިން ޑޮނެސްކު ޕީޕަލްސް ރިޕަބްލިކް DPR އާއި ލުހާންސް ޕީޕަލްސް ރިޕަބްލިކް LNR އެކީ މިނިވަން ކުރުމާއި ހަމައަށް، މި ގުރޫޕްތައް އެއްބައި ކުރުވުމުގެ ފުރުސަތު ގެއްލިގެން ދާނެ،" އޭނާ ވިދާޅުވެފައި ވެއެވެ.
ރަޝިއާގެ ޖެނެރަލް އިޝާރާތް ކުރައްވާފައިވާ، ޑޮނެސްކު ޕީޕަލްސް ރިޕަބްލިކް DPR އާއި ލުހާންސް ޕީޕަލްސް ރިޕަބްލިކް LNR އަކި، ޔޫކުރެއިންއަށް ހަމަލާ ދޭން ފެށުމުގެ ކުރިން، މިނިވަން ދައުލަތުގެ ގޮތުގައި ރަޝިއާއިން ކަނޑައެޅި، ޔޫކުރެއިންގެ އިރުމަތީ ސަރައްދެވެ. މި މުޅި ސަރަހައްދަކީ އެގައުމުގެ އިރުމަތީ ޑޮންބަސް ސަރަހައްދެވެ. ހަގުރާމަ ފެށުމުގެ ކުރިން މިސަރަހައްދުގައި، ވަކިވެގަތުމަށް ހަނގުރާމަ ކުރަމުންދިޔަ ހަގުރާމަވެރިންގެ ކޮންޓްރޯލްގައި އޮތީ މި ސަހަރައްދުގެ ވަކި ބައެކެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން، 3 މިލިއަނަށްވުރެ ގިނަ މީހުން މިހާރުވަނީ އެގައުމު ދޫކޮށް ގޮސްފައެވެ.