ޚާރިޖީ ދާއިރާއިން ރާއްޖެއަށް މަތީ މަޤާމާއި، ޝަރަފް ލިބިގެންދަނީ މަރުހޫމް ފަތުހުﷲ ޖަމީލުގެ ހަރުދަނާ ސިޔާސަތުގައި ރާއްޖެއިން ދެމިތިބެ، އެސިޔާސަތާއިއެކު ކުރިއަށްދާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާ މަރުހޫމް ފަތުހުﷲ ޖަމީލްގެ ނަމަށް ބަދަލުކޮށް، އިމާރާތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ފަތުހުﷲ ޖަމީލް ޚިދުމަތް ކުރެއްވި 27 އަހަރާއި 4 މަހަކީ ދިވެހިރާއްޖެ ބައިނަލް އަގުވާމީ ދުނިޔެއަށް ހުޅުވާލެވި، ބައިނަލް އަގުވާމީ ދުނިޔެއާއި ރާއްޖެއާއި ގުޅުން އެންމެބޮޑަށް ހަރުދަނާ ވެގެން ދިޔަ ދުވަސްތައް ކަމުގައެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް މަރުހޫމް ފަތުހުﷲ ޖަމީލަށް ހާއްސަ ކުރެވިފައިވާ މައިގަނޑު ދެ ސަބަބަކީ ޚާރިޖި ދާއިރާއަށް ފަތުހުﷲ ޖަމީލް 27 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތް ޤައުމީ ފެންވަރެއްގައި ބަލައިގަތުމާއި، މިއިމާރާތަކީ އެމަނިކުފާނުގެ މޭސްތިރިކަމުން ފަރުމާކޮށް، އިމާރާތް ކުރެވިފައިވާ އިމާރާތަކަށްވުމުން، އެމަނިފާނުގެ ހަނދާން ތާއަބަދަށް ފެނިގެންދާނޭ ހަނދާނީ ބިނާއަކަށް ހެދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލުގެ ޚާރިޖީ ވަޒީރުކަމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ، މިދެންނެވި ސިޔާސަތުތައް ނެގެހެއްޓުމަށްޓަކައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކާލާތު ކުރެއްވުމަށް. މިއަދު ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބިފައިވާ މަތިވެރި މަގާމާއި، ރާއްޖެއާމެދު އުފެދިފައިވާ އިތުބާރާއި ޤަދަރުގެ ޙަޤީޤީ ސިއްރަކީ، ޙިކްމަތްތެރިކަމާއެކު އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްތައް.
– ރައީސް ވިދާޅުވިއެވެ.
މަރުހޫމް ފަތުހުﷲ ޖަމީލުގެ ޚާރިޖީ ސިޔާސަތަކީ އިންސާނީ ހައްގުތައް ފުރިހަމައަށް ރައްކާތެރިކޮށް، މިނިވަންކަމާއި، ސުލްހަޔާއި، ހަމަޖެހުން ގާއިމްކުރުންކަމަށެވެ. މިއަސާސްތަކަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރާ އަސާތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއިން ޚާރިޖީ ގުޅުންތައް ބަދަހިކޮށް، ޚާރިޖީ ސިޔާސަތު ނެގެހެއްޓުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މިނިވަންކަމާއި ސިޔާސަތު ދެމެހެއްޓުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ބައިނަލް އަގުވާމީ މައިދާނުގައި މިއަދު ލިބެމުންދާ ކުރުއެރުމާއި ކާމިޔާބީ ތަކަކީ މިސިޔާސަތުގައި ދެމިތުބުމުގެ ނަތީޖާ ކަމަށް ރައީސް ވިދާޅުވިއެވެ. ބައިނަލް އަގުވާމީ ދުނިޔެއިން ރާއްޖެ އެކަހެރިވެފައިވާ 5 އަހަރަށްފަހު ވެރިކަމާއި ހަވާލުވިފަހުން ބައިނަލް އަގުވާމީ ދުނިޔެއާއި ރާއްޖެއާއި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރި މަސައްކަތްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާކަމަށެވެ. އެގޮތުން އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސްކަމަށް މިނިސްޓަރ ޝާހިދު އިންތިޚާބު ވެފައިވަނީވެސް ރާއްޖޭގެ ޚާރިޖީ ސިސާތަކު ދުނިޔޭގެ ޤައުމުތަކުން ބަލައި ގަންނަތީ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ގެންގުޅޭ މި ހަމަތަކާއި ސިޔާސަތުތައް، މުޅި ދުނިޔެ މިއަދު ބަލައިގެންފި. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ބޮޑު ތާއީދަކާއެކު، އ.ދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަގާމަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެގެން އެދިޔައީ، މިދެންނެވި ސިޔާސަތުތައް ރާއްޖެއިން ނަގަހައްޓާކަން ދުނިޔެއަށް ސާބިތުކޮށްދެއްވުމަށް، އެމަނިކުފާނު ގެންގުޅުއްވި ޙިކްމަތްތެރި ސިޔާސަތުގެ ސަބަބުންކަން ޔަޤީން.
– ރައީސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޚާރިޖީ ދާއިރާއިން ކޯވިޑްގެ ދަތު އުދަނގޫ ވަގުތުގައިވެސް ކުރައްވަމުންދާ އަގުނުކުރެވޭ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. ބޭރުގެ އެކި ޤައުމުތަކުގައި ތިބި ދިވެހި އާއިލާތަކުގެ ހާލު އޮޅުންފިލުވައި އެހީތެރުވުމަށާއި، ރާއްޖެއާއި ބޭނުންވާ އެހީތެރިކަން ހޯދުމުގައި ދިވެހި ޚާރިއްޖިއްޔާއިން ކުރައްވާފައިވާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.