އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ގުޅުއްވައި ތަރައްޤީގެ މަޝްވަރާތަކާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
ރައީސް ޞާލިހަށް، މޯދީ ގުޅުއްވައި ފޯނުން ދެއްކެވި ވާހަތަކާއި ގުޅިގެން ދެބޭފުޅުން ވަނީ ޓުވިޓާ މެދުވެރިކޮށް، ފޯންކޯލްގައި ދެކެވުނު ވާހަތައް ހިއްސާ ކުރައްވާފައެވެ. މޯދީ ކުރެއްވި ޓްވީޓުގައި އިންޑިއާއިން ހިންގާ ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެ އަށް އިންޑިއާ އިން އެހީތެރިވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަސް ދެއްވާފައިވާކަމަށެވެ. މީގެ އިތުރުން އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންތިހާބުވެފައިވާތީ މޯދީ ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ފޯނުކޯލުގައި މޯދީ ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދެބޭފުޅުން ސަރަހައްދީ މަސްލަހަތާއި އަދި ދެޤައުމުގެ މަސްލަހަތު އޮތް ކަންކަމުގައި މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި ކޯވިޑް ބަލިމަޑު ކަމުގެ ތެރޭގައާއި، ދިމާވި ދަތިތަކަށާއި، އިޢްތިޞާދީ ގޮތުން ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށްވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
It was a pleasure to catch up on the phone this afternoon with my good friend PM @narendramodi. During our conversation we discussed on a host of important issues of concern to both Maldives and India from Covid19 response to cooperation in our post pandemic economic recovery. https://t.co/iYE6xEdyp0
— Ibrahim Mohamed Solih (@ibusolih) July 14, 2021
ރައީސްއާއި، އިންޑިއާގެ ބޮޑުވަަޒީރު މިއަދު ގުޅުވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާއިރު، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 1981 ވަނަ އަހަރު އެއްބަސްވެފައިވާ އެގްރިމަންޓް އޮން ޓްރޭޑް ކޯޕަރޭޝަންގެ ދަށުން ދިވެހިރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ 7 ބާވަތާއި އިމާރަތް ކުރުމަށް ބޭނުންވާ 2 ބާވަތް އިންޑިއާއިން އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދޫކޮށްފައިވާ ކޯޓާ، ވަނީ އާ ކޮށްދެއްވާފައެވެ.
މިއީ އިންޑިއާއިން އެކްސްޕޯޓުކުރުމަށް އާންމުކޮށް މަނާކޮށްފައިވާ ތަކެތި ރާއްޖެއަށް ދޭ ޚާއްސަ ހުއްދައެކެވެ. ކޮންމެ އަހަރަކު މި މކޯޓާ އާކުރަން ޖެހެއެވެ. ނަމަވެސް މިއަހަރު މި ކޯޓާ ވަނީ ތިން އަހަރުގެ މުއްދަތަކަށް އާ ކޮށްދީފައެވެ. މިކަމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ހުއްޓުމެއް ނެތި މުދާ ލިބޭނެކަމުގެ ޔަގީންކަން ލިބިގެންދާނެއެވެ. ނުވަތަ އެކްސްޕޯޓް ޕްރިޑިކްޓަބިލިޓީ އިތުރުވެގެންދާނެއެވެ.
ހަމައެއާއެކު މި އަހަރު އާކޮށްފައިވާ ކޯޓާއަކީ މިހާތަނަށް އެ ޤައުމުން ހުއްދަ ދިން އެންމެ ބޮޑު ކޯޓާއެވެ. މިއީ މިދިޔަ އަހަރުގެ ޔުޓިލައިޒޭޝަނަށް ބަލައި، ދިވެހިރާއްޖެއިން އެދިފައިވާ އަދަދުތަކެވެ. އިމާރާތް ކުރުމުގެ ސިނާޢަތަށް ބޭނުންވާ ކޯޓާ އިތުރުކޮށްފައިވަނީ ކުރިއަށް ހުރި އަހަރު ތަކުގެ ތެރޭގައި ގިނަ ޕްރޮޖެކްޓުތަކެއް ފެށިގެންދާނެ ކަމަށް ބަލާފައެވެ.