މަހުގެ ސްޓޮކް ދެމެހެއްޓުމަށް ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވޭ: ޝައުނާ

މަހުގެ ސްޓޮކް ދެމެހެއްޓުމަށް ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވޭ: ޝައުނާ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram
ގުޅުންހުރި

ދުނިޔޭގެ މަހުގެ ސްޓޮކް މެނޭޖްކޮށް ދެމެހެއްޓުމަށްޓަކާ މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖި އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި ދުނިޔޭގެ ކަނޑުތަކާއި ކަނޑުފަޅުގެ ދިރުންތަކުގެ ދުޅަހެޔޮކަން އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ މެދުގައި ބޭއްވި މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްޞީލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ބިމުގެ އިންސައްތަ ކުޑަވިއެއްކަމަކު، ކަނޑުގެ ސަރަޙައްދު ބޮޑު ޖަޒީރާ ޤައުމެއްކަމަށާއި، ކަނޑުތަކަކީ ދިވެހިންގެ އާއްމު ދިރިއުޅުމާއި އެތައްގޮތަކުން ގުޅިފައިވާ ތިމާވެށީގެ މާޙައުލެއްކަމަށެވެ. ކަނޑުފަޅުން ލިބޭ ނަފާއަށް ދުނިޔޭގެ ހުރިހާ ޤައުމުތަކަކުންހެން ބަރޯސާވިޔަސް، ކަނޑުތަކަކީ ރާއްޖެފަދަ ޤައުމުތަކުގެ ދެމިއޮތުމާއި އަދި ކުރިއެރުމާއި ގުޅިފައިވާ ތަނެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ދެ ސިނާޢަތްކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ސީދާ ގުޅިލާމެހިފައިވަނީ ކަނޑުފަޅުތަކުގެ ދިރުންތަކާއި، މުއްސަނދިކަމަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޝައުނާ ވިދާޅުވީ، ކަނޑުތަކާއި، ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް އެތަކެތީގެ ދުޅަހެޔޮކަން ދެމެހެއްޓިގެން ނޫނީ ހަޤީޤީ ތަރައްޤީއެއް ނުހޯދޭނެކަމަށެވެ.

ދުނިޔޭގެ ކަނޑުތަކަކާއި، ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އިޝާރަތްކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ، ދުނިޔޭގެ މަހުގެ ސްޓޮކް މިހާރަށްވުރެ ރަނގަޅަށް މެނޭޖްކޮށް ބެލެހެއްޓޭނެ ސިޔާސަތުތަކެއް އެކުލަވާލަންޖެހޭކަމަށެވެ. އަދި އެ ސިޔާސަތުތަކަކީ ސައިންސްގެ އަލީގައި އެއްކުރެވޭ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް، ޤާނޫނީގޮތުންވެސް ބާރުލިިބިދޭ ސިޔާސަތުތަކަކަށް ވާންޖެހޭކަމަށާއި، މިއީ ދުނިޔޭގެ ޤައުމުތަކުން ގުޅިގެން ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، ރާއްޖޭގެ އަތޮޅުތައް އެ އެއްޗެއްގެ މައްޗަށް އުފެދިފައިވާ މުރަކައާއި ފަަރުތަކުގެ ނިޒާމަކީ ދުނިޔޭގެ ނިސްބަތުންވެސް ބޮޑު ނިޒާމެއްކަމަށެވެ. އަދި އެއީ ކަނޑުގެ ދިރުންތަކަށް ބޭނުންވާ ތަފާތު ކާނާ ލިއްބައިދޭ ގުދުރަތީ ނިޒާމެއްކަމަށެވެ. އެހެންނަމަވެސް ޖައްވު ހޫނުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިތުރުން ދުނިޔޭގެ މުރަކައާއި ފަރުތަކުގެ ނިޒާމުތައް ހަލާކުވެ ނެތިދިއުމުގެ ބިރު ވަރަށް އެބައޮތްކަމަށާއި، އެއްވެސް ހިފެހެއްޓުމެއްނެތި މަސްވެރިކަން ކުރުމާއި މޫދަށް ޕްލާސްޓިކާއި ކުނި އެޅުމުގެ ސަބަބުން ތިމާވެށީގެ އެތައް މައްސަލަތަކެއް ފެންމަތިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ތިމާވެށީގެ މައްސަލަތަކުން އަރައިގަތުމަށް ވަކިން ޚާއްސަކޮށް ކަނޑުތައް ޙިމާޔަތްކުރުމާއި ޕްލާސްޓިކާއި ދެކޮޅަށް ރާއްޖެން އަޅަމުންދާ ފިޔަވަޅުތަކާއި މަސައްކަތްތަކާ ގުޅޭގޮތުންވެސް މިނިސްޓަރ ޝައުނާ ވަނީ މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ކްލައިމެޓް އިމަރޖެންސީ ޤާނޫނެއް ވުޖޫދަށްގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޤާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހަދާ، ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމަށާއި، 2023 ގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.