ކުރު ވާހަކަ: ރޯދައަށް ފަހު

ކުރު ވާހަކަ: ރޯދައަށް ފަހު

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ދުން ގުޑުގުޑާ ހިފައިގެން ހަފީޒާ ޖޯލިފަތީގައި އިނެވެ. އުމުރުން ދުވަސްވެ ރޫތައް ގިނަވެފައިވާ މޫނުން ފެންނަމުންދަނީ ހިތާމަޔާއި އެކަނިވެރިކަމާއި ހިތްދަތިކަމުގެ ކުލަވަރެވެ. ލައިގެންހުރި ފޮތިބޯވަޅު އެޅި ކަނޑުނޫ ކުލައިގެ ލިބާހާއި ބޮލުގައި އަޅާފައިވާ ތުނިފޮތީގެ ނަލަ ބުރުގާއިން ދިވެހި ވަންތަކަން އޭނާގެ ކިބައިން ފާޅުވެއެވެ. އުމުރުން ދުވަސްވެފައިވިޔަސް އޭނާއަކީ ގެވެހި ކެތްތެރި އަންހެނެކެވެ. ހީވާގި މުރާލިމީހެކެވެ.

ހިމޭން އެމާހައުލުގެ ހިމޭންކަން ފޫދުއްވާލަނީ ދޭތެރެ ދޭތެރެއިން އޭނާ ގުޑުގުޑާ ދަމާލާއަޑާއި ގޭތެރޭން ކުޑަކުއްޖަކު ހީލާ ނުވަތަ ރޯލާ އަޑުންނެވެ. ކުދިންގެ އަޑު އިވޭ ކޮންމެ ފަހަރަކު ހަފީޒާއަށް ގެއާއި ދިމާއަށް ބަލާލެވެއެވެ. އޭނާގެ އެކަނިވެރި ހަޔާތުގެ ދަތުރުގައި ކޮންމެ އަހަރަކުވެސް އުފާވެރިކަމެއް އަންނަނީ އީދަށް ނުވަތަ ރޯދައަށެވެ. ކުދީން ގެއަށް އައުމުންނެވެ. ޗުއްޓީއަށެވެ. އެހެން ހުރިހާ ދުވަހެއް އޭނާ މިގޭގައި ހޭދަކުރަނީ އެކަނިވެރިކަމާއި ހިތްދަތިކަމާއި އެކުގައެވެ.

ގޭތެރެއިން ދުވެފައި ނުކުމެގެން އައީ ހަފީޒާގެ މާމަދަރިފުޅު ފަޒްލާއެވެ. ބަނބުކެޔޮ ގަސްދަށުގައި ހުރި ދަގަނޑު ޖޯލިފަތީގައި ހަފީޒާއިނެވެ. ފަޒްލާ ހަފީޒާގެ ކުރިމަތީގައި ހުއްޓުމަށްފަހު އޭނާގެ ޅަ އަޑުން ކުރީ ޝަކުވާއެވެ.
"މާމާ! އަހަރެން ނުދާނަން މާލެއަކަށް!"
"ކީއްވެ ދަރިފުޅާ!" ހައަހަރުގެ ފަޒްލާ ގެނެސް ކައިރީގައި ޖޯލިފަތީގައި ބައިންދަމުން ހަފީޒާއެހިއެވެ.
"އަހަރެން ދިޔައިމާ މާމަ އެކަނިވާނެނު. ބުޅާތައްވެސް ދެރަވާނެ އެއްނު. ކޮތަރުތަކަށް ކާކު ކާންދޭނީ" ގޯތިތެރޭގައި ހުރި ބޮޑު ކުންނާރު ގަސްދަށުގައި ތިބި ކޮތަރު ބައިގަނޑަށް އިޝާރާތްކޮށްފައި ފަޒްލާ ބުންޏެވެ.

ހަފީޒާގެ ހިތުގައި ޖެހުނެވެ. ހައަހަރުގެ ކުޑަކުޑަ މާމަ ދަރިފުޅަށް އެކަން ވިސްނޭއިރު އޭނާގެ ދަރީންނަށް އެކަން ނުވިސްނޭތީއެވެ. ހަފީޒާ ބަލާލިއެވެ. މާސިންގާ ގޯއްޗެކެވެ. ވައިށައިގެން އިންފާރު ރާނައި ބައްދައި ބޮޑު ދެ ދޮރާށިލާފައެވެ. ރުކާއި ކެޔޮގަސްތަކާއި ބަނބުކެޔޮގަހާއި ކުންނާރުގަހެއްގެ އިތުރުން އަނބުގަހަކާއި ބޮޑު އަންނާރުގަހެއްވެސް ހުއްޓެވެ. ބަދިގެ އާއި ކާގެ އަދި ގުދަނާއި އުނދޯލިގެ އެއްފައްޗަކަށް ހުރި އިރު އެތާނގެ ކުރިމަތީގައިވަނީ ބަގީޗާހައްދައި ރީތި ކުރެވިފައެވެ. ކުލަކުލައިގެ ފިނިފެންމާ ގަހާއި މަލިކުރުވާ ގަސްތަކެވެ. މަތަރެސްމާ ގަސްތަކާއި ސަނދުބަރަކަ ގަސްތަކެވެ. ކޮންމެ ގަހެއްގައިވެސް މާތައް އަޅާފުރިފައެވެ. މޭވާ ގަސްތަކުގައި މޭވާ އަޅާ ބަރާވެފައެވެ. ސުވަރުގެއެއް ފަދަ ރީތި ކަމެކެވެ. ވަށައިގެން ފެންނަންހުރީ ފާގަތިކަމާއި ތިޔާގި ކަމާއި އާރޯކަމެވެ. ހިތްއުފާވާ މަންޒަރުތަކެވެ.

އިރުކޮޅަކުން ގޭތެރެއިން ނުކުމެގެން އައީ ހަފީޒާގެ ދަރިފުޅު މުއީނެވެ. އޭނާވެސް އައިސް އިށީނީ ޖޯލިފަތީގައެވެ.
"މަންމާ! ނުވައެއް ޖަހާއިރު ލޯންޗު އަންނާނީ. ދޮންތަޔާއި ދޮންބޭބެވެސް އަހަރެމެންނާއި އެކު ދާނެ. މަންމަ ހަމަ ނުދާނަންތަ؟" މުއީން އެހިއެވެ.
"ދަރިފުޅާ! މިގެ ފަޅަށްލާފައި މަންމަ އަކަށް ނުދެވޭނެ." ހަފީޒާ ހިންދިރުވާލަމުން ބުންޏެވެ. މުއީންވެސް އިތުރަށް އެވާހަކައެއް ނުދެއްކިއެވެ. މަންމަ ގޮތް ދޫނުކުރާނެކަން އެނގޭތީއެވެ.

ރައްޓެއްސަކަށް ގުޅައިގެން މުއީނު ޕިކަޕެއް ގެނުވައިފިއެވެ. ހުރިހާ އެންމެންގެ ފޮށިތަންމައްޗާއި ހަފީޒާ ކުދީންނަށް މާލެ ގެންދަން ތައްޔާރުކޮށްދީފައި ހުރި ހަދިޔާ ޑަބިޔާތަކާއި އަނބާއި ބަބުކެޔޮ ފޮށިގަނޑުތައް ދޮންކެޔޮ ގަނޑުތައް ޕިކަޕަށް އަރުވާފައި މަންޒަރު ފެނުމުން ދެކޭ މީހަކަށް ހީވާނީ ކުޑަވަރެއްގެ ވިޔަފާރިއެއް ފަށަން ބަޔަކު ގެންދާ އެއްޗެހި ހެންނެވެ. ވާނީވެސް އެހެންނެވެ. ހަފީޒާ އާއި އިބްރާހިމްގެ ފަސްދަރިންނާއި މާމަކިޔާ ބާރަ ކުދިންނާއި މުނިމާމަކިޔާ ދެކުދިންނާއި، ކުދިންގެ އަބިން ފިރިންނާއި އެކު އެއާއިލާގައި ޖުމުލަ 27 މީހުން އެބަތިއްބެވެ. ކޮންމެ އަހަރަކުވެސް ރޯދައަށް އީދަށް އެމީހުން ރަށަށް އަންނާނެއެވެ. އެމީހުން އެނބުރި މާލެ ދިޔުމުން މުޅިގެއާއި ގޯތިތެރެއަށް ވެރިވެފައި އޮންނާނީ މަރުގެ ހަމަހިމޭން ކަމެވެ.

ކުދިން ފުރުވަން އެމީހުންނާއި އެކު ހަފީޒާވެސް ބަނދަރަށް ނުކުތެވެ. ދޮށީ ދަރިފުޅު މުފީދު ކުއްޔަށް ހިފާފައިވާ ލޯންޗުގައި އާއިލާގެ ހުރިހާ އެންމެން ރޯދައަށްފަހު އީދުވެސް ނިންމާފައި މާލެދަނީއެވެ. ދެން އަނެއްކާވެސް އެމީހުން އަންނާނީ އަނެއް އަހަރު ރޯދައަށެވެ. ހަފީޒާގެ ކަމަކަށް އޮންނާނީ ދަރީންނަށް އިންތިޒާރު ކުރުމުމެވެ.

ކުދިވެރީން މާލެ ނުދާންވެގެން ބޮޑާހޭކިއެވެ. ރުޔެވެ. މާލޭގައި ބަންދުވެފައިވާ ޖަލެއް ކަހަލަ ކުޑަ ތަންކޮޅެއްގެ ތެރޭގައި އުޅެފައި އަންނަ ކުއްޖަކު ރަށްފުށުގެ މާސިންގާ ގޯއްޗެއްގެ ތެރޭގައި ރީތި ބަގީޗާ ގަސްތަކާއި ދޫނިތަކާއި ކޮކާތަކުގެ ތެރޭގައި އުޅެފައި އަނެއްކާވެސް ކުރިން އުޅުނު ޖަލެއްފަދަ ތަނަކަށް ދާންރުހޭނީ ކިހިނެއްހެއްޔެވެ؟ އެކަން ހަފީޒާގެ ބޮޑެތިވެފައިތިބި ދަރީންނަށްވެސް އެނގެއެވެ. އެކަމަކު ކިޔަވަން މާލެ ފޭބިގޮތަށް އެއިން ކޮންމެ ކުއްޖަކުވެސް ފައިހަރުކޮއްލީ މާލޭގައެވެ. އެކުދީންގެ އުފަން ވަޒަނަށް އެކުދީންނަށްޓަކައި ބައްޕަ ބިނާކުރި ދިރިއުޅުން ދަމަހައްޓާކަށް ނޫޅެވުނެވެ.

ފަޒްލާވެސް ލޯންޗަށް އެރުވީ ރޮއެ ރޮއެ އޮއްވައެވެ. ނުދާން ބޮޑާހާކައިގެން މާމަގެ ފަސްބައިގައި އެލިގަނެގެން އެދަރިފުޅު އެތައް އިރަކު އޮތެވެ. މުއީން އައިސް އޭނާގެ މުށުތެރެއިން ހަފީޒާގެ ލިބާހުގެ ފަސްބައި ނެރެ ގަދަކަމުން ގެންގޮސް ލޯންޗަށް އެރުވި އިރުވެސް "މާމާއޭ އަހަރެން ނުދާނަމޭ!" ފަޒްލާ ގޮވައެވެ. ހަފީޒާގެ ހިތަށް ތަދުވިއެވެ. ލޮލުން ކަރުނަ ހިލުނެވެ. އޭނާގެ މޭގެ އެތިކޮޅެއް ގަދަ ކަމުން މީހަކު ވީދައި ނައްޓައިގެން ގެންދަނީހެން ހީވިއެވެ. އެތަދު އިހްސާސްވިއެވެ.

ހުރިހާ ކުދިންވެސް ހަފީޒާއާއި ސަލާމްކުރި އެވެ. އަނެއްކާވެސް ރޯދައަށް އަންނާނަމޭ ބުންޏެވެ. އެކަމަކު ހަފީޒާ ބޭނުމީ އެކުދިން ތާއަބަދަށް އޭނާގެ ގާތުގައި އެގޭގައި ދިރިއުޅުމަށެވެ. މާސިންގާ ގޯއްޗެކެވެ. ކިއްލާއެއްފަދަ ބޮޑު ގެއެކެވެ. ކޮންމެ ކުއްޖަކަށް ތަނަވަސް ބޮޑު ކޮޓަރިއެއް އެބަހުއްޓެވެ. އިތުރަށްވެސް ކޮޓަރި ހަދާނެވަރަކަށް ހަދާން ތަން އެބައޮތެވެ. އެކަމަކުވެސް ހަފީޒާގެ ދަރީން ދިރިއުޅެން ބޭނުންވަނީ މާލޭގައެވެ. ތައުލީމާއި ސިއްޙަތާއި ވަޒީފާގެ ފުރުޞަތުތައް އޮތީ އެތާނގައި ކަމަށްވާތީއެވެ.

ލޯންޗު ރަށުގެ ފަޅުން ނުކުމެ ކަނޑު އޮޅިން މާކަނޑަށް ނުކުންނަންދެން ހަފީޒާ ބަލަން ހުއްޓެވެ. އެލޯންޗް އެދަނީ އޭނާގެ އުފާތަކާއި ހިތްހަމަޖެހުން ހިފައިގެންނެވެ. މަހެއްހާދުވަހުގެ އުފާވެރި ދިރިއުޅުމަށްފަހު އަނެއްކާވެސް އެކަނިވެރި ރޭތައް ފެށުނީއެވެ. ހަފީޒާ އެއްގަމަށް ހިނގައިގަތެވެ. މަގުމަތިން ބައްދަލުވާ މީހުން ކުދިން ފުރީތޯ އަހާލުމުން ހިނިތުންވެލާފައި ހަފީޒާ އާނއެކޭ ބުނެވެ.

ގެއަށް ވަންނަން އުޅެފައިވެސް ހަފީޒާއަށް ބަލާލެވުނީ އިބްރާހިމް ދުނިޔޭގައި ގޯތިތެރޭގައި މަގަށްވާގޮތަށް އަޅާފައިހުރި ފިހާރައަށެވެ. އެތަން ހުރީ ފަޅުވެފައެވެ. ވީރާނާވާން ކައިރިވެފައެވެ. ހަރުތަކަށް ހިރަފުސް އަރާ ބޯވެފައެވެ. ފުރާޅުން ފެންފައިބާތީ ސީލިންގ ގެ ބައެއްވެސް ހަލާކުވެފައެވެ. ކޮންމެ އެއްޗަކާއި މަންޒަރެއް ދޭހަކޮށްދެނީ ވީރާނާކަމާއި ނާއުންމީދުގެ ކުލަވަރެވެ. އެއީ އެއްއިރެއްގައި އެރަށުގައި ހުރި އެންމެ ބޮޑު ފިހާރައެވެ. އެކަމަކު އިބްރާހީމަށްފަހު އެވިޔަފާރި ދަމަހައްޓާނޭ ފިރިހެން ދަރިޔަކު ނުވުމުން ހުލިވެގެން ދިޔައީއެވެ.

ހަފީޒާ ދޮރާށި ހުޅުވާލާފައި ގޯތިތެރެއަށް ވަނެވެ. ކޮތަރުތަކާއި އިރުވާހުދުތައް އުދުހި އުދުހި އުޅެއެވެ. ކޮކާކަތާއި ބަޅިނދުތައް މާތަކުގެ ވަށައިގެން އެނބުރެމުން ދެއެވެ. ކުދިން ދުއްވަން ގެންގުޅުނު ކުޑަ ދެ ބައިސްކަލު ކުންނާރު ގަސްދަށުގައި ހުއްޓެވެ. ހަފީޒާ އެތަކެތި ގެންގޮސް ގުދަނަށް ވެއްދިއެވެ. އަދި ކާގެއަށް ވަދެ ތަށިތަކާއި ބޯތަށިތަކާއި ޖޯޑުތައްވެސް ނަގައި ފޮށިފޮށިގަނޑުގައި ބަންދުކޮށް ގުދަނަށް ވެއްދިއެވެ. އެހެނީ އެތަކެތީގެ ބޭނުމެއްދެން ޖެހޭނީ އަންނަ އަހަރުގެ ރޯދައަށެވެ. އީދަށެވެ. ދަރިންނާއި މާމަދަރިންނާއި މުނިމާމަދަރިން އެނބުރި އައުމުންނެވެ.

ހަފީޒާ ގޭތެރެއަށްވަނެވެ. ސިޓިންގ ރޫމުގެ ސޯފާތަކާއި އެނދުތަކާއި ޓީވީއާއި ކޮމްޕިއުޓަރ ފަދަ ތަކެތީގައިވެސް ފޮތިތައް އަޅައި ނިވާކުރިއެވެ. ކުދީން އުޅުނު ކޮޓަރިތަކަށް ވަދެ އެތަންތަން ތަރުތީބުކޮށް ތަޅުލުމަށް ފަހު އޭނާގެ ކޮޓަރިއަށް އައެވެ. "ކުދިން ދިޔައީދޯ" އޭ މީހަކު ބުނިއަޑަށް ހަފީޒާއަށް ކޮޓަރީގެ ދޮރާއި ދިމާއަށް ބަލާލެވުނެވެ. އެކަމަކު އެކަކުވެސް ފެންނާކަށް ނެތެވެ. ހަފީޒާއަށް ހީވީ ފިރިމީހާ އިބްރާހިމްގެ އަޑު އިވުނު ހެންނެވެ. ކޮޓަރީގެ ފާރުގައި ހުރި އިބްރާހިމްއާއި ހަފީޒާ ކުދިންނާއި އެކު ނަގާފައިވާ ފޮޓޯއަށް ހަފީޒާ ބަލާލިއެވެ. އެއަށްފަހު ފުންނޭވާއެއް ލިއެވެ.

އެގެ ދޫކޮށް މާލެދާން ދަރީން އެދުނަސް އޭނާ ދާންބޭނުންނުވާ އެތައް ސަބަބެއް އެބަހުއްޓެވެ. އެއްކަމަކީ އެކަނި ވަދާ ނުކުމެ އުޅެނިކޮށް ވީގޮތެއް ނޭނގި ގެއްލުނު ފިރިމީހާގެ ހަނދާންތައް މިގޭގައި ވާކަމެވެ. އަދި މިގެއަކީ ހަފީޒާއާއި އިބްރާހިމް ބިނާކުރި އެމީހުންގެ ދުނިޔެ ކަމެވެ. އެހެން ނޫނަސް މާލޭގައި ކުއްޔަށް އުޅޭ ދަރީން ހާލެއްގައި ޖެހޭ ދުވަހު އެނބުރިއައިސް ވަންނަން އޮތްތަނަކީވެސް މިއެވެ. މިތަން ވީރާނާވާން ފަޅަށް ދޫކޮށްލާފައި ހަފީޒާ ނުދާނީ އެހެންވެއެވެ.

އަހަރުގެ އެގާރަމަސް ހަފީޒާ ހޭދަކުރާނީ ގިނަ ފަހަރަށް އެކަނިވެރިކަމުގައެވެ. ސްކޫލުތައް ރޯދައަށް ބަންދުވާތީއާއި އަހަރަކު ޗުއްޓީ ލިބެނީ އެންމެ މަހެއްހާ ދުވަހުގައި ކަމަށްވާތީ ހުރިހާ ކުދިން އެކުގައި އަބަދުވެސް ރޯދައަށް ރަށަށް އާދެއެވެ. ހަފީޒާގެ އެބޮޑުގެއަށް ދިރުން އަންނަ މަހަކީއެއީއެވެ. ހަފީޒާގެ ހަޔާތުގެ ބަހާރު މޫސުމަކީ އެއީއެވެ. ރޯދައަށް ފަހު ދެން ހަފީޒާ ގުނަންޖެހޭނީ އަނެއްކާވެސް އެކަނިވެރި ހިތާމަވެރި ދުވަސްތަކެވެ. އެކަމަކު އެކަމުގައި އޭނާގެ ޝަކުވާއެއް ނެތެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.