ކުރު ވާހަކަ: އަމާނާތް

ކުރު ވާހަކަ: އަމާނާތް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ހުޅަނގު ދެކުނު ހާބާރުގެ ކެފޭއެއްގެ މޭޒު ދޮށުފައި މުޙައްމަދު އިނެވެ. ލަސްލަހުން ކޮފީތަށި ބޮމުން އޭނާ ސިނގިރޭޓް ހުލިކުރަމުން ދިޔައެވެ. ސިނިގިރޭޓްގެ ދުންތައް ބުރުވަމުން ދިޔައިރު އެދުމުގެ ސަބަބުން އެހެން މީހަކަށް އުނދަގުލެއް ވޭތޯ ނުވަތަ ނޫންތޯ އޭނާއެއް ނުބަލައެވެ. އެކެފޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ބޯޑެއް ބަހައްޓާފައި ހުއްޓަސް އެކަމަށް އެކަކުވެސް ސަމާލުކަމެއް ނުދެއެވެ. މުޙައްމަދާއި އަދި އެހެން މީހުން އެކެފޭ ތެރޭގައި ސިނގިރޭޓް ބޮމުން ދިޔައިރު ތަނުގެ ތެރޭގައި ހިފާފައިވާ ސިނގިރޭޓްވަހާއި ދުން ވެއިޓަރުންނަށް ފާހަގަ ނުވަނީއެއް ނޫނެވެ. ނުފެންނަނީއެއްވެސް ނޫނެވެ. އެއިން ކޮންމެ ކަމަކުން ދޭހަކޮށްދެނީ ޤާނޫނުގައި ހުރި ނުކުޅެދުންތެރިކަމެވެ. ތަންފީޒީ އިދާރާތައް ނިދާފައިވާ މިންވަރެވެ. އާއްމު ރައްޔިތުންގެ ހޭލުންތެރިކަން ކުޑަވަރެވެ. އެހެން މީހުން ކުރާ ކަމަކާއި އުޅޭ ގޮތެއް ބަލައި ރިޕޯޓް ކުރުމަށް ވުރެ ކޮންމެ މީހަކަށްވެސް މުހިއްމީ އެމީހެއްގެ ކަންކަމެވެ. ކޮންމެ ކަމެއްގައިވެސް އޮތީ އެމީހަކާއި އެމީހެކެވެ. ނަފްސީ ނަފްސީއެވެ.

ކެފޭ ތެރޭގައި މީހުންތައް ހީ ސަކަރާތްޖަހަމުންދާއިރު މުޙައްމަދު މޭޒު ދޮށުގަ އިނީ އެކަންޏެވެ. އޭނާގެ ހާސްކަމާއި ދިރިއުޅުމުގެ ދަތިކަން ވަނީ ދުނިޔެއާއި އެކަހެރި ކުރުވާފައެވެ. މަސައްކަތުގައި ހޭބޯނާރައި އުޅޭ އިރުވެސް ލިބޭ އެއްޗަކުން ދެކޮޅު ނުޖެއެވެ. އެހީއެއް ވެދެވޭނޭ ރައްޓެއްސެއް ނުވަތަ އާއިލާގެ މީހަކުވެސް ނެތެވެ. އެމީހުންނަކީވެސް ފުދި އިތުރުވާ ބަޔަކަށް ނުވާތީއެވެ.

މުޙައްމަދު އެތާނގައި އިންދައި އިރުވެސް އޮއްސިއްޖެ އެވެ. އެކެފޭއަށް ވަތް އެތައް ބަޔަކު ޖަހާނެހާ ސަކަރާތެއް ޖަހާފައި ނުކުމެގެން ހިނގައްޖެއެވެ. އެކަމަކުވެސް މުޙައްމަދު ހަމަ އިނީއެވެ. މީހެއްގެ އިންތިޒާރުގައެއް ނޫނެވެ. ގެއަށްދާ ހިތް ނުވެފައެއްވެސް ނޫނެވެ. މީހުން ނިދައި ފައިހިލަވަޅު ނުއޮބެނީސް ގެއަށް ނުދާންވެގެންނެވެ. ގޭގެ ކުލި ނުދެއްކިގެން އޭނާގެ ބޮލުގައި ރިހެނީއެވެ. ގޭގެވެރިން އޭނާގެ ބޮލުގައި ކޮށަނީއެވެ. އެހެން ކަމުން ކޮންމެ މަހަކުވެސް ކުލިދެއްކޭވަރަށް އަތްމައްޗަށް ފައިސާކޮޅެއް އަރަންދެން ނުވަތަ މުސާރަ ލިބެންދެން އޭނާ އުޅެންޖެހެނީ ގޭގެ ވެރިންނަށް ފިލައިގެންނެވެ.

މިހާރު މިމަހުގެވެސް 15 އަށް އެރީއެވެ. އަދިވެސް އޭނާއަށް ކުލި ނުދެއްކެއެވެ. ނުދައްކާންވެގެނެއް ނޫނެވެ. އަތުގައި ފައިސާނެތީއެވެ. ދަރަންޏަށް ދޭނެ ރައްޓެއްސެއްވެސް ނެތީއެވެ. އެހެން ނޫނަސް އެގޮތަށް އެހެން މީހަކު ދޭނެ އެއްޗަކަށް ނުވަތަ އެހީއަކަށް ބަރޯސާވެގެން ދިރިއުޅުން ބިނާ ކުރެވޭކަށް ނޯންނާނެކަން މުޙައްމަދަށްވެސް އެނގެއެވެ. މިދިޔަމަހު ކުޑަދަރިފުޅު ގޮވައިގެން ރާއްޖޭން ބޭރަށް ފުރަންޖެހުމުން އިންތިހާއަށް އަތްމަތި ދަތިވީއެވެ. އެކުން އެހެންވީވެސް މުޙައްމަދުގެ ނަސީބު ދެރަކަމުންނެވެ.

މުޙައްމަދު މޭޒުދޮށުގައި އިނެވެ. އެތާނގައި އިނދެ ސިނގިރޭޓް ބޮއެ ބޮއެ މުޙައްމަދަށް އޭނާގެ ބޮލަށް އެނބުރުންވެސް އަރާހެން ހީވާން ފަށައިފިއެވެ. ލޯމަތިން ކޮކާ ބުރާހެންވެސް ހީވާން ފަށައިފިއެވެ. އެކަމަކު ފަހު ސިނގިރޭޓޭ ހިތާ އަނެއްކާވެސް އޭނާ ސިނގިރޭޓެއް ރޯކޮށްފިއެވެ. ދުންތައް ބުރުވާލީ ބޭރަށްލީ ފުންނޭވާ އަކާއި އެކުގައެވެ.

ދުންތައް ފޭދިގެން ދިޔަވަގުތު މުޙައްމަދަށް އެދުންތަކުގެ ތެރޭން ފެނުނީ ކެފޭ ތެރެއަށް ވަދެގެން އަންނަ ޒުވާން އަންހެން ކުއްޖެކެވެ. ބޮޑު ކަޅު ހެދުމެއް ލާފައި ހުއްޓަސް އޭނާގެ އަނަރޫފަކަމާއި ކަމީނާކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ހިކި އިލޮޓެއްހާ ނިކަމެތި ކުއްޖެކެވެ. ކޮނޑުގައި އަޅުވާފައި އޮތް ފޮތި ދަބަހުން އެއީ ކޮންމެވެސް ކޮލެޖެއްގައި ކިޔަވާ ކުއްޖެއްކަން އެނގެއެވެ. މުޙައްމަދު ފެނުމާއި އެކު އެކުއްޖާ ހުއްޓިއްޖެއެވެ. އިރުކޮޅަކު މުޙައްމަދުގެ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު މުޙައްމަދު އިން މޭޒުކައިރިއަށް އައިސް އޭނާ ހުއްޓުނެވެ.

“ބޭބެ އަޅުގަނޑު އަންނަދެން މިތާނގައި މަޑުކުރައްޗޭ!” އިތުރު އެހެން އެއްވެސް އެއްޗެކޭ ނުބުނެ އަދި މުޙައްމަދު ދޭނެ ޖަވާބަކަށް މަޑުވެސްކޮށް ނުލައި، ކެފޭއަށް ވަދެގެން އައިވަރަށްވުރެ ބާރަށް އެކުއްޖާ ނުކުމެގެން ހިނގައްޖެއެވެ. މުޙައްމަދުގެ ހިތުގައި އުފެދުނީ ސުވާލުތަކެވެ. އަނެއްކާ މިކުރިމަތިވަނީ ކޮން މުސީބާތެއް ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެކުއްޖާ އައުމުގެ ކުރީން އަވަހަށް ތެދުވެގެންދާންވެސް މުޙައްމަދުގެ ހިތަށް އެރިއެވެ. އެކަމަކު އޭނާ މަޑު ކުރީ، އެކުއްޖާގެ މޫނުން އޭނާއަށް ފާހަގަވި މައުސޫމުކަމާއި، އަޑުގައި ހުރި މަޑުމައިތިރި ކަމާއި، ވާހަކަދެއްކި ރީތި ބަހުރުވައިގެ ސަބަބުން އަދި ފުރަތަމަ ނަޒަރުންވެސް އެއީ ގޯސްކުއްޖެއް ނޫންކަން މުޙައްމަދަށް އިހްސާސްވުމުންނެވެ.

އަށާރަ ނަވާރަ އަހަރުގެ ޅަކުއްޖަކު މުޙައްމަދަށް ޖެއްސުމެއް ލަނޑެއް ދޭވަރަށް ވުރެ، މުޙައްމަދަކީ އުމުރުން މާދޮށީ މީހެކެވެ. އުމުރުން ސާޅީހުގެ އަހަރުތައް މުޙައްމަދު ގުނަމުން ދާއިރު، ދެންމެ އެއައި ކުއްޖާއަކީ މުހައްމަދުގެ ދޮށީ ފިރިހެން ދަރިފުޅަށްވުރެ ތިން ހަތަރު އަހަރު ހަގުވާނެ ކުއްޖެއްކަން އޭނާއަށް ޔަޤީނެވެ. އެހެންކަމުން މުޙައްމަދު ކަހަލަ މީހަކަށް އެކުއްޖާ ކުރާނީ ކޮންޖެއްސުމެއް އަދި އުނދަގުލެއް ހެއްޔެވެ؟

މުޙައްމަދުގެ ފޯނު ރިންގުވާފެށިއެވެ. ގުޅަނީ އަންހެނުންނެވެ. ދައްކާނީ ކޮންވާހަކައެއްކަން އެނގޭތީ މުޙައްމަދު ހުރީ ފޯނުވެސް ނުނަގާށެވެ. އެކަމަކު މުޙައްމަދު އެންމެ ފަހުން ފޯނު ނެގީ ފޯނު ނުނަގައިފި ނަމަ އެޝަކުވާވެސް ބޮޑުވާނެތީއެވެ. އަންހެނުންގެ ސުވާލުތަކަށް ޖަވާބުދޭންވެސް ޖެހޭނެތީއެވެ. ފޯނުނަގާފައި މުޙައްމަދު އާނ ހޫނ ކިޔަކިޔަފާއި ފޯނު ކަނޑާލައިފިއެވެ. އެއަށްފަހު ބޮލުގައި އަތް އުނގުޅާލައިފިއެވެ. އޭރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ވިސްނާ ވިސްނާ އޭނާގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ.

އަންހެނުން ދިނީ ސިކުނޑި ހާސްކޮށްލި އަނެއް ޚަބަރެވެ. ފަނަރަ ދުވަހުގެ ތެރޭގައި ގެއިން ނުކުތުމަށް ގޭގެ ވެރިން އެންގީއެވެ. ނޫންނަމަ ކޯޓަށްދާނެކަމުގައި ބުނީއެވެ. އެކަމުގައި މުޙައްމަދުވެސް ކުރާނެ ޝަކުވާއެއް ނެތެވެ. އެއީ އެމީހުންނަށްވެސް އޮތް ހައްޤެކެވެ. މުޙައްމަދަށް ފައިސާ ލިބޭތޯ އޭނާގެ ހާލަކީ ކޮބައިތޯ އެމީހުން ބަލާކަށް ނުޖެހޭނެއެވެ. އެމީހުންނަށް ދޭންޖެހޭ ކުލި ލަހެއް ފަހެއްނެތި ދިނުމަކީ މުޙައްމަދުގެ ވާޖިބެކެވެ.

މުޙައްމަދު ގަސްތުގައި ކުލި ނުދައްކަނީއެއް ނޫނެވެ. ބަލި ދަރިއަކު ގޮވައިގެން އުޅެން ޖެހުމުން އަތްމަތި ދަތިވީއެވެ. މިދިޔަމަހު ދަރިފުޅު ގޮވައިގެން ލަންކާއަށް ދާންޖެހުމުން ލިބުނު މުސާރައިންނާއި ރައްކާކުރެވުނު ލާރިކޮޅުން ދެކޮޅު ނުޖެހުނީއެވެ. ޗުއްޓީގައި މަހެއްހާ ދުވަހު ހުންނަންޖެހުމުން މިމަހު ލިބުނީވެސް އަސާސީ މުސާރަ އެކަންޏެވެ. ކުރާނެ ކަމެއް ހަދާނެ ގޮތެއް މުޙައްމަދަކަށް ނޭނގެއެވެ.

އެކުއްޖާ ނައިސްގެން ގެއަށް ދާންކަމަށް މުޙައްމަދު ތެދުވެއްޖެއެވެ. އޭރު ޢިޝާނަމާދަށް ބަންގި ގޮވަން ފަށައިފިއެވެ. ބިލުދައްކާފައި ތެދުވެ މޭޒުމަތީގައި އޮތް ލައިޓަރާއި ސިނގިރޭޓް ފޮށި ޖީބަށް ލުމަށްފަހު ފޯއްތަބަކުން ފޯއްފޮއްޗެއް އަނގައަށްލައި މުޙައްމަދު ހިނގައިގަންނަ ހެލިގަތް ވަގުތު އެއްކަލަ އަންހެންކުއްޖާ އަނެއްކާ އައިސް ކެފޭއަށް ވަދެއްޖެއެވެ.

މުޙައްމަދު އަނެއްކާވެސް އިށީނެވެ. އެކުއްޖާވެސް އިށީނެވެ. މުޙައްމަދު ކުޑަކޮށް ހާސްވިއެވެ. އެކުއްޖާ އެއްޗެއް ކާން ނުވަތަ ބޯން ބޭނުން ވެދާނެތީއެވެ. އޭނާގެ އަތުގައި އިތުރަށް ބިލެއް ދައްކާނެ އެންމެ ލޯލާރިއެއްވެސް މިވަގުތު ނެތަތީއެވެ. އެއަންހެންކުއްޖާ ކާނެ ބޯނެ އެއްޗެއް ގެނައި ނަމަ އަތުގައި ފައިސާނެތް ކަމުގައި ބުނަން ނުކެރޭނެ ތީއެވެ.

“ބޭބެގެ އަތުން އެއްވެސް އެއްޗެއް ގެއްލިފައިވޭތަ؟” އެކުއްޖާ ކުރީ މުޙައްމަދު އުންމީދުވެސް ނުކުރާ ސުވާލެކެވެ.
“އުނހޫ! ކިހިނެއްވީ! އެއްޗެއް ނުގެއްލޭ” މުޙައްމަދު ބުންޏެވެ.
“އަޅެ ހަނދާންކޮށްބަލަ! ބޭބެ އަތުން ހަމަ އެއްވެސް އެއްޗެއް ނުގެއްލޭތަ؟” އެއަންހެން ކުއްޖާ ސުވާލު ތަކުރާރު ކުރިއެވެ.

މުޙައްމަދު ހަނދާން ކުރަން ފެށިއެވެ. އޭނާގެ އަތުން ގެއްލުނީ ކޮންއެއްޗެއް ބާވައެވެ؟ އޭނާ ހަނދާނެއް ނުވިއެވެ. އެހެނީ އޭނާއަށް އަނބުރާ ލިބިދާނެ ނުވަތަ މީހަކަށް ފެނިގެން ގެނެސްދީފާނެ އެއްޗެއް އޭނާގެ އަތުން ގެއްލިފައެއް ނުވެއެވެ. އޭނާގެ އަތުން ގެއްލުނު ހަމައެކަނި އެއްޗަކީ ފަސްދޮޅަސް ނުވަހާސް ރުފިޔާއާއި ހާހެއްހާ ޑޮލަރެވެ. އެއީ މީގެ ދެމަސްކުރިން އޭނާގެ ދަރިފުޅު ގޮވައިގެން ލަންކާއަށް އޮޕަރޭޝަނަށްދާންވެގެން އެކި މީހުންނާއި ރައްޓެހިންގެ އަތުން ލިބުނު ފައިސާއެވެ. އެކަމަކު ނަސީބު ދެރަކަމުން މުޙައްމަދުގެ އަތުން އެފައިސާތައް ގެއްލުނީއެވެ. ވޮލެޓެއްގައި ހުއްޓައެއް ނޫނެވެ. ޑޮލަރަށް މާރުކުރަން ބޭންކުން ފައިސާތައް ނަގައިގެން ޕްލާސްޓިކް ކޮތަޅަކަށް އަޅައިގެން ގެންގުޅެނިކޮށެވެ. އެފެންނަ މީހަކަށްވެސް އެރައްދުކޮށްދޭން އެނގޭނީ އެފައިސާ ހުރީ ވޮލެޓެއް ކަހަލަ އެއްޗެއްގައި ކަމަށްވާނަމައެވެ. އަނެއް ކޮޅުން މީހުންގެ އަތްމަތި ދަތި މިފަދަ ޒަމާނެއްގައި އެހާގިނަ ފައިސާތަކެއް ހޮވާ މީހަކު އެދެއްކުމަކީވެސް ނާދިރު ކަމެކެވެ. އެހެންކަމުން އެފައިސާއަކީ ދެން ނުލިބޭނެ އެއްޗެއްކަން އެފައިސާގެއްލުނު ދުވަހު މުޙައްމަދު ކަނޑައަޅައިފި އެވެ.

“ނުވި ހަނދާނެއް! އަހަރެންގެ އެއްޗެއް އޮތީތަ؟” މުޙައްމަދު އެހިއެވެ.

އިތުރު އެއްވެސް އެއްޗެކޭ ނުބުނެ އެކުއްޖާ ދަބަސް މޭޒުމަތީގައި ބަހައްޓާފައި އެއިން ނެގީ ރުފިޔާ ބޮނޑިތަކަކާއި ޑޮލަރު ތަކެކެވެ. ރަބަރު އަޅައި އެއްކޮށްފައި އޮތް ފަސްސަތޭކަ ރުފިޔާގެ ހަތަރު ނޫޓު ބޮނޑިއާއި ހާހެއްހާ ޑޮލަރެވެ. އެތަކެތި މޭޒުމަތީ ބަހައްޓާފައި އެކުއްޖާ މުޙައްމަދާއި ކައިރިއަށް ޖައްސާލިއެވެ. މުޙައްމަދުގެ ދެލޯބޮޑުވިއެވެ. ބޭންކުން ރުފިޔާ ގުނާފައި ރުފިޔާ ބޮޑިތަކާއި އެކު އަޅާފައިވާ ރަބަރުތެރެއަށް ލާފައިވާ ކަރުދާސްކޮޅުތައްވެސް ހަމަ އެގޮތަށް ހުއްޓެވެ. އެއީ އޭނާގެ އަތުން ގެއްލުނު ރުފިޔާތަކެވެ. މާތް ކަލާނގެ ކުޅަދުންވަންތަކަމެވެ. އެފައިސާ އަނބުރާ ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތި އެކަން މުޙައްމަދު ހަނދާންވެސް ނައްތާލި ފަހުން އެފައިސާ އެހެރީ އޭނާއަށް ނުހަނު ބޭނުން ޖެހުނު ދަނޑިވަޅު އޭނާގެ ކުރިމަތީގައެވެ.
“މިއީ ބޭބެގެ އެއްޗެއްތަ؟” ރުފިޔާ ބޮޑިތައް މުޙައްމަދާއި ކުރިޔަށްވުރެވެސް ކައިރިކޮއްލަމުން އެއަންހެންކުއްޖާ އެހިއެވެ. މުޙައްމަދު އެއަންހެން ކުއްޖާގެ މޫނަށް ބަލާލިއެވެ. އަދި ހިންދިރުވާލަމުން ނުހަނު އުނދަގުލުން އާނއެކޭ ބުނެލިއެވެ. އެއާއި އެކު މުޙައްމަދުގެ މޫނަށް ބަލާލާފައި އެއަންހެންކުއްޖާ ހީލިއެވެ.

” ބޭބެ އަހަރެންނަށް މަޢާފްކުރާތި! މިފައިސާ އަކީ ބޭބެގެ ފައިސާ. ބޭބެގެއަތުން މިފައިސާތައް ގެއްލުނީ މިތަނަށް. ބޭބެ އެހެރަ މޭޒުގައި ސައިބޯން އިނދެފައި ދިޔައީ ޕްލާސްޓިކް ކޮތަޅެއްގައި ހުރި މިފައިސާތައް މޭޒުމައްޗަށް ދޫކޮށްލާފައި. އަހަރެން އޭރު އިނީ އެހެރަ މޭޒުގައި އެކަނި ސައިބޯން. ބޭބެ ދިޔުމުން އަހަރެން އެކޮތަޅު ނަގައިގެން ފަހަތުން ނުކުތިން. އެކަމަކު އޭރު ބޭބެ ހިނގައްޖެ. އަހަރެން ކޮތަޅު މިކެފޭގެ މީހުންނާއި ހަވާލު ނުކުރީ މިއީ ފައިސާތަކަކަށް ވުމުން އެމީހުން ބޭބެއަށް މިރައްދުކޮށްދީފާނެ ކަމާއި މެދު ޝައްކުވާތީ. މިވީ ދެމަސްދުވަހު އަހަރެން ބޭބެއާއި ދިމާވޭތޯ މިތަނަށް ވަރަށް ގިނަ ފަހަރު އަތުވެއްޖައިން. މިފައިސާތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓީ އެތައް ހިއްވަރަކުން. ކޮންމެ ނަމާދެއްގައި މިއަމަނާތް އޭގެ ވެރިފަރާތަށް ރައްދުކޮށްދިނުމުގެ މަގުފަހިކޮށްދެއްވުން އެދި އަހަރެން ދުޢާކުރަން. އެންމެ ފަހުން ﷲ ތަޢާލާ އަހަރެންގެ ދުޢާ އިޖާބަކުރައްވައިފި” އެކުއްޖާ ބުންޏެވެ.

މުޙައްމަދުގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. ލޮލުން ކަރުނަ ހިލިއްޖެއެވެ. އޯގާވަންތަ ކަލެއްގެ މަތިވެރިކަމެވެ. މިދުނިޔެއިން ރަނގަޅު މީހުންނާއި އެމީހުންގެ ދަރީން ހުސްނުވާކަން އޭނާއަށް އެނގިއްޖެއެވެ. އަމާނާތްތެރީންނާއި ތެދުވެރީން ހާލު ހާލުން ނަމަވެސް މިމުޖުތަމަޢުގައި އެބަތިބިކަން ޔަޤީންވެއްޖެ އެވެ.

މުޙައްމަދު ފައިސާތައް ބަލާލިއެވެ. އޭގެން އެންމެ ނޫޓެއްވެސް މަދެއް ނޫނެވެ. މުޙައްމަދު ނޫޓު ބޮނޑިއެއް ރޫޅާލުމަށްފަހު އޭގެން ދެހާސްރުފިޔާ ނަގައި އެކުއްޖާއަށް ދިއްކޮލިއެވެ. އޭނާ އޭގައި ހިފިއެވެ. އަދި ޝުކުރިއްޔާއޭ ބުނެފައި ހިނގައިގަތެވެ. އެކުއްޖާ ނުކުމެގެން ދިޔުމުންވެސް މުޙައްމަދު އިރުކޮޅެއްވާންދެން ކެފޭތެރޭ އިނެވެ. މިހިނގާދިޔަ ކަންތައް ޤަބޫލު ނުކުރެވިފައެވެ.

މަސައްކަތުގެ ބުރަކަމާއި އެކު ނަމާދަށް ފަރުވާއެއް ނުބެހެއްޓޭ މުޙައްމަދުގެ ހިތަށް އީމާންކަން ވަދެއްޖެއެވެ. ހިތް މަޑު މޮޅުވެއްޖެއެވެ. ކަލާނގެ އޯގާވަންތަކަމާއި ރަހުމަތްވަންތަ ކަމަށް ޝުކުރު ކުރެވިއްޖެއެވެ. މުޙައްމަދު ކެފޭއިން ނުކުމެގެން ހިނގައިގަތެވެ. ގެއާއި ދިމާއަކަށް ނޫނެވެ. ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔެވޭ އަޑު އިވެމުންދާ ވިޔަފާރިވެރިންގެ މިސްކިތާއި ދިމާއަށެވެ. ޝުކުރުކުރާ ހާލުގައެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.