ކުރު ވާހަކަ: އެނބުރި އަންނާނެ ނަމަ…

ކުރު ވާހަކަ: އެނބުރި އަންނާނެ ނަމަ…

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ވައިރޯޅިއާއި އެކު ގަސްތަކާއި ރުއްތަކުގެ ފަންތައް ކޭތިލާއަޑާއި ރާރުއްތަކުގައި ރައިވެރީން އެލުވާފައިވާ ބިއްލޫރި ފުޅިތައް އެކަތި އަނެކައްޗާ ޖެހުމުން އިވޭ ރީތި މިޔުޒިކީ އަޑާއި ރާޅުތައް ގޮނޑު ދޮށުގައި ބީހިލާއަޑު ފިޔަވައި އެހެން އަޑެއް ނެތް ހިތްފަސޭހަ މާހައުލެކެވެ. ހުދު ދޮންވެލިގަނޑެކެވެ. ސާފު ބިއްލޫރި ކޮޅެއް ފަދަ މޫދެކެވެ. އިރު އިރުކޮޅުން ދޮންވެލިގަނޑުމައްޗަށް އައިސް ބީއްސާލާ ރާޅުވެސް އެނބުރި ދަނީ އަދި އެއްފަހަރު އެވެލިގަނޑުގައި ބީހިލުމުގެ ފުރުޞަތަކަށް އެދޭ ހާލުގައެވެ. ތޭރަވާ ތަކާއި އިލޮޅިތައް ރާޅުޖަހާ ފަށުގައި ކިރުކަކުންޏާއި ކުދިމަސް ހިފޭތޯ ދުވެ ދުވެ އުޅެއެވެ.

ޝާއިރާގެ އަތުން ވީއްލި ގަނެގެން ދުވެގޮސް ނަޒީމް ގޮނޑުދޮށަށް އެރިއްޖެއެވެ. ރާޅުޖަހާފަށުގައި ހިނގަހިނގާތިބި ދޫނިތައް ފަހައިގަނެފި އެވެ. އިރުކޮޅަކުން ހޭޅި ފަށުގައި ހުރި ކުޑަރުކަކުން ބޮންތި ފަންވަތެއް ނައްޓައިގެން ގޮސް ރާޅުޖަހާ ފަށުގައި އުޅޭ ބޫރިޔާތައް ހިފޭތޯ އޭނާ މަސައްކަތް ކުރަން ފަށަފިއެވެ. އޭނާ ހުރީ މަޖާވެފައެވެ. އުފާ ވެފައެވެ.

ދަރިފުޅުގެ އުފާވެރި ހަރަކާތްތަކަށް ބަލަން ޝާއިރާ ދެފަސް ބެދޭ ހިސާބުގައި އޮތް ރުއްގުޅި ގަނޑެއް މަތީގައި ކާނިގަހުގެ ހިޔަލުގައި އިނެވެ. އުމުރުން ހަތް އަހަރުގެ ދަރިފުޅު ނަޒީމް ހުއްޓުވާކަށް އޭނާ ނޫޅެއެވެ. ދަރިފުޅުގެ މިއުފާވެރި ވަގުތުކޮޅު ޚަރާބުކޮށްލަން އޭނާ ބޭނުން ނުވަނީއެވެ.

ދަރިފުޅުގެ އުފާވެރި ހަރަކާތްތައް ބަލަން ޝާއިރާ އިނީ ހިތުޖެހިފައެވެ. މިއަދު ނަޒީމާއި އެކު މިތަނުގައި ނިޒާމް ހުރިނަމަ ކިހާ އުފާވީސް ހެއްޔެވެ؟ މަންޒަރު ކިހާ ފުރިހަމަ ވީސްހެއްޔެވެ؟ އޭނާއަށް އެނގެއެވެ. އެދަރިފުޅަށް މިވަގުތު ކޮޅުގައިވެސް ބައްޕަ ނެތުމުގެ ހިތާމަ އިހްސާސް ވާނެއެވެ. ރަށްފުށުގެ މިފަދަ މާހައުލު ތަކުގައި އެހެން ކުދީން އެކުދީންގެ މައިންބަފައިންނާއި އެކު ހޭދަކުރާ މިފަދަ އުފާވެރި ވަގުތުތައް އެދަރިފުޅަށް ވެސް ފެންނާނެތީއެވެ.

ނަޒީމް އެބޮޑުވަނީ ބައްޕައެއްގެ ލޯބި ނުލިބިއެވެ. އެހެން ކުދީން އެކުދީންގެ ބައްޕަޔާއި އެކު ހުކުރު ދުވަސް ދުވަހު މޫދަށް ދާއިރު ގަޔާއި ހުކުރު ނަމާދަށާއި އީދު ނަމާދަށް ދާއިރު އެވާހަކަ ނަޒީމްވެސް ޝާއިރާ ގާތުގައި ދައްކައެވެ. ރޯދަމަހު ހަވީރު ކުދިން އެކުދިންގެ ބައްޕަ އާއިއެކު ބޯޅަ ދަނޑުމައްޗަށް މަޑިއެއްލަން ނުކުމެ އުޅޭ އިރު ގޭގެ ފާރުކައިރީގައި އެމަންޒަރު ބަލަން ނަޒީމް އިންނާނެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި ޝާއިރާ ނުހަނު ދެރަވެއެވެ. އަމިއްލަ ނަފުސް ކުއްވެރި ކުރެވެއެވެ. ކުރިން ބައްޕަ ކޮބައިތޯ ނަޒީމް އަބަދުވެސް ސުވާލު ކުރާނެއެވެ. އެސުވާލަށް ޝާއިރާ ޖަވާބެއް ނުދޭތީ ފަހުން ފަހުން އޭނާވެސް އެސުވާލެއް ނުކުރެއެވެ.

ހަޤީޤަތަކީ ކުށްކުރެވުނީ ޝާއިރާއަށް ކަމެވެ. ދަރިފުޅަށް ބައްޕަގެ ލޯބި ގެއްލުނީ ޝާއިރާގެ ސަބަބުން ކަމެވެ. އޭނާއަށް ނުވިސްނުނީއެވެ. ދިރިއުޅުމުގައި އަނބިމީހާގެ މަޤާމް އަދާކުރަން ނޭގުނީއެވެ. އޭނާދެކެ ނިޒާމްވީ ލޯބީގެ ބަދަލުގައި ހާސްކަމާއި ޝަކުވާ އާއި ހިތާމަ ފިޔަވައި އެހެން އެއްޗެއް ނުދެވުނީއެވެ.

ނިޒާމަކީ ބަލާލަން ރީތި މީހެއް ނޫނެވެ. ދެކޭމީހުން ބުނާނީ ޝާއިރާ އާއި ނިޒާމަކީ އެއްގޮތަކަށްވެސް ގުޅޭ ޖޯޑެއް ނޫން ކަމަށެވެ. ޝާއިރާގެ ދޮންކަމުންނެވެ. ރީތިކަމުންނެވެ. ނިޒާމަކީ ކަޅު މީހަކަށް ވެފައި ސްޓައިލް މީހަކަށް ނުވާތީއެވެ. އޭނާއަކީ ޒަމާނީ ފެޝަނަށް ވުރެ އާދައިގެ މީހަކަށް ވާތީއެވެ. އަގުބޮޑެތި މޮބައިލް ފޯނު ގެންގުޅުމާއި ސައިކަލުގައި ވައި ބުރުޖަހަން ދިޔުމާއި ރެސްޓޯރެންޓްތަކަށް ރައްޓެހިންނާއި އެކު ކާން ނުވަތަ ކޮފީއަށް އެރުމަކީ އޭނާ ކުރާ ކަންކަމެއް ނޫނެވެ.

ޝާއިރާ ނިޒާމާއި އިނީ އޭނާއަކީ މާލޭ މީހަކަށް ވާތީއެވެ. އޭނާގެ ގެދޮރު ހުރީތީއެވެ. މުއްސަނދިކަމާއި އުފަލާއި އަރާމުގައި ފަސޭހައިގައި އުޅެން ބޭނުން ވާތީއެވެ. ކޮންމެހެން ނިޒާމްދެކެ ލޯބިވެގެނެއް ނޫނެވެ. އިން އިރުވެސް ޝާއިރާގެ ނިޔަތަކީ އެއެވެ. އެކަމަކު އެކަން އޭނާ ނިޒާމަށް ނާންގައެވެ.

ޝާއިރާއަށް ނިޒާމަކީ ބަފައެއް ނެތް މީހެއްކަން އެނގުނީ ކައިވެންޏަށް ރަންކީ ފަހުންނެވެ. އަދި މާލޭގެ އެގޭގެ ރަޖިސްޓްރީގައި ނިޒާމް އޮތަސް އެމުދަލުގެ ބެހެނިވެރިންގެ ތެރޭގައި ނިޒާމް ނުހިމެނޭކަންވެސް އެނގުނީ އޭރުއެވެ. ކައިވެނި ނުކޮށް ނިޒާމްއަށް ފުރަގަސްދޭންވެސް ޝާއިރާ ބޭނުންވިއެވެ. އެކަމަކު ރަންކިޔާފައި ކައިވެނި ނުކުރުމަކީ މުޖުތަމައުގައި އެތައް މަލާމާތަކާއި ފުރައްސާރައެއް ލިބޭ ކަމަކަށްވާތީ، ދުނިޔޭގެ ލަދަށްޓަކައި އޭނާ އެކައިވެނި ކުރީއެވެ.

ކައިވެނިކުރިފަހުން ނިޒާމްގެ ރަނގަޅު އެތައް ސިފައެއް ޝާއިރާއަށް ފެނުނަސް އެއިން އެއްވެސް ކަމެއް ޝާއިރާއަކަށް ކަމަކު ނުދިޔައެވެ. ގޭތެރޭގެ މަސައްކަތުގައި އެހީތެރިވިޔަސް ޝާއިރާ ބޭނުން ކޮންމެ އެއްޗެއް ހޯދައި ދިނަސް އޭނާއަށް ޝަކުވާ ނުކޮށެއް ނުހުރެވެއެވެ. އަބަދުވެސް ކޮންމެވެސް އެއްޗެއް ބޭނުން ވެގެންނެވެ. ނުވަތަ ކޮންމެވެސް ތަނަކަށް ޗުއްޓީއެއް ހޭދަކޮށްލަން ދާހިތުންނެވެ.

ނިޒާމްގެ ކަންކަމަށް ޝާއިރާއަށް އައީ ފުރަތަމަ ދުވަހުން ފެށިގެންވެސް ފަރުވާ ކުޑަކުރެވެމުންނެވެ. އޭނާއަށް ނިޒާމަށް ވުރެ މުހިއްމީ ޓީވީއެވެ. ޓީވީން ދައްކާ ހިންދީ ޑްރާމާ ސީރީސް ތަކެވެ. ބުރުގާ އަޅައި ކަޅުހެދުންލައިގެން އުޅުނަސް ހައްދަވައިގެން ސަޖިދައެއް ނުޖަހައެވެ. ޝާއިރާ ކަޅު ހެދުންލައި ބޮޑެތި ބުރުގާއަޅަނީކީ ކޮންމެހެން ދީންވެރިވެގެނެއް ނޫނެވެ. އެކުއުޅޭ ދެކެ ފަރިތަ އެހެން ރައްޓެހިންވެސް އެގޮތަށް ހެދުން އަޅާތީއެވެ. އެހެދުންތަކުގައި ޖަރީކޮށްފައި ހުންނަ ކުލަކުލައިގެ މިނާތަކާއި ޑިޒައިންތަކުގެ އިތުރުން އަރަބި ފެޝަން އަންހެނުންގެ އެހެދުންތައް ރީތިކަމުންނެވެ. އޭނާގެ ދޮންކަމާއި ރީތިކަން އެކަޅުހެދުމުގައި ހުންނައިރު އިތުރަށް ހާމަވާތީއެވެ.

ނިޒާމް އޮފީހުގައި ބުރަކޮށް މަސައްކަތުގައި އުޅެފައި އަންނައިރު ޝާއިރާ އިންނާނީ ޓީވީ ބަލާށެވެ. ޑްރާމާއިން ސިކުންތެއްވެސް ގެއްލި ދާނެތީ އޭނާއަށް ނިޒާމްއަށް ކާއެއްޗެއް ރޯފިލުވައިދޭކަށް އަދި ކާންހަދައިދޭކަށް ނުވަތަ އިސްތިރިކޮށްދޭކަށް ވަގުތެއް ނުވެއެވެ. އެހެންކަމުން އެކަންކަން ނިޒާމްކުރަމުން އައީ އަމިއްލައަށެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ.

އަލަތު ދަރިފުޅަށް ބަނޑުބޮޑުވުމުން ދެން ޝާއިރާއަށް އެއްކަމެއްވެސް ކުރެވޭ ކަމަކަށް ނުވިއެވެ. އޭނާއަށް ކާންދީ ބަލަހައްޓައި ދޮވެ އިސްތިރިކޮށް ގޭތެރޭގެ ކަންކަންވެސް ކުރަމުން ގެންދިޔައީ ނިޒާމްގެ ދެއަތުންނެވެ. އެހެން ކަމުން އޭނާއަށް ގޭގެ މީހުންގެ މަލާމާތާއި ފުރައްސާރައިގެ ބަސްތައްވެސް އޮހެމުން ދިޔައެވެ. އަނބި ދަށުވެފައިވާ ފިރިއެއް ކަމުގައި ރައްޓެހިން ބުނަމުން ދިޔައެވެ. އެމީހުން ނިޒާމްއާއި ދިމާކޮށް ހީ މަލާމާތްކޮށްވެސް ހަދައެވެ. އެކަމަކު ނިޒާމް އެހުރިހާ ކަމަކަށްވެސް އައީ ކެތް ކުރަމުންނެވެ. ކޮންމެވެސް ދުވަހަކު ޝާއިރާއަށް ވިސްނޭނެ ކަމުގެ އުންމީދުގައެވެ. އެކަމަކު ނިޒާމްވެސް އޭރު އައީ ޝާއިރާގެ މަތިން ފޫހިވަމުންނެވެ. އުންމީދު ކެނޑެމުންނެވެ. އޭނާ އުންމީދު ކުރިފަދަ ބައިވެރިއަކަށް ޝާއިރާ ނުވީތީއެވެ.

ތެދެކެވެ. ލޯބިވެވެނީ ސަބަބަކާއި ލައިގެންނެވެ. އެލޯބި ދެމި އޮންނާނީ އެސަބަބެއް ދެމި އޮތްހައި ދުވަހަކަށެވެ. އެސަބަބު ނެތި ދިޔުމުން އެލޯބި ނެތި ހިނގައިދާނެއެވެ. ޝާއިރާއަށްވެސް ނިޒާމަށްވެސް ކަން ދިމާވީ އެހެންނެވެ.

ދަރިފުޅު ލިބުމާއި އެކު ނިޒާމްގެ މަސައްކަތްވީ އިތުރެވެ. ޝާއިރާގެ ކަންނެތްކަން ވީ ބޮޑެވެ. ހައްދަވައިގެން އަތުން ފައިން ކަމެއް ނުކުރާތާނގައި ދަރިފުޅަށް ބުއްދޭންވެސް އޭނާ ބޭނުން ނުވަނީ އެވެ. އޭނާގެ ރީތިކަން ގެއްލިދާނެތީއެވެ. ސިފަ ހުތުރުވެދާނެތީއެވެ. އެކަމަކު އަންހެނަކު އެންމެ ރީތިވަނީ އަލަތު ދަރިފުޅު ލިބުމަށްފަހުގައި ކަމެއް ޝާއިރާއަކަށް ނޭނގެއެވެ. އެނގޭނީވެސް އޭނާ އެއްޗެއް ކިޔައި ބަލައި ދަސްކުރާނަމަ ތާއެވެ.

ދަރިފުޅަށް ބުއްފުޅިދީ ނިންދައި ބަލަހައްޓަމުން އައީވެސް ނިޒާމެވެ. ނިޒާމް ވަޒީފާގައި އުޅޭ ވަގުތު ނޫނީ ކުއްޖާގެ ގައިގައި ޝާއިރާ އަތްވެސް ޖައްސައި ނުލާނެއެވެ. އިތުރު ގަޑީގައި އޮފީހުގައި މަސައްކަތް ކުރާނެ ވަގުތު ނުލިބުމާއި ދަރިފުޅަށް ޝާއިރާ ބުއްވެސް ނުދޭތީ، އަގު ބޮޑު ދަޅު ކިރު ދޭންޖެހުމުން ނިޒާމްއަށް ލިބޭ މުސާރައިން ދެކޮޅު ނުޖެހެންފެށީއެވެ. އެކަންވީ ޝާއިރާގެ ޝަކުވާތައް އިންތިހާއަށް އިތުރުވި ކަމެއް ކަމަށެވެ.

ދެން ޝާއިރާކުރަން ފެށީ އެއަށްވުރެ ވެސް ހުތުރު ކަމެކެވެ. ހިލޭ ފިރިހެނުންނާއި ގުޅުން ބާއްވަން ފެށީއެވެ. ހިލޭފިރިހެނުންގެ އަތުން ހެދުމާއި ފައިނާއި ރީތިވާ ސާމާނަށް ދާންދެން ހޯދަން ފެށީއެވެ. ނިޒާމްއަށް އެތަކެތި ހޯދައި ނުދެވޭ ކަމުގެ ބަހަނާގައެވެ. ނިޒާމް އާއި އިނދެގެން ހުރެ އޭނާ އެތައް ފިރިހެނަކާއި ލޯބީގެ ގުޅުންތައް ބާއްވަމުން ދިޔައެވެ. އޭގެ ތެރެއިން އެކަކީ ވަސީމެވެ. ވަސީމަކީ މުއްސަނދި ފޯރާމީހަކަށް ވާތީ އާއި ނިޒާމް ގާތުން ވަރިވެއްޖެ ނަމަ އިންނާނެކަމަށް ބުނެ އޭނާ ދައްކަމުން އައި ދަޅަތަކަށް ޝާއިރާއަށް ހެއްލެވުނީއެވެ.

އެންމެ ފަހުން ކޯޓަށް ގޮސް ނިޒާމްގެ ގާތުން ގަދަބާރުން ޝާއިރާ ވަރިވީއެވެ. ދެއަހަރުގެ ދަރިފުޅު ގެންދިޔައީވެސް ކޮންމެހެން ޝާއިރާއަށް ބެލޭނެތީއަކު ނޫނެވެ. ނިޒާމަށް ޖެއްސުމަށެވެ. އޭނާ ދެރަކޮށްލުމަށެވެ. އޭނާގެ ނިކަމެތިކަން ވިސްނައި ދިނުމަށެވެ. އެކަމަކު އޭރު ތަޤުދީރު އޮތީ ޝާއިރާއަށްޓަކައި މަލާމާތުގެ ހީލުމުން ހީލަ ހީލާކަމެއް އޭނާ ނުދެނެ ހުއްޓެވެ.

ނިޒާމްގާތުން ވަރިވެ ތިންމަސްވީއިރަށް ޝާއިރާ ވަސީމް އާއި އިނދެފިއެވެ. ދެއަތްނބަށެވެ. އޭނާދިރިއުޅުނީ ވަސީމް ކުއްޔަށް ހިފާފާއި ހުރި އެޕާޓްމަންޓެއްގައެވެ. އޭނާގެ ތަނަވަސް ބޮޑުގެއަށް ޝާއިރާ ދާން ބޭނުންވިއަސް އެކަން އެގޮތަށް ކުރާކަށް ވަސީމް އެއްބަހެއް ނުވިއެވެ.

ދިރިއުޅުމުގެ ހަޤީޤަތްތަކަށް ޝާއިރާގެ ލޯހުޅުވެންފެށީ އެހިސާބުންނެވެ. ނިޒާމްކުރި ކެތާއި އޭނާގެ ރަނގަޅުކަމާއި ޝާއިރާދެކެވީ ލޯބި އިހްސާސްވާން ފެށީ ވަސީމްގެ ފުށުން ފެންނަމުން ދިޔަ ރަހުމުކުޑަކަމާއި އަނިޔާވެރިކަމުގެ ސަބަބުންނެވެ. ވަސީމްގެ އަޅެއްހެން އޭނާ އުޅެންޖެހުމުންނެވެ. ވަސީމް ގެއަށް އަންނާނީ ހާލަކުން ރެއަކުއެވެ. އަންނަ އިރުވެސް ހުންނާނީ މީހާ އަށްޑިހައިގައެވެ. އޭނާ އަންނަ ރެއެއްގައިވެސް އޭނާ ބޭނުންވާ ކަހަލަ ކާއެއްޗެއް ހެދިފައި ނެތިއްޔާ ތަށިތައް އުކާލާނެއެވެ. ހުތުރު އެއްޗެހި ގޮވާނެއެވެ. އޭނާގެއަށް އައިސް ވަދެ އިށީނުމާއި އެކު ކޮންމެ ކަމެއް ކުރަން ހުއްޓަސް ޝާއިރާ ޖެހޭނީ އޭނާގެ ބޫޓު ބާލުވައިދީ އިސްޓާކީނު ބާލުވައި ދޭށެވެ. އޭނާގެ ފައިވާން ގެނެސްދޭށެވެ.

ވަސީމް ނިދާ ތެދުވުމުގެ ކުރިން ޝާއިރާ ތެދުވެ ފާޚާނާ ތައްޔާރު ކުރަން ޖެހޭނެއެވެ. ބިލިގާއަށް ހޫނުފެން އަޅައިދޭން ޖެހޭނެއެވެ. އޭނާ ނުކުންނަން ވާއިރަށް ހެދުން ހުންނަންޖެހޭނީ ތައްޔާރުގައެވެ. ކޮފީތަށި ހުންނަންވާނީ ޑްރެސިންގ ޓޭބަލް މަތީގައި ބެހެއްޓިފައެވެ. އެނދުގެ ތަންމަތި ހުންނަންވާނީ އެޅިފައެވެ. ދަރިފުޅު ބަލިވެގެން އެއިން ކަމެއް ނުކުރެވުނަސް އެދުވަހެއް ވާނީ ތޫފާނުގެ ދުވަހަކަށެވެ. މުޅިގެ އެކޮޅުކޮޅުން ޖަހާނެއެވެ. އެތައް އަނިޔާއެއް ކުރާނެއެވެ. ދަރިފުޅުގެ ކުރިމަތީގައެވެ.

އެވަރަކުން އޭނާއަކަށް ނުފުދެއެވެ. އޭނާ ބޯން ތުންޖަހާއިރު ކޮފީތަށި ހިހޫވެފައ ހުއްޓަސް އެޖަހާނީ ޝާއިރާގެ ގަޔަށެވެ. ގޮވާނީ ދުލަށް އައިހައި ހުތުރު ނުބައި އެއްޗިއްސެވެ. ދަރިފުޅަށް އެއްޗެއް ހޯދައި ނުދޭ ތާނގައި އެކުއްޖާފުޅަށްވެސް ބަލާނީ ބަޅު އޫރަށް ބަލާ ލޮލުންނެވެ. ކިޔާނީ އެފަދަ ނުބައި އެއްޗިއްސެވެ.

ވަސީމާއި އިނދެގެން ޝާއިރާއަށް ހަތަރު މަސްދުވަހު ވެސް ކެތްކޮށެއް ނުލެވުނެވެ. ކޯޓަށްގޮސް އަނެއްކާ އެކައިވެނިވެސް ރޫޅާލަން ޝާއިރާއަށް މަޖުބޫރު ވީއެވެ. ފިރިއެއްގެ އަނިޔާވެރިކަމުގެ ހިތި ރަހަ ކަރުބުޑުގައި ލުމުންނެވެ. އޭނާއަށް ލިބުނު ރަހުމަތަށް ފުރަގަސް ދެވުނީކަން އިހްސާސް ވުމުންނެވެ.

އެންމެ ފަހުން ވަސީމްގާތުން ވަރިވެގެން އޭނާއައީ ރަށަށެވެ. ލިބުނު ހިތި ތަޖުރިބާއާއި އެކުގައެވެ. މާލޭގައި އުޅެވޭނެ ގޮތެއް ނެތުމުންނެވެ. ނިޒާމް އޭނާ އާއި އަލުން ގުޅޭނެހެން ހީނުވާތީއެވެ. އޭނާގެ ޚަބަރެއްވެސް ނުވާތީއެވެ.

ނިޒާމްގެ ގާތުން ޝާއިރާ ވަރިވުމުން އޭނާ ފުރައިގެން ދިޔައީއެވެ. ދުރަށެވެ. މާދުރަށެވެ. ވަޒިފާ ދޫކޮށްލާފައި އޭނާ ދިޔައީ ބޯޓު ދަތުރު ކުރާށެވެ. އެކަމަކު ނިޒާމް ޝާއިރާއާއި ދަރިފުޅުގެ ހާލު ބަލާކަން ޝާއިރާއަށް އެނގެއެވެ. އޭނާ ދަރިފުޅަށް ފައިސާއާއި ތަކެތި ފޮނުވާތީއެވެ. ރަށަށް އައުމުން އެތަކެތި ޕޯސްޓް މެދުވެރިކޮށް ރަށަށް ސީދާ އޭނާގެ ގެއަށް ލިބެމުން އަންނާތީއެވެ.

ކޮންމެ މަހަކުވެސް ނިޒާމް ފޮނުވާ 200 ޑޮލަރު ޝާއިރާއަށް ލިބެއެވެ. ކޮންމެ މުނާސަބަތަކަށް ދަރިފުޅަށް އާހެދުން ފޮނުވައެވެ. ބައެއް ފަހަރު އެތަކެތި ބޮޑެވެ. އެކަމަކު އަނެއްބައި ފަހަރު ކުޑަވެއެވެ. އުމުރުން ދެއަހަރުން ފެށިގެން ނިޒާމް ދަރިފުޅު ލޮލުން ނުދެކުނަސް އޭނާ ދަރިފުޅަށް ފޮނުވާ ތަކެތިން ދަރިފުޅުގެ ސޫރަ އޭނާގެ ލޮލުގައި ހުންނަކަން ޝާއިރާއަށް ޔަޤީނެވެ.

ޝާއިރާއާއި ނިޒާމް ވަކިވި ފަހުން ފަސް އަހަރުވީއެވެ. އެފަސް އަހަރުގެ ތެރޭގައި ޝާއިރާ އަބަދުވެސް އިންތިޒާރު ކުރަމުން އަންނަނީ ނިޒާމް އެނބުރިއަންނާނޭ ދުވަހަކަށެވެ. އޭނާއާއި ބައްދަލުވާނޭ ވަގުތަކަށެވެ. އަލުން ނިޒާމް ޝާއިރާ އާއި އެކު ދިރިއުޅޭނެ ކަމުގެ ޔަޤީންކަމެއް ނެތަސް އޭނާ ނިޒާމްއަށް އިންތިޒާރުކުރުން ހުއްޓައެއް ނުލެވުނެވެ.

ޝާއިރާއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ދަރިފުޅު ނަޒީމް ކުޑަފުޅިއަކަށް ބޫރިޔާތަކެއް އަޅައިގެން އައިސް މަންމާއޭ ބަލާބަލާށޭ ބުނި އަޑު އިވިފައެވެ. ހިނިތުންވެލާފައި ދަރިފުޅު ގޮވައިގެން ޝާއިރާ އެއްގަމަށް ހިނގައިގަތުމަށްފަހު ހުއްޓުނެވެ.

މާކަނޑުގެ ތެރެއިން ދަތުރުކުރަމުންދާ ބޮޑު އާގުބޯޓެއް ފެނުމުންނެވެ. އެބޯޓުގެ މިސްރާބު ހުރީ އުތުރަށެވެ. މިތަނަށް ޝާއިރާ ނުކުންނަ ކޮންމެ ދުވަހަކުވެސް އެކަހަލަ އެތައް ބޯޓެއް އޭނާއަށް ފެނެއެވެ. އޭނާގެ ހިތް ބުނަނީ ކޮންމެވެސް ދުވަހަކުން ނިޒާމް އެނބުރި އަންނާނެ ކަމަށެވެ. އެދުވަހަކުން އޭނާ ނިޒާމް އާއި އެކު އަލުން އައު ހަޔާތެއް ފަށަން ބޭނުން ކަން ހާމަކުރާނެވެ. އެކަމަކު އެފުރުސަތު އޭނާއަށް ލިބެން އޮތީ ނިޒާމް އެނބުރި އައިނަމައެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.