ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސުދާންގެ ނަން އުނިކުރަނީ

ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސުދާންގެ ނަން އުނިކުރަނީ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ސޫދާންގައި އަލަށް ގާއިމް ކުރުވުނު އިންތިގާލީ ސަރުރުކާރާއެކީ އެތައް މަހެއްގެ ވަންދެން އެމެރިކާއިން ބޭއްވި މަޝްވަރާތަކަށްފަހު، އެމެރިކާގެ ޓެރަރިޒަމަށް ހިތްވަރުދޭ ގައުމުތަކުގެ ލިސްޓުން ސޫދާންގެ ނަން އުނިކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ، ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ސޫދާންގެ މިހާރުގެ ސަރުކާރުން އެމެރިކާގެ ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށާއި އާއިލާތަކަށް 333 މިލިއަން ޑޮލަރު ދެއްކުމަށް އެއްބަސް ވެފައިވާ ކަމަށާއި، މިފައިސާ ޑިޕޮސިޓް ކުރުމާއިއެކު، ބަދަލެއްގެ ގޮތުން ސޫދާންގެ ނަން ޓެރަރިޒަމަށް ހިތްވަރުދޭ ގައުމުތަކުގެ ލިސްޓުން އުނިކުރުމަށް ނިންމާފައި ވާކަމަށެވެ. އަދި މިއީ އިންސާފު ހޯދުމުގައި އެމެރިކާގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރައްވާފައި ވެއެވެ. އަދި ވިދާޅުވެފައިވަނީ މިއީ ސޫދާނުން ކުރިޔަށް އެޅި ފިޔަވަޅެއް ކަމުގައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ މި ޓުވީޓަށް ރައްދު ދެއްވަމުން ސޫދާނުގައި އަލަށް ގާއިމް ކުރެވިފައިވާ އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރު އަބުދުﷲ ހަމްދޮކް ވަނީ ޓްރަމްޕަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ ސޫދާނުން މިހާރު އުއްމީދު ކުރަމުން ދަނީ އެމެރިކާގެ ކޮންގްރެސްއަށް މިނިންމެވުން ހުށަހަޅުއްވައިގެން ޓްރަމްޕްގެ މި ނިންމެވުމަށް އަމަލީސިފަ އަންނާނެ ދުވަހަކަށް ކަމަށެވެ. އެމެރިކާގެ ޓެރަރިޒަމަށް ހިތްވަރުދޭ ގައުމުތަކުގެ ލިސްޓުގައި ސޫދާން ހިމެނިފައި އޮތުމަކީ އެގައުމުން ބޮޑު އަގެއް ދައްކަންޖެހިފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން އެގައުމުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ޓްރަމްޕްގެ މި ޓުވީޓަކީ ސޫދާނުގެ ރައްޔިތުންނާއި އަދި އިންތިގާލީ ޑިމޮކްރަސީއަށް މިހާތަނަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްވަރު ކަމުގައެވެ. އަދި މިހާރު ސޫދާނުން މަސައްކަތް ކުރަމުންދަނީ އެގައުމުގެ ކުރީގެ ސަރުކާރުތަކުން ދަމައްޓާފައިވާ އެގައުމަށް އެންމެ ގެއްލުން ބޮޑު ސިޔާސަތުތަކުން ދުރުހެލިވުމަށް ކަމަށާއި، އެގައުމުގެ ރައްޔިތުންނަކީ އެއްވެސް އިރަކު ޓެރަރިޒަމަށް ވާގިވެރިވި ރައްޔިތެއް ނޫންކަމުގައެވެ. އަދި ކުރިޔަށް އޮތްތަނުގައި ވާގިވެރި ނުވާނެކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ސޫދާން ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުގައި ހިމަނާފައިވަނީ، އެގައުމުގެ ސަރުކާރުން އުސާމާބިން ލާދިންއަށް ހިމާޔަތް ދެމުންދާކަމަށް ތުހުމަތުކޮށް 1993 ވަނަ އަހަރުއެވެ. އެއީ އެގައުމުގެ ވެރިކަމާ ކުރީގެ ރައީސް އަލް ބަޝީރު ހަވާލުވެވަޑައިގަތްތާ 4 އަހަރު ފަހުންނެވެ. އަދި އެމެރިކާއިން ވަނީ ސޫދާންއިން އަލްގައިދާއަށް މާލީ ގޮތުންނާއި އަދި އެނޫން ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ. މީގެއިތުރުން އަލްގައިދާއިން، 1998 ވަނަ އަހަރު ޓެންޒޭނިޔާގެ ދާރުއްސަލާމްގައި ހުންނަ އެމެރިކާގެ އެމްބަސީގައި ބޮންގޮއްވާލި ހާދިސާއަށާއި އަދި މީގެ އިތުރުން 2000 ވަނަ އަހަރު ޔަމަނުގެ އަދަނުގައި ބަދަރުކޮށްފައި އޮތް އެމެރިކާގެ ހަގުރާމަމަތީ މަނަވަރު ޔޫއެސްއެސް ކޯލްއަށް ހަމަލާދިނުމަށް ސޫދާނުގެ އޭރުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށްވެސް އެމެރިކާގެ ސަރުކާރުން ތުހުމަތު ކުރެއެވެ.

ސޫދާނާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަނިީ އެމަނިކްފާނުގެ ވެރިކަމުގެ އެންމެ ފަހު ހަފްތާގައި 2017 ވަނަ އަހަރު ލުއިތަކެއް ދެއްވާފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.