ކޯލިޝަނެއްގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުތައް ލިބި މިއީ އެމްޑީޕީން ވެރިކަން ކުރަމުންދާ ދެވަނަ ފަހަރެވެ. އެމްޑީޕީގެ ވެެރިކަމުގެ ދެ ދައުރުގައިވެސް ފެނިގެންފަނީ ޕާޓީގެ ތެރެއިން އެއް މަންޒަރުތަކެކެވެ. އެންމެފަހުން ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގެ ދުވަސް ވަރުގައިވެސް އެޕާޓީގެ އޭރުގެ އިސްބޭފުޅުން ވަނީ ޕާޓީއާއި ފެޔަށް ޖެހިފައެވެ. އެންމެ ބޮޑު ސަބަބަކީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހިތްޕުޅާ ނުވުމެވެ.
އެމްޑީޕީގެ އޭރުގެ އެނެމް އިސްބޭފުޅުންގެ ގޮތުގައި ފެނިގެންދިޔަ، އެޕާޓީގެ އިންތިޚާބީ ރައީސް ޑރ.އިބްރާހިމް ދީދީއާއި، އިންތިޚާބީ ނާއިބް ރައީސް އަލްހާން ފަހުމީ ޕާޓިން ނެރެލީ ވަރަށްވެސް ހުތުރުކޮށް، ވަރަށް ބޭއިންސާފުންނެވެ. މިއަދާއިހަމަޔަށްވެސް އެމަައްސަލަތައް އެމްޑީޕީގެ ތެރެއިން ބެލުމަށް ފޮނުވުނު އެއްވެސް ސިޓީއަކަށް ޖަވާބު ނުދީ މައްސަލަތައް ނުހިނގާ ކަމުގެ ޝަކުވާތައް މިބޭފުޅުން ދުލުން ދޭތެރެ ދޭތެރެއިން އަޑު އިވެއެވެ. އޭރުގެ ވެރިކަންވެސް ނިމިގެންދިޔަ އެންމެ ބޮޑު ސަބަބީ ޕާޓީ ތެރެއިން އުފެދިގެން ދިޔަ ވާދަވެރިކަން ނުހުއްޓުވިގެންނެވެ.
މިއަދުވެސް މިއޮތީ އެމްޑީޕީއަށް ހަމަ އެހާލަތު ދިމާވެފައެވެ. މިއަދު މިކަން ދިމާވެފައިވަނީ ކުރީގެ ހާލަތަށްވުރެ މާ ގޯސްކޮށެވެ. މިއަދު އަތްފޮޅާލާފައި އެމްޑީޕީގެ ލީޑަޝިޕާއި ދެކޮޅަށް ތެދުވެފައިވަނީ އެޕާޓީ ވުޖޫދުކުރި މީހުންނެވެ. އެމްޑީޕީ އުފެއްދައި ސިޔާސަތު ކަނޑައެޅުއްވި އިސް މޭސްތިރިންނެވެ. އިބްރާހިމް އިސްމާއިލް (އިބްރާ) އާއި، ފުރަހަނި ޝުއައިބުއާއި، އާދިލް ސަލީމްއާއި، ރުކުމާ އަލީ އަކީ އެމްޑީޕީގެ މައި މުގުލުންނެވެ. ޚާއްސަކޮށް އިބްރާހިމް އިސްމާއިލް އަކީ އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސަށް ވެފައި އެޕާޓީގެ ސިޔާސަތު އިބްރާއަށް އޮޅުވާލެވޭނެކަމަށް ހީކުރުމަކީވެސް ގޯހެކެވެ.
މިއަދު ވަރަށް ފާޅުގައި އިބްރާ ވިދާޅުވަމުން ގެންދަވަނީ އެޕާޓީގެ ސިޔާސަތަކީ މިއަދު ޕާޓީގެ ރައީސަކަށް ހުންނެވި ބޭފުޅާ އަރާ ކޮންމެ ޕޯޑިޔަމެއްގައި ދައްކާ ވާހަތަކަކަށް ވެފައިވާކަމަށެވެ. އެއްވެސް އަސާސެއް އުސޫލެއްނެތި ސިޔާސަތުތައް ވިއްސި ވިހާލި ވެފައިވާކަމަށެވެ. މިއަދު އެމްޑީޕީގެ އެތެެރޭގައި އުފެދިފައިވާ ކޯޅުމަކީ ޕާޓީގެ އެންމެ ޒަމާނީ މެމްބަރުންނާއި ހަމައިން ނިމެން އޮތް ކަމެއްނޫންނެވެ. މިއަދު މިއޮތީ ބޮޑު ދެގެރިީގެ ހަނގުރާމަވެސް ފެށިފައެވެ.
ކައުންސިލް އިންތިޚާބަށް ފޯރީގައި ކެމްޕެއިން ކުރިނަމަވެސް މިކަމުގައިވެސް އަޑިނޭގޭ އެތައްކަމެއް އެބަވެއެވެ. ރައީސް ނަޝީދަކީ އަބަދުވެސް ހަކުޅި ކުރިއަށް ކުޅުއްވާ ބޭފުޅެއްކަމަށް ވިދާޅުުވާއިރު، މިއިންތިޚާބުގެ ކެމްޕެއިނަކީ 2023 ގެ ރިޔާސީ ޓިކެޓް ހޯއްދުމަށް ކުރައްވާ ކެމްޕެއިނެއްކަމަށް އެމްޑީޕީގެ އިސްބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. ކައުންސިލް އިންތިޚާބަށްގަހު އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ދާއިރާތައް ރައީސް ނަޝީދުގެ ތާއީދު އޮތް ކެންޑިޑޭޓުން އިންތިޚާބު ކުރުމަކީ ރައީސް ނަޝީދުގެ މިހާރުގެ އަމާޒެވެ. އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ސުޕަ މެޖޯރިޓީ ހޯއްދެވުމަށް ރައީސް ނަޝީދު މިކުރައްވާ މަަސައްކަތް އެމަނިކުފާނު ވަރަށް ފަސޭހައިން ކާމިޔާބު ކުރާނެކަމަށް އެމްޑީޕީގެ ބޭފުުން ވިދާޅުވެއެވެ.
ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ތެރޭގައި އޮތް ބައިބައި ވުމަކީ އަދި މާބޮޑަށް ފެންނަން ނެތް ބައިބައިވުމަށް ވިޔަސް މިއިންތިޚާބަށްފަހު ރަސްމީކޮށް އެމްޑީޕީގެ އެތެރޭގެ ހަނގުރާމަ ފެށިގެންދާނެކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދަނީ ވިދާޅުވަމުންވެ.
One Response
ނައިބު ރައިސް
ޖަމީލު
އަދީބު
އެމްޑީޕީގެ ބައެއްބާ
އެމީހުނަށްވީ ކިހިނެތް