ލޯކަލް ކައުންސިލް އިންތިޚާބުގައި މިމަހު 10 ވަނަ ދުވަހު ވޯޓުލާއިރު، ސަރުކަރުގެ ގިން ވައުދުތައް ނުފުއްދިވާ ކަމުގެ ޝަކުވާ ބޮޑު

ލާ ކޮންމެ ވޯޓަކީވެސް ޒިންމާއެއް، އެއީ ޙާލަތު ބަދަލުކުރުމަށް ލިބޭ ފުރުސަތެއް!

ލާ ކޮންމެ ވޯޓަކީވެސް ޒިންމާއެއް، އެއީ ޙާލަތު ބަދަލުކުރުމަށް ލިބޭ ފުރުސަތެއް!

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ލޯކަލް ކައުންސިލް އިންތިޚާބާ ދިވެހި މި ކުރިމަތި ލަނީ މުޅި ގައުމަށްވެސް އާދަޔާ ޚިލާފު ޙާލަތެއް ކުރިމަތި ވެފައި ވަނިކޮށެވެ. ކޯވިޑް19ގެ ނުރައްކާ މުޅި ގައުމަށް ކުރިމަތިވެ، އިގްތިސާދީގޮތުން ގައުމު އެތަކެއް ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި ވަނިކޮށެވެ.

ހަމަ އެއާއެކު، އެންމެ ފަހުން ރައްޔިތުން ވޯޓުލާން ނުކުތް އާންމު އިންތިޚާބު ކަމުގައިވާ ރައްޔިތުންްގެ މަޖިލީހުގެ އިންތިޚާބުގައި އެއްޕާޓީއަށް އެމަޖިލީހުގެ މެޖޯރިޓީ ރައްޔިތުންދީ، އެހެންނަމަވެސް، ސުޕަރ މެޖޯރިޓީގެ “ޕާފޮމަންްސް” ކަމުނުގޮސްގެން އެތައްބައެއްގެ ނުރުހުން ރައްޔިތުންގެ މަޖިލީހަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި އަލުން ރައްޔިތުނަށް މިވަނީ ކައުންސިލަތަކަށް މެމްބަރުން އިންތިޚާބުކުރުމަށް ވޯޓުލާން ޖެހިފައެވެ.

މިގޮތުން އެތައް ބައެއްގެ ނަޒަރު ހުއްޓިފައި ހުރީ، ކުރިޔަށް އޮތް ކައުންސިލް އިންތިޚާބަށެވެ.

ކައުންސިލް އިންތިޚާބުގެ ނަތީޖާ ނިކުމެގެން ދާނެ ގޮތެއްގެ މައްޗަށެވެ. ބޮޑު ދެޕާޓީން އިންތިޚާބުގެ މުހިންމު ގޮޑިތަކަށް ނުހަނު ވާދަވެރިކަމާއެކު، ކެމްޕޭން ކުރަމުން ދާއިރު، އިންތިޚާބުގެ ނަތީޖާއިން ބުނެދޭނެ ވާހަކަތައްވެސް މަދެއް ނުވާނެއެވެ.

ހާލަތު ގޯސްވެގެން އެތަކެއް ރައްޔިތުންނެއްގެ ޝަކުވާތައް ބަންޑުންވަމުން ދާއިރު، ހާލަތު ބަދަލު ކުރުމަށް ލިބޭ މިފަދަ ކޮންމެ ފުރުސަތެއްގެ ބޭނުން ރައްޔިތުން ހިފާ ގޮތެއްގެ މައްޗަށް ގައުމުގެ އެތައްކަމެއް ބައްޓަން ވެގެން ދާނެކަމީ، އެއްވެސް ޝައްކެއް ނެތް ކަމެކެވެ.

އެމްޑީޕީން އެޕާޓީގެ ހަރުގެ ކުރިމަތީގައި ކައުންސިލް ކެމްޕޭން އިވެންޓެއް ކުރިޔަަށް ގެންދަނީ

 

މެޖޯރިޓީއަކީ ގައުމަށް އެންމެ ރަގަޅު ގޮތްތަ؟

 

ޑިމޮކްރަސީގައި ރާއްޖެ ކަޑައްތު ކޮށްފައިވާ ކުރުމާޒީއަކީ، އެ ޑިމޮކްރަސީގެ ރާހަތު އެތައްގޮތަކުން ދިވެހިން ކޮށްފައިވާ ދުވަސްތަކެކެވެ. ވަކީން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީވަނީ، ފައިތުވެދިޔަ ތިން ހަތަރު ދައުރެއްގެ ތެރޭގައި އެތައް ގޮތަކުން ބަދަލުވެ، އަދި އޭގެ ނަތީޖާވަނީ އެތައް ގޮތަކުން ނިކުމެފައިވެސް މެއެވެ.

އެމްޑީޕގެ ފުރަތަމަ ވެރިކަމުގައި ރައްޔިތުންގެ މަޖިލިސް އޮތީ ދެއަތަށް ކިރިލަ ކިރިލައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ، އޭރުގެ ސަރުކާރާ ރައްޔިތުންގެ މަޖިލީހާ ކިތައްމެ ކަމެއްގައި ޚިޔާލު ތަފާތު ވެގެން ދިޔަނަމަވެސް، ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނަށް ބޭނުންހާ ކުޅިވަރެއް އޭރަކު ކުޅެވޭގޮތް ނުވީ، މަޖިލިހުގެ ތެރޭގައި ބެލެންސް އޮފް ޕަވަރ އެއް އޮވެގެންނެވެ.

އެހެންނަމަވެސް، ރައީސް ޔާމިނުގެ ދައުރުގައި، މަޖިލިހުގެ ތެރެއިން އިސްވެ ދެންނެވުނު ބާރުގެ ހަމަހަމަކަން ގެއްލި، އެކި އެކި ޕާޓީތަކުން އިންތިޚާބުވި މެމްބަރުން އޭރުގެ ސަރުކާރާ ގުޅި، މަޖިލީހުގެ މެޖޯރިޓީ އެއްކޮޅަށް ބުރަވެ، އަޣުލަބިއްޔަތު އޭރުގެ ސަރުކާރަށް ލިބިގެން ދިޔައެވެ. ނަތީޖާ ފެނިގެންދިޔައީ ވަރަށް ތަފާތު ގޮތަކަށެވެ.

މަޖިލިސް އެއްވެ ގާނޫނުތަކާއި ގާނޫނު އަސާސީ ބަދަލުކޮށް، ދައުލަތުގެ އެކިއެކި މުވައްސަސާތަކަށް ނުފޫޒު ފޯރުވާ، މުޅި ދައުލަތުގެ މިނިވަންކަމާއި، ބެލެންސް އޮފް ޕަވަރ ގެއްލި، ގަޑުބަޑުވެގެން ދިޔައެވެ. މިހާލަތު ގައުމަށް ކުރިމަތިވެގެން ދިޔައީ، އޭރުގެ ސަރުކާރަށް ސުޕަރ މެޖޯރިޓީއާއި ގާތައް މަޖިލީހުގެ މެޖޯރިޓީލިބި، ބާރުގެ ތިލަފަތް އެއް އަތަކަށް އިންތިހާއަށް ބަރުވެގެން ދިޔަ ހިސާބުންނެވެ.

2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ރައްޔިތުން ނިކުމެ އެއްޕާޓީއަކަށް އާދަޔާ ޚިލާފު ބޮޑު މެޖޯރިޓީއެއް ދިނެވެ. އަދި މުޅިން އަލަށް ރައްޔިތުން އެއްޕާޓީއަކާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހަވާލުކުރީވެސް މިއިންތިޚާބުގައެވެ.

ރައްޔިތުން 2019 އަހަރު އެޖެންޑާ19އަށް މަޖިލިސް މެޖޯރިޓީ ދިންނަމަވެސް، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާކަމުގެ ޝަކުވާތައް އިންތިހާއަށް ގިނަ

ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުގެ ދައުރު ދެބައިވެގެން ދިޔައިރު، ހާލަތާއި މަންޒަރު މިއޮތީ ބޮޑުތަން ބަދަލުވެފައެވެ. މަޖިލިސް އިންތިޚާބުގައި ސުޕަރ މެޖޯރިޓީ ހޯދުމަށް ވީ ވައުދުތައް ނުފުއްދި ރައްޔިތުންގެ ޝަކުވާތައްވަނީ އިންތިހާގައެވެ. މަޖިލީހުން މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވާކަމުގެ ޝަކުވާތަކާއި، ބޭނުންވާ ގޮތަށް ދައުވާތައް ނުކުރެވުނީމަ، މުވައްސަސާތަކުގެ ވެރިން މަޖިލީހަށް ހާޒިރުކުރަމުންދާ ކަމުގެ ޝަކުވާތަކާއި، ޖުޑިޝިއަލް ސާވިސް ކޮމިޝަން ސިޔާސީ ވެފަ އޮތް އޮތުމަށް ހައްލެއް ހޯދަން ބޭނުންނުވެ، އެކޮމިޝަނާ ގުޅޭގޮތުން އެންމެ ގިނައިން ވާހަކަ ދެއްކެވި ބޭފުޅުންގެ އަތްމައްޗަށް އެކޮމިޝަން ލިބި، އެހެނަސް، ހަމަ އެކޮމިޝަންގެ ބޭނުންކޮށް، މުޅި ޖުޑިޝަރީ ރެގިއުލޭޓް ކުރަމުންދާދިއުމުގެ ޝަކުވާތަކާއި، މިހެންގޮސް ކޮޅުން ނުލާހާ ގިނަ އެތަކެއް ޝަކުވާތަކެކެވެ.

އިއްޔެވެސް މިއަދުވެސް، ފެންނާން އޮތް ހަގީގަތަކީ، ރައްޔިތުން އިންތިޚާބުކުރާ މަގާމަތަކުގައި މެމްބަރުން ތިއްބަވާ މުވައްސަސާތަކުގައި، މެޖޯރިޓީ އެއްކޮޅަށް ބުރަވުމުގައި، އަބަދުވެސް ގެއްލުން ހުރިކަމެވެ. އޭރުވެސް މިހާރުވެސް ކަމުގެ ހަގީގަތް އޮތީ ހަމަ މިބީދައިންނެވެ. ސަބަބަކީ، ސިޔާސީ ޖަޒުބާތުގައި ޖެހުުމުން، އަބަދުވެސް، ސިޔާސީ ގޮތުން ހޭލުންތެރިކަން ކުޑަ، އަދި އަމުދުން ސިޔާސީ މަސްރަހުގެ ބަސްކިޔާ މަގާމްތަކުގައި އިލްމާއިހިލްމު ނުލިބިތިބި މީހުންގެ ގިނަ، ރާއްޖެފަދަ ތަނެއްގައި މެޖޯރިޓީ ސިޔާސީ ހަތިޔާރަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު އެންމެ ގާތުގައި އޮންނާތީއެވެ.

އަދި މިރާއްޖޭގައި ކަން ހިގާފައި އޮތީވެސް އެގޮތަށެވެ. އެއީ ރައްޔިތުންގެ މަޖިލިސްކަމުގައި ވިނަމަވެސް، ލޯކަލް ކައުންސިލްތައް ކަމުގައި ވިނަމަވެސް، މިއީ ދެބަސްވެވެން ނެތް ހަގީގަތެއްވެސްމެއެވެ.

 

ރައްޔިތުންނަށް ލިބެނީ މަދު ފުރުސަތުތަކެއް، އެއީ އިންތިޚާބުތައް

 

ދިވެހި ރާއްޖޭޭގެ ގާނޫނު އަސާސީގައި ލިޔެވިފައި އޮންނަނީ، ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައެވެ. އަދި އެބާރުތައް ދެމިއޮންނާނީވެސް، ހަމަ ރައްޔިތުންގެ ކިބައިގައި ކަމަށްވެސް، އެގާނޫނު އަސާސީގައި ލިޔެވި ބަޔާން ކޮށްފައި އޮވެއެވެ.

އޭގެ އެންމެ އަސާސީ ތަރުޖަމާއަކަށް ދާނަމަ، ގާނޫނު އަސާސީގައި މިބަޔާން ކުރާ އެންމެ މުހިންމު ނުކުތާއަކީ، ދައުލަތުގެ އިސްމަގާމްތަކަށް ރައްޔިތުންގެ ވޯޓުން އެރައްޔިތުންނަށް ޚިދުމަތް ކުރަންތިބޭ މީހުން އިންތިޚާބު ކުރާ ވާހަކައެވެ.

އިންތިޚާބުތަކުގައި ރައްޔިތުން ވޯޓުލާ ގޮތެއްގެ މައްޗަށް ދައުލަތުގެ ބާރުތައް ތަރުތީބުވެގެން ދެއެވެ. އަދި އެބާރުތައް ދެމިއޮންނަނީވެސް، ދެން އަންނަ އިންތިޚާބަކާ ހަމައަށް ރައްޔިތުން ވޯޓުލީ ގޮތެއްގެ މައްޗަށެވެ.

މި ސަބަބަށްޓަކާ، ވޯޓުލުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތު އަބަދުވެސް ވެގެންދަނީ، ދުރުމިއަޅާ މާޒީގެ ސަފުހާތަކުން ހޯދާބަލާ، މިނެ ކިރުމަށްފަހު، ގޮތް ނިންމަން ރައްޔިތުންނަށް ލިބޭ ހަމައެކަނި ފުރުސަތު ކަމުގައެވެ. މިފުރުސަތުގެ ބޭނުން ފުރިހަމަޔަށް ރައްޔިތުން ކޮށްފިނަމަ، ވެރީން ޒިންމާދާރުކުރުމުގެ ބާރު ރައްޔިތުންގެ އަތްމަތީގައި އޮންނާނެއެވެ. ސިޔާސީ ޖަޒުބާތުގައި، ވަޖިދުވަދެ، އަމިއްލަ ބުއްދިން ވިސްނުމަކާ ނުލާ، ވޯޓު ލައިފިނަމަ، އޭގެ ހިތި ނަތީޖާއާއި ރައްޔިތުން ކުރިމަތި ލާންޖެހެއެވެ. މިއި މާޒީގައި ކަން ހިގާފައިވާ ގޮތެވެ. އަދި އެއީ ދުނިޔޭގެ ތަބައީ އުސޫލުކަމުގައިވެސް ބައެއް މީހުން ބުނެ އުޅެއެވެ.

އެހެންކަމުން، ވާވައުދުތަކަށް އިތުބާރު ކުރަންވާނީ، ވައުދު ފުއްދުނު މިންވަރު ފުރިހަމަޔަށް ވަޒަން ކުރުމަށް ފަހުއެވެ. އަދި ފުއްދަމުންދާ މިންވަރެއްގެ މައްޗަށް ބިނާކޮށް، ވާނުވާ ރަގަޅަށް އެގިތިބެ މެއެވެ. ވޯޓު ހޯދަން ދޮރުދޮރަށް ކެނޑިޑޭޓުން ޒިޔާރަތް ކުރުމުން އިސްވެ ދެންނެވުނު ކަންކަން ފުރިހަމަޔަށް ވަޒަން ކުރުމުގެ ފުރުސަތު ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިގެން ދާނެއެވެ. ވާވައުދުކަށް އިތުބާރު ކުރަންވާނީ، ވީ ވައުދުތައް ފުއްދިފައިވާ ނަމައެވެ.

ވޯޓު ލުމުގެ ހައްގަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެ އަސަސީ އަދި އެންމެ ނުފޫޒުގަދަ ހައްގުވެސްމެ

ކައުންސިލް އިންތިޚާބަށް އެންމެ ދުވަހެއް

 

ކުރިޔަށް އޮތީ އަނެއްކާވެސް، އިންތިޚާބެކެވެ. މިފަހަރު ލޯކަލް ކައުންސުލް އިންތިޚާބެވެ. ނުހަނު ހަލަބޮލި ސިޔާސީ 5 އަހަރަށްފަހު، ރައްޔިތުން ނުކުމެ ވޯޓު ލައިގެން ގައުމުގެ ރިޔާސަތު ބަދަލު ކުރިތާ އަދި 2 އަހަރާ ބައި ވެގެނެއް ނުދެއެވެ. ހަމަ އެހާމެ ހަލަބޮލި، 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމުމަކަށް އައިސް، އާމަޖިލީހެއް އިންތިޚާބު ކުރިތާ 2 އަހަރު ފާއިތު ވެގެނެއް ނުދެއެވެ. ކައުންސިލްތަކުގެ ދައުރު ފުރިހަމަވެ، ކުރިމަތިވެފައިވާ ކޯވިޑް ރޯގާގެ ނުރައްކަލުގެ ސަބަބުން، ދައުރު 1 އަހަރަށް ދިގު ދަންމާލާ، ވަގުތީ ދައުރުވެސް ފުރިހަމަވެ، އާ ކައުންސިލެއް އިންތިޚާބު ކުރުމަށް އަންނަ ހޮނިހިރު ދުވަހު ވޯޓުފޮށިތައް ކައިރިއަށް ވޯޓުލާން ރައްޔިތުން ނިކުންނާނެއެވެ.

ކައުންސުލް އިންތިޚާބުގައި ވޯޓުލާން ރައްޔިތުން ނިކުންނައިރު، ސަރުކާރު ހިންގާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވަނީ، ގައުމުގެ ރައީސްކަން އެޕާޓީއަށް ދީގެން ކަމެއް ކުރެވިފައި ނެތަސް، އެޖެންޑާ19އަށް އިތުބާރު ކޮށްގެން، މަޖިލިސް އެޕާޓީއަށް ދީގެން ކުރެވުނު ކަމެއް ނެތަސް، ކައުންސިލްތަކުގެ މެޖޯރިޓީ އެޕާޓީއަށް ދިނުމުން ހުރިހާކަމެއްވެސް ފުދިގެން ދާނެ ކަމުގައެވެ.

އަދި މި ޝިއާރުގެ މަތީގައި ހުންނަވާ، ނަޝީދު ގެންދަވަނީ، އެޕާޓީގެ ކެނޑިޑޭޓުންނާއެކީ މަގުތައް މަތީގައި ކެމްޕޭން ކުރައްވަމުންނެވެ.

އިދިކޮޅުގައި އޮތީ، ޕީޕީއެމްއެވެ. އެޕާޓީންވެސް ގެންދަނީ ނުހަނު ފޯރީގައި ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރަމުންނެވެ. އެޕާޓީން ބުނަމުން ދަނީ، ކޮރަޕްޝަނާއި، ފަސާދައާއި އަނިޔާވެރިކަމަށް ނިމުން އަންނާނީ އެޕާޓީގެ ފަރާތުން ކައުންސިލްތަކަށް ވާދަކުރާ ކެނޑިޑޭޓުންނަށް ވޯޓު ދީގެން އެކަނިކަމުގައެވެ.

އަބަދުވެސް ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ، އުމަރު ނަސީރު ވިދާޅުވަނީ، ރުކަކަށް، ތިލަފަތަކަށް ދޮލަނގަކަށް ބައލިގެން ވޯޓު ދީފިނަމަ، ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ހޯދުމުގައި ކުރިއެރުމެއް ލިބިގެން ނުދާނެ ކަމުގައެވެ.

ކޮންމެއަކަސް، އެގެން އޮތް އެއް ހަގީގަތެއް އެބަ އޮތެވެ. ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވޯޓު ދޭ ގޮތެއްގެ މައްޗަށް ރާއްޖޭގެ ސިޔާސީ މަސްރަޙު އަލުން އެތުރިގެން ދާނެކަމެވެ. އަދި ވަކީން ޚާއްސަކޮށް، ކައުންސިލް އިންތިޚާބު ވެގެން މިދަނީ، ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މިދައުރުގައި ރައްޔިތުން ކުރިމަތިލާން އެންމެ ފަހުގެ އާންމު އިންތިޚާބު ކަމަށްވާތީ، މި އިންތިޚާބަށްފަހު، އެމަނިކްފާނުގެ ސިޔާސީ ކުރިމަގާ ގުޅޭގޮތުންވެސް އުފެދިފައިވާ އެތަކެއް ސުވާލުތަކަށް އޭގެ ޒާތުގައި ޖަވާބު ލިބިގެން ދާނެކަމެވެ.

ރައީސް ސޯލިހު ރައްވެހި ފަތިސް ކެމްޕޭން ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ

އެހެންކަމުން، އިންތިޚާބުތަކުގައި ވޯޓުލާން ނިކުންނައިރު، ރައްޔިތުން މިއަދަށްވުރެ ބޮޑުކޮށް ވިސްނާ ފިކުރުކުރަން ޖެހޭކަން ޔަގީނެވެ. ވާ ވައުދުތަކުގެ މައްޗަށް ވޯޓު ލުމުގެ ބަދަލުގައި، ވީ ވައުދުތައް ފުއްދުމުން މެނުވީ ވާ ވައުދުތަކުގެ ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭން ރައްޔިތުން ދަސްކުރަން އެބަ ޖެހެއެވެ. ހަމަ ކޮންމެ އިންތިޚާބަކީ، ޕާޓީގެ ކުލައިން ޖަރީ ކޮށްފައި ހުންނަ ހެދުން ލައިގެން، ވަޖިދުވަދެ، ބެރު ދުއްމާރީގައި ނަށާ ލަވަކިޔަމުން ގޮސް ވޯޓުލާ އިންތިޚާބަކަށް ނުހެދުމަށްޓަކާ، އަމިއްލަ ވިސްނުމާއި ބުއްދީގެ ބޭނުން މިއަށްވުރެ ބޮޑަށް ކުރުން އަޅުގަޑުމެން ހަމަ ކޮންމެ މީހަކަށްވެސް މިއަދު ލާޒިމް ވެއްޖެއެވެ.

އަދި މިހުރިހާ ކަމެއްގެ މައްޗަށް ވިސްނާ، އެއް ޕާޓީއަކަށް ސުޕަރ މެޖޯރިޓީ ނުދިނުން އެއީވެސް ގައުމަށް އެންމެ ފައިދާ ހުރިގޮތް ކަމުގައިވެސް މިއަދު ގަބޫލުކުރަން އެބަ ޖެހެއެވެ. ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމުގައިވެސް، ބާރުތައް ހަމަހަމަކޮށް ބަހާލުމުގެ ވިސްނުން ރައްޔިތުން ނުގެންގުޅެފި ނަމަ، އެނެއްކާވެސް، ރައްޔިތުންނަކީ ގުބޯ ހެއްދިދާނެ ބައެއް ކަމަަށް ސިޔާސީ ފަތާތްތަކަށް ހީކުރެވިފައި އޮންނަ އޮތުމުގައި ހަގީގަތްތަކެއް އޮތްކަން ގަބޫލު ކުރުމަށް ފުރުސަތު އިތުރަށް ދެވުނީއެވެ.

ތިމާމެންގެ ހާލަތު ބަދަލުކުރުމުގެ ހުރިހާވެސް ބާރެއް އޮތީ ހަމަ ތިމާމެންގެ އަތް މަތީގައެވެ. އެބާރުގެ ބޭނުން ފުރިހަމައަށް ކޮށް، ތިމާމެންގެ ހާލަތު ބަދަލުކުރުމުގެ އަޒުމުގައި ވޯޓު ލަައިފިނަމަ، އޭގެ ރަގަޅު ނަތީޖާއާއި ހަމައަށް އިސާހިތަކުން ވާސިލް ވެދާނެކަމީ އެއްވެސް ޝަކްކެއް އޮތްކަމެއް ނޫނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published.