އިޓާލިއަން ލީގުގައި މިރޭ މިލާންގެ އެންމެ ބޮޑު ދެ ކުލަބް ބައްދަލުކުރި މެޗު އޭސީ މިލާނުން ކާމިޔާބުކޮށްފި އެވެ. އިންޓަރ މިލާނުގެ މައްޗަށް އޭސީ މިލާނުން މިރޭ ކުރި ހޯދައިފައިވަނީ 1-2 އިންނެވެ.
މިއީ އޭސީ މިލާނުން އިންޓައާ ދެކޮޅަށް ލީގުގައި މިދިޔަ 10 އަހަރުތެރޭ މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ. 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޓައާ ވާދަކޮށް މިލާން 1-0 އިން ކުރި ހޯދި މެޗުގައި ވެސް ލަނޑު ޖެހީ މިރޭ މިލާނަށް ދެ ލަނޑު ޖަހައިދިން އިބްރަހިމޮވިޗެވެ.
މިރޭގެ މެޗުގައި އޭސީ މިލާނުން ކާމިޔާބުކުރި ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ސްވިޑަނަށް އުފަން އުމުރުން 39 އަހަރުގެ ޒަލަޓަން އިބްރަހިމޮވިޗެވެ. ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި އޭނާ ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއެއް ގޯލަށް ފޮނުވާލުމުން އިންޓަރ މިލާންގެ ގޯލްކީޕަރު ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު އަލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އޭސީ މިލާނަށް ލީޑް ފުޅާކޮށްދިން ލަނޑު އިބްރަހިމޮވިޗް ކާމިޔާބުކުރީ މެޗްގެ 16 ވަނަ މިނެޓްގައި އޭސީ މިލާނުގެ ރަފައެލް ލިއާއޯ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މެޗުގައި އިންޓަރ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގެ 29 ވަނަ މިނެޓްގައި ބެލްޖިއަމްގެ ރޮމޭލޫ ލުކާކޫ އެވެ.
މި މޮޅާއެކު އޭސީ މިލާން މިވަގުތު އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގަ އެވެ. އިންޓަރ އޮތީ ހަތް ޕޮއިންޓާއެކު ހަވަނައިގައެވެ.