10 އަހަރުވެފައިވާ އަހުލީ ހަގުރާމާގައި ސީރިއާގެ ބޮޑު ބައެއް ވަނީ ވީރާނާވެ ސުންނާފަތި ވެފައި

ސީރިއާގެ އަހުލީ ހަގުރާމައަށް 10 އަހަރު: މުހިންމު ބައެއް ތާރީޚް ތަކާއި ހާދިސާތައް

ސީރިއާގެ އަހުލީ ހަގުރާމައަށް 10 އަހަރު: މުހިންމު ބައެއް ތާރީޚް ތަކާއި ހާދިސާތައް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ސީރިއާގައި ހިގަމުންދާ އަހުލީ ހަގުރާމައަށް މިއަދު 10 އަހަރު ފުރިއްޖެއެވެ.

މިހަގުރާމާގައި މިހާތަނަށް 380،000 މީހުން މަރުވެ، އެތައް މިލިއަން މީހުންނެއް ގައުމު ދޫކޮށް ވަނީ ދާން ޖެހިފައެވެ.

މި ލިޔުމުގައި މި ގެނެސްދެނީ، ނުހަނު ގެއްލުން ބޮޑު، އަދި އެހާމެ އަނިޔާވެރި މި ހަގުރާމައިގެ، ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ހިގާފައިވާ މުހިންމު ބޮޑެތި ހާދިސާތަކާއި ތާރީޚުތަކެވެ.

ސީރިއާގައި މިހާރު ކުރިޔަށްދާ އަހުލީ ހަގުރާމަ އެންމެ ފުރަތަމަ ފެށިގެން ދިޔައީ، އެތައް އަހަރެއް ވަންދެން ސީރިއާގައި ދިގުދެމިގެންދާ އަސަދުގެ ދަރިކޮޅުގެ ވެރިކަމުގެ އެތައް އަހަރަކަށްފަހު، 2000 ވަނަ އަހަރު މިހާރުގެ ރައީސް ބައްޝާރުލް އަސަދުގެ ބައްޕާފުޅު ހާފިޒުލް އަސަދު އަވަހާރަވެ، ބައްޝާރުލް އަސަދު ވެރިކަމާ ހަވާލުވިތާ 10 އަހަރުފަހުން، 2011 ވަނަ އަހަރު އެގައުމުގެ ފެށިގެންދިޔަ ސަރުކާރާ ދެކޮޅު މުޒާހިރާތަކާއި ހަމައިންނެވެ.

އެއަށްފަހު މި މުޒާހިރާތައް ހުއްޓުމަކަށް ގެނައުމަށްޓަކާ، އެގައުމުގެ ސަރުކާރުން އަޅަންފެށި ފިޔަވަޅުތަކާއި، އަދި ދޭންފެށި ހަމަލާތަކށް ނިމުމެއް ނައިސް، ގައުމުގެ ތަފާތު ދަރިކޮޅުތަކަށް މި ހަމަނުޖެހުންތައް ފެތުރި، އެންމެ ފަހުން ބޭރުގެ ގައުމުތަކުންވެސް މި ހަގުރާމައިގެ ތެރެއަށް ވަދެ، ސީރިއާގެ އަހުލީ ހަގުރާމައަކަށް މިހަގުރާމަ ބަދަލު ވެގެން ދިޔައީއެވެ.

މި ހަގުރާމާގައި، ސީރިއާގެ ސަރުކާރާ ދެކޮޅަށް ހަގުރާމަ ކުރަމުންދާ ފްރީ ސީރިއަން އާރމީ (FSA)އަކީ، ކުރިން ސީރިއާގެ އަސްކަރިއްޔާއަށް ޚިދުމަތްކުރި ކާރނަލަކު ފިއްލަވައިގެން ތުރުކީއަށް ހިޖުރަކޮށް، އެގައުމުގައި ހުންނަވައިގެން، ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް އެކުލަވާލެއްވި އިދިކޮޅު ހަގުރާމަވެރި ޖަމާއަތެކެވެ.

މިއަށްފަހު، ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ސީރިއާގައި ހަގުރާމަ ކުރަންފެށި، ވަކިވެގަތުމަށް މަސައްކަތް ކުރާ އިދިކޮޅު ހަގުރާމަވެރިންނަށް ހުޅަގުގެ ގައުމުތަކުންނާއި އަދި އަރަބި ބައެއް ގައުމުތަކުގެ އެހީތެރިކަންވެސް ލިބެން ފެށިއެވެ.

މި ހަގުރާމައިގެ ކުރީކޮޅު، އިދިކޮޅު ހަގުރާމަވެރިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ވެއެވެ. މިގޮތުން، ސީރިއާގެ ބޮޑެތި ސިޓީތަކެއް މި ޖަމާއަތްތަކުގެ ބާރުގެ ދަށަށް ގެނެސް، ސީރިއާގެ ތިންވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ހޯމްސްގެ މެދުރެގޭ ސަރަހައްދުތަކާއި، ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ އަލެއްޕޯގެ ބޮޑުބައެއް ހަގުރާމަވެރި ޖަމާއަތްތަކުގެ ބާރުގެދަށަށް ގެނެސްފައި ވެއެވެ.

2012 ވަނަ އަހަރު، ފްރީ ސީރިއަން އާރމީ (FA)އިން އެގައުމުގެ ވެރިރަށް ދަމަސްކަސް އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް ހަގުރާމަ ކޮށްފައިވެއެވެ. އެހެންނަމަވެސް، ސީރިއާގެ އަސްކަރިއްޔާއިން ވެރިކަން ކުރާ ސިޓީގެ ކޮންޓްރޯލް ދެމެހެއްޓިއެވެ. ވެރިރަށް ހިފުމަށް އިދިކޮޅު ހަގުރާމަވެރިން ހިންގި އޮޕްރޭޝަންގައި އޭރު އަތުލެވިގެން ދިޔައީ، ވެރި ރަށުގެ ރަށްބޭރުގައިވާ ބައެއް ކުދި ކުދި އަވަށްތަކެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް ވާރ މޮނިޓަރއިން މައުލޫމާތު ދީފައިވާ ގޮތުގައި، 2013 ވަނަ އަހަރު، ސީރިއާ ސަރުކާރުގެ ހެލިކޮޕްޓަރ ތަކާއި އަދި ފައިޓަރ ޖެޓްތައް ބޭނުންކޮށްގެން، އިދިކޮޅު ހަގުރާމަވެރިންގެ ބާރުގެ ދަށުގައިވި ސަރަހައްދުތަކަށް، ބެރަލް ބޮންތައް ސީރިއާގެ އަސްކަރިއްޔާއިން އަޅާފައިވެއެވެ.

އަދި ހަމަ އެއަހަރު، އިރާނުން ތާއީދުކުރާ، ލުބުނާނުގެ ޝީއީންގެ ހަގުރާމަވެރި ޖަމާޢަތް ހިޒްބުﷲއިން އެޖަމާއަތުގެ ހަގުރާމަވެރިން ސީރިއާ ސަރުކާރަށް އެހީތެރިވެދިނުމުގެ ގޮތުން ހަގުރާމަކުރުމަށް ސީރިއާއަށް ފޮނުވާފައި ވެއެވެ. އަދި މިދަޑިވަޅާ ދިމާކޮށް އިރާނުންވެސް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ފޯރުކޮށްދެމުން އައި އެހީތެރިކަން އިތުރު ކޮށްފައި ވެއެވެ.

2013 ވަނައަހަރު، ސީރިއާގެ ވެރިރަށް ދަމަސްކަސްގެ ވަށައިގެންވާ ސަރަހައްދު ތަކުގައި، އިދިކޮޅު ހަގުރާމަވެރިންގެ ބާރުގެ ދަށުގައި އޭރު އޮތް ސަރަހައްދުތަކަށް ކެމިކަލް ހަތިޔާރު ބޭނުން ކޮށްގެން ހަމަލާ ދީފައި ވެއެވެ. އެހެންނަމަވެސް، މި ތުހުމަތުތަކަށް ދަމަސްކަސްއިން ދެކޮޅު ހަދާފައި ވެއެވެ. މި ހަމަލާތަކުގައި، އިދިކޮޅު ހަގުރާމަވެރިންގެ ސަރަައްދުތަކުގައި، 1،400 މީހުން މަރުވެފައި ވެއެވެ.

ކެމިކަލް ހަތިޔާރު މިހަމަލާތަކަށްފަހު، ސީރިއާ ސަރުކާރަށް އަދަބު ދިނުމުގެ ގޮތުން، އަސްކަރީ ހަމަލާ ދޭނެކަމުގެ އިންޒާރު އެމެރިކާއިން ދިން ކަމުގައިވި ނަމަވެސް، އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާ ވަނީ، ސީރީއާށް ހަމަލާ ނުދިނުމަށް ފަހުން ނިންމާ، ސީރިއާގެ ސަރުކާރުގެ ބެލުމުގެ ދަށުގައިހުރި ކެމިކަލް ހަތިޔާރުގެ ސްޓޮކްތައް ނައްތާލުމަށް، ރަޝިއާއާއެކު އެއްބަސް ވެފައެވެ.

2014 ވަނަ އަހަރުގެ ޖޫންމަހު، ސީރިއާއާއި އިރާގުގައި، އައިސިސްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގައި އެ ޖަމާއަތުން އިސްލާމީ ޚިލާފަތެއް އިއުލާން ކުރިއެވެ.

ހަމަ އެއަހަރުގެ ސެޕްޓެމްބަރުމަހު، އެމެރިކާއިން އިސްވެ އޮވެ އުފެއްދި އަސްކަރީ ކޯލިޝަނުން، ސީރިއާގައި، އައިސިސްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކަށް އަސްކަރީ ހަމަލާތައް ދޭންފެށިއެވެ.

އަދި މި ހަމަލާތަކާއެކު، 2013 ވަނަ އަހަރު، އަމިއްލަ މިނިވަންކަމާއެކު ކުރުދީންގެ މެޖޯރިޓީއާއެކު ކުރިދީންގެ ސަރަހައްދުތަކުގައި ހިންގަމުން އައި ގުރޫޕްތަކުން، ސީރިއާގެ އަރަބީންނާ އެއްބައިވެ، އެމެރިކާގެ އެހީތެރިކަމާއެކު، ސީރިއަން ޑިމޮކްރަޓިކް ފޯރސް (SDF)ގެ ނަމުގައި މުޅިން އާ ހަރަކާތެއް އުފަން ކުރިއެވެ.

އެމެރިކާގެ އެހީތެރިކަމާއެކު ހަރަކާތްތެރިވަމުން އައި މި ހަގުރާމަވެރި ހަރަކާތުން، ސީރިއާގެ މުހިންމު ބައެއް ސަރަހައްދުތަކުން އައިސިސްގެ ބާރުތައް ކަޑުވާލިއެވެ. އަދި 2017ވަނަ އަހަރު، އައިސިސްއިން، ސީރިއާގައި ކުރަމުން އައި އަމިއްލަ ވެރިކަމުގެ ވެރިރަށް ކަމުގައިވާ ރަޤާއިން އެމީހުން ބޭރުކޮށް، 2019 ވަނަ އަހަރު، އައިސްއިން ސީރިއާގައި ކޮންޓްރޯލް ކުރަމުންއައި އެންމެ ފަހު ސަރަހައްދު ކަމުގައިވާ، އިރާގް ބޯޑަރު ކައިރީގައިވާ ބެންގާޒީގެ ވިލެޖެއް އައިސިސްގެ ބާރުގެ ދަށުން ސަލާމަތްކޮށް ހިފިއެވެ.

2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ އެންމެ ގާތް އެކުވެރި، ރަޝިއާއިން، ސީރިއާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންގައި، އަސަދުގެ ސަރުކާރާ ދެކޮޅު ހަގުރާމަވެރިންގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދޭންފެށިއެވެ.

އެއްވެސް ބަޔަކަށް ކާމިޔާބެއް ނުލިބި، ދިގުލައިގެން ގޮސްފައިވާ މިއަހުލީ ހަގުރާމަ މުޅިން އާ މިސްރާބަކަށް ބަދަލުވެގެން ދިޔައީ މިހާހިސާބުންނެވެ.

ރަޝިއާ ސަރުކާރުގެ އަސްކަރީ އެހީތެރިކަމާއެކު، ސީރިއާގެ އެތަކެއް ރައްޔިތުންނެއް މަރުވެދިޔަ، ގެއްލުންބޮޑު މި އަސްކަރީ ކެމްޕޭނުގައި ސީރިއާ ސަރުކާރުން އިދިކޮޅު ހަގުރާމަވެރިންގެ ބާރުގެ ދަށުގައި އެހާތަނަށް ހުރި ގިނަ ސަރަހައްދުތައް އެގައުމުގެ ސަރުކާރު ބާރުގެ ދަށް ގެންދިޔައެވެ. މިގޮތުން 2016 ވަނަ އަހަރު، އިދިކޮޅު ހަގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް މުހިންމު ސިޓީއެއްކަމުގައިވާ އަލެއްޕޯއިން ފެށިެގން ގޮސް އިރުމަތީ ސިޓީއެއް ކަމުގައިވާ ގައުޓާވެސް ސީރިއާގެ އަސްކަރިއްޔާއިން އެމީހުންގެ ބާރުގެދަށަށް ގެނެސްފައި ވެއެވެ. އަދި 2018 ވަނަ އަހަރު، ހަގުރާމެރިން ކޮންޓްރޯލް ކުރަމުންއައި، ވެރިރަށް ދަމަސްކަސްގެ ރަށްބޭރުގައިވާ ގިނަ އަވަށްތަކެއްވެސް ސަރުކާރު ސިފައިން ހިފާފައިވެއެވެ.

2017 ވަނައަހަރު، ސީރިއާގެ އިދިކޮޅު ހަގުރާމަވެރިކްގެ ބާރުގެ ދަށުގައި އޮތް ޚާން ޝެއިންޚުން އަވަށަށް ދެވުނު ސެރިން ގޭހުގެ ހަމަލާއެއްގައި 80 މީހަކު މަރުވެފައި ވެއެވެ.

ވިހަ ގޭހެއް ކަމުގައިވާ ސެރިން ގޭހުން ދީފައިވާ މިހަލާއަށް އަދަބު ދިނުމުގެ ގޮތުން، މިހަމަލާ ލޯންޗް ކޮށްފައިވާކަމަށް ބެލެވުނު އެއަރ ބޭސްއަށް އަސްކަރީ ހަމަލާ ދިނުމަށް އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކޮށްފައިވެއެވެ.

އަދި އޭގެ އަހަރެއްފަހުން، ވެރިރަސް ދަމަސްކަސްގެ ކައިރީގައި އޮންނަ، އިދިކޮޅު ހަގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އަވަށެއްކަމުގައިވާ ދައުމާއަށް ސީރިއާއާގެ އަސްކަރިއްޔާއިން ކެމިކަލް ހަތިޔާރު ބޭނުން ކޮށްގެން ހަމަލާ ދީފައިވާކަމުގެ ތުހުމަތުގައި، އެމެރިކާ، ފްރާންސް އަދި އިގިރޭސިވިލާތުން ގުޅިގެން ސީރިއާގެ އަސްކަރިއްޔާއާއި ދެކޮޅަށް އަސްކަރީ ހަމަލާތައް ދީފައި ވެއެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހު، ސީރިއާގައި ހަރަކާތްތެރިވަމުން އައި ކުރުދީންގެ ހަގުރާމަވެރިންނާ ދެކޮޅަށް ތުރުކީގެ އަސްކަރިއްޔާއިން އަސްކަރީ ކެމްޕޭނެއް ލޯންޗު ކޮށްފައިވެއެވެ. ތުރުކީންގެ މި އަސްކަރީ ހަމަލާތަކަކީ، ތުރުކީގައި ހިންމުންދާ ވަކިވެގަތިމަށް މަސައްކަތް ކުރާ، އެގައުމުގެ ސަރުކާރުން “ޓެރަރިސްޓުން”ގެ ގޮތުގައި ދެކޭ ކުރުދީން ހަގުރާމަވެރިންނާ ގުޅުން އޮންނަ، ސީރިއާގައި ހަރަކާތްތެރިވާ ހަގުރާމަވެރިންނާ ދެކޮޅަށް ފެށި ހަމަލާތަކެކެވެ.

މި އަސްކަރީ ކެޕްމޭނުގެ އަމާޒަކަށްވީ، ތުރުކީ ސީރިއާބޯޑަރުގައި، 120 ކިލޯ މީޓަރަށް ދިގު ދެމިގެންދާ އަދި، ސީރިއާގެ އެތެރެއަށް 30 ކިލޯ މީޓަރަށް ފެތުރިފައިވާ ސަރަހައްދު ތުރުކީގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމެވެ.

އަދި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ސީރިއާގެ އަސްކަރިއްޔާއިން، އެގައުމުގެ ސަރުކާރާދެކޮޅަށް ހަގުރާމަ ކުރަމުންއައި ޖިހާދިސްޓުންގެ ބާރުގެ ދަށުގައިއޮތް ހަމައެކަނި ސިޓީ ކަމުގައިވާ އިދްލިބް ހިފުމަށް، ވަރުގަދަ އަސްކަރީ ކެމްޕޭނެއް ކުރިޔަށް ގެންގޮސްފައި ވެއެވެ.

މި ސިޓީ ހިފުމަށް އެތައް މަހެއް ވަންދެން، ބޮން އެޅުމާއި އަދި އެނޫން ގޮތްގޮތުންވެސް ހަގުރާމަ ކުރުމަށްފަހު، އިދިކޮޅު ފަރާތްތަކާ ސީރިއާ ސަރުކާރާ ދެމެދު ސުލްގައި އެއްބަސްވުމެއް ވެވުނެވެ.

ސިރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފު ބޮޑެތި ޖަރީމާތަކުގެ ތުހުމަތުގައި ފުރަތަމަ ފަހރަށް، މިއަަހުރުގެ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު، ޖަރުމަނުގެ ކޯޓަކުން ވަނީ ސީރިއާގެ އިންޓެލިޖެންސް ސާވިސްގެ އޭޖެންޓަކު ކުއްވެރިވާ ކަމަށް ނިންމާފައެވެ.

އުމުރުން 44 އަހަރުގެ އިޔާދު އަލް-އާރިބް ނަމަކަށް މިޔާ މިމީހާގެ މައްޗަށް ޖަރުމަރުގެ ކޯޓަކުން 4 އަހަރާ ބައިގެ މުއްދަތަތުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، 2011 ވަނައަހަރު ސީރިއާގައި ޑުމާގައި ހިގި މުޒާހިރާތަކުގައި ބައިވެރިވި 30 މީހަކު ހައްޔަރުކުރުމަށް އެހީތެރިވެދީ، އަދި ފަހުން މިމީހުންނަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައެވެ.

10 އަހަރުވަންދެން ހިގަމުންއަންނަ މިއަހުލީ ހަގުރާމާގައި، އަސަދުގެ ސަރުކާރުގެ އަސްކަރިއްޔާއިން ބޮޑެތި ކާމިޔާބީޔަކެއް ހާސިލްކޮށް، އެގައުމުގެ %60 ސަރަހައްދު މިހާރުވަނީ އަސްކަރިއްޔާގެ ބާރުގެ ދަށުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.